Roadha Mihaaru
ހޮޓެލް އޭޝިޔާ ފެއާ ހޯމަ ދުވަހު ފަށަނީ

ރެކޯޑް އަދަދެއްގެ ބައިވެރިންނާ އެކު، ހޮޓެލް އޭޝިޔާ ފެއާ ހޯމަ ދުވަހު ފަށަނީ

14 ސެޕްޓެމްބަރ 2017

ރެކޯޑް އަދަދެއްގެ ބައިވެރިންނާ އެކު، ހޮޓެލް އޭޝިޔާ ފެއާ ހޯމަ ދުވަހު ފަށަން ތައްޔާރުވެއްޖެ އެވެ.

އަލީ ޝިނާން އަލީ ޝިނާން

ރެކޯޑް އަދަދެއްގެ ބައިވެރިންނާ އެކު، ހޮޓެލް އޭޝިޔާ ފެއާ ހޯމަ ދުވަހު ފަށަން ތައްޔާރުވެއްޖެ އެވެ.

މާބުލް ހޮޓަލުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ހޮޓެލް އޭޝިޔާ ބާއްވާ މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސާވިސަސް (މެކްސް)ގެ ޖެނެރަލް މެނޭޖަރު ހުސްނީ ރައޫފް ވިދާޅުވީ އެ ފެއާ އޮންނަނީ ހޯމަ ދުވަހާ އެކު ތިން ދުވަހަށް ކަމަށެވެ.

މި އަހަރުގެ ފެއާގައި 175 އަށް ވުރެ ގިނަ ފަރާތްތަކުން ސްޓޯލް ނަގާފައިވާ ކަމަށް ހުސްނީ ވިދާޅުވި އެވެ. އަދި އެ ފެއާގައި އޮންނަ ކަލިނަރީ ޗެލެންޖުގައި 63 ރިސޯޓަކުން ބައިވެރިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ހުސްނީ، ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ.-- ފޮޓޯ: މިހާރު/ހުސައިން ވަހީދު

ހުސްނީ، ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ.-- ފޮޓޯ: މިހާރު/ހުސައިން ވަހީދު

ހުސްނީ ވިދާޅުވީ އެ ޗެލެންޖުގައި 600 ޝެފުން ބައިވެރިވާ ކަމަށެވެ. އޭގެ ތެރޭގައި ބޭރު ގައުމުތަކުގެ ޝެފުން ވެސް ހިމެނެ އެވެ. ކަލިނަރީ ޗެލެންޖުގެ ޖަޖުން ޕެނަލްގައި ދުނިޔޭގެ އެންމެ މަޝްހޫރު ޝެފުން ހިމެނޭ ކަމަށް ވެސް ވިދާޅުވި އެވެ.

މެކްސްގެ ޑައިރެކްޓާ އަހުމަދު ޖާއިޒް ވިދާޅުވީ މިއީ ރާއްޖޭގައި ބާއްވާ މިފަދަ އެންމެ ބޮޑު ފެއާ ކަމަށެވެ. އަދި ފެއާގެ ތެރެއިން ހޮސްޕިޓަލިޓީ އިންޑަސްޓްރީގެ އިތުރުން އެ ދާއިރާ އާ ގުޅުން ހުރި އެހެން އިންޑަސްޓްރީތަކުގެ ވިޔަފާރިތައް ކުރިއަރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މިއީ މި ފެއާ ބާއްވާތާ 13 ވަނަ އަހަރެވެ.

އަފްރާހް، ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ.-- ފޮޓޯ: މިހާރު/ހުސައިން ވަހީދު

އަފްރާހް، ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ.-- ފޮޓޯ: މިހާރު/ހުސައިން ވަހީދު

ފެއާގެ މެއިން ސްޕޮންސަރު ކަމަށްވާ ބެސްޓް ބައި މޯލްޑިވްސް (ބީބީއެމް)ގެ އެސިސްޓެންޓް މާކެޓިން މެނޭޖަރު އަލީ އަފްރާހް ހަސަން ވިދާޅުވީ، މިއީ ޝެފުންނަށް ރާއްޖޭގައި ލިބޭ އެންމެ ބޮޑު ފުރުސަތު ކަމަށެވެ. އަދި ފެއާގެ ކަލިނަރީ ޗެޖެންޖުން އާ ވަނަތަކެއް ހޮވަން ނިންމާފައިވާ ކަމަށާއި، އެ ވަނަތަކަށް ދާ ފަރާތްތަކަށް ބޭރުގެ މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިިބޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

ޝެފް ނަސީރު، ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ.-- ފޮޓޯ: މިހާރު/ހުސައިން ވަހީދު

ޝެފް ނަސީރު، ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ.-- ފޮޓޯ: މިހާރު/ހުސައިން ވަހީދު

ހޮންކޮންގްގައި ބޭއްވި ހޮފެކްސްގެ ރިހި މެޑަލް ހޯދި ދިވެހި ޝެފެއް ކަމަށްވާ އިސްމާއީލް ނަސީރު ވިދާޅުވީ ރާއްޖޭގައި ޝެފުން ކުރިއަށްދާން ހުރީ ވަރަށް ހަނި ދާއިރާތަކެއް ކަމަށެވެ. ނަމަވެސް އެ ދާއިރާތަކުން ކުރިއަށް ދިއުމަށް މި ފެއާގެ ސަބަބުން ވަރަށް ބޮޑަށް ހިތްވަރު ލިބިގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ހޮންކޮންގަށް ދިޔައީ ވެސް މި ބޭފުޅުންގެ ހަރަދުގައި. ހުރިހާ ހަރަދެއްގެ އިތުރުން ޕޮކެޓް މަނީ ވެސް ދިން. އެހެން ތަންތަނުން މި ހަދާގޮތަކީ، ފުރުސަތު ހޯދަދީފަ މި ބުނަނީ ދާންޖެހޭނީ އަމިއްލަ ހަރަދުގައޭ،" ނަސީރު ވިދާޅުވި އެވެ.