Roadha Mihaaru
ދިވެހި ޝެފުންނަށް ހާއްސަ ޕޯޓަލްއެއް ތައާރަފްކޮށްފި

ދިވެހި ޝެފުންނަށް ހާއްސަ ޕޯޓަލްއެއް ތައާރަފްކޮށްފި

10 އޮކްޓޯބަރ 2022

ދިވެހި ޝެފުންނާއި ރާއްޖޭގައި މަސައްކަތްކުރާ އެހެން ގައުމުތަކުގެ ޝެފުންނަށް ހާއްސަކޮށްގެން "މޯލްޑިވްސް ޝެފްސް ފޯރަމް"ގެ ނަމުގައި ޕޯޓަލްއެއް ތައާރަފްކޮށްފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ދިވެހި ޝެފުންނާއި ރާއްޖޭގައި މަސައްކަތްކުރާ އެހެން ގައުމުތަކުގެ ޝެފުންނަށް ހާއްސަކޮށްގެން "މޯލްޑިވްސް ޝެފްސް ފޯރަމް"ގެ ނަމުގައި ޕޯޓަލްއެއް ތައާރަފްކޮށްފި އެވެ.

ހޮޓެލް އޭޝިއާ ހުޅުވަން މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ޕޯޓަލް ތައާރަފްކޮށްދެއްވީ ކަލިނަރީ ޗެލެންޖުގެ ޕްރޮޖެކްޓު ޑައިރެކްޓަރު ޝެފް، އެލެން ޕާމާ އެވެ. މިއީ ރާއްޖޭގައި ފެށި މިފަދަ ފުރަތަމަ ޕޯޓަލެވެ.

ޝެފް ޕާމާ ވިދާޅުވީ މި އަަހަރުގެ ކަލިނަރީ ޗެލެންޖުގައި ދިވެހި ޝެފުންގެ ބައިވެރިވުމާއި ޖަޖިން ޕެނަލްގެ ރުކީ 10 ޖަޖުންގެ ތެރެއިން 9 ޖަޖަކު ދިވެހިންނަށް ވުމަކީ ރާއްޖޭގައި ކަލިނަރީ ދާއިރާ ކުރިއަރަމުން އަންނަ ކަމުގެ ހެއްކެއް ކަމަށެވެ. މިފަދަ ޕޯޓަލްއަކީ ޝެފުންގެ ކުރިއެރުމަށް ކުރެވޭ މުހިއްމު ކަމެއް ކަމަށް ވިދާޅުވި އެވެ.

އެ ޕޯޓަލް ހެދި ބެސްޓް ބައި މޯލްޑިވްސްއިން ބުނީ ރާއްޖެއަކީ ޖަޒީރާ ގައުމަކަށްވެފައި، ގިނަ ޝެފުންނަކީ ރިސޯޓުތަކުގައި މަސައްކަތް ކުރާތީ މިފަދަ ޕޯޓަލެއެއް ވަރަށް މުހިއްމު ކަމަށެވެ. އެ ޕޯޓަލް މެދުވެރިކޮށް ޝެފުންނަށް ބްލޮގު ކުރެވޭނެ ކަމަށާއި އެކި ޕްރޮޑަކްޓުތައް ރިވިއުކޮށް، ޝެފުންގެ މެދުގައި ވެސް ވާދަވެރިކަން އިތުރުކޮށް، ކަލިނަރީ ދާއިރާ ތަރައްގީ ކުރެވޭނެ ކަމަށް ވެސް އެތަނުން ބުންޏެވެ.

ޝެފުންގެ ޕޯޓަލްއަކީ ބެސްޓް ބައި މޯލްޑިވްސްގެ ޗެއާމަން އިސްމާއިލް ހިލްމީގެ އިސްނެންގެވުމުގެ މަތިން ފަރުމާ ކޮށްފައިވާ ޕޯޓަލްއެކެވެ. އެ ކުންފުންޏަކީ ކަލިނަރީ ދާއިރާ ރާއްޖޭގައި ތަރައްގީކޮށް ކުރިއަރުވަން މަސައްކަތް ކުރާ ކުންފުންޏެއް ކަމަށާއި، ޝެފުން ތަމްރީނު ކުރުމަށް ވެސް ސްޕޮންސާ ދެމުން އަންނަ ކަމަށް ވެސް ބެސްޓް ބައި މޯލްޑިވްސް އިން ބުންޏެވެ.

އެ ކުންފުނިން ބުނީ މިއަދު ތައާރަފުކުރި ޕޯޓަލް ވަރަށް އަވަހަށް ރަސްމީކޮށް ލޯންޗު ކުރާނެ ކަމަށެވެ.