09 އޮކްޓޯބަރ 2022
ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފައިވާ ގޮތަށް، އަމީނީ މަގުގެ ގަސްތައް ކެނޑުމާއި އުފުރުން ހުއްޓުވުމުގެ ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން މިއަދު ނިންމައިފި އެވެ.
ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފައިވާ ގޮތަށް، އަމީނީ މަގުގެ ގަސްތައް ކެނޑުމާއި އުފުރުން ހުއްޓުވުމުގެ ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން މިއަދު ނިންމައިފި އެވެ.
އަމީނީ މަގު ހަދަން ޕްލޭނިން މިނިސްޓްރީން އާރުޑީސީއާ ހަވާލުކޮށްފައިވާ 84 މިލިއަން ރުފިޔާގެ މަޝްރޫއު ހިންގުމަށްޓަކައި ގަސްތައް ނަގަން ފެށުމުން އެކަން ހުއްޓުވަން ސިވިލް ކޯޓަށް ނަޝީދުގެ ފަރާތްޕުޅުން ވަނީ މައްސަލައެއް ހުށަހަޅައިފަ އެވެ. އެ މަނިކުފާނުގެ ފަރާތްޕުޅުން ގާނޫނީ ވަކީލު މަރިޔަމް ޝުނާނާ ވަކާލާތުކުރައްވާ އެ މައްސަލަ ބަލައިނިމެންދެން ގަސްތައް ނެގުން ހުއްޓުވުމުގެ ވަގުތީ އަމުރެއް ނެރުމަށް އެދުނެވެ.
މިދިޔަ ބުރާސްފަތި ދުވަހު އެ މައްސަލައިގައި ވަގުތީ އަމުރު ނެރުމާ ބެހޭގޮތުން ވާހަކަ ދެއްކަން ބޭއްވި އަޑުއެހުމުގައި ޝުނާނާ ވިދާޅުވީ، މައްސަލަ ބަލައި ނިމެންދެން ގަސްތައް ނެގުން ހުއްޓުވުމުގެ ވަގުތީ އަމުރެއް ނުނެރެފި ނަމަ، ހުށަހަޅާފައިވާ މައްސަލައިގައި ހައްލު ހޯދަން ބޭނުންވާ ކަމުގެ މުއާލާތް ކެނޑޭނެ ކަމަށެވެ.
ދައުލަތުން ވަނީ އެފަދަ އަމުރެއް ނެރެން ޖެހޭ ފަދަ ސަބަބުތަކެއް ނެތް ކަމަށް ބުނެފަ އެވެ. އާރްޑީސީއިން ވެސް ވަނީ އަމުރު ނެރުމާ ދެކޮޅު ހަދައި އެފަދަ އަމުރެއް ނެރެފި ނަމަ ދުވާލަކު ލައްކައެއްހާ ރުފިޔާގެ ގެއްލުން ކުންފުންޏަށް ވާނެ ކަމަށް ބުނެފަ އެވެ.
ސިވިލް ކޯޓުގައި އެ މައްސަލަ ބައްލަވާ ގާޒީ މަރިޔަމް ވަހީދު މިއަދު ނިންމަވާފައި ނަޝީދުގެ ފަރާތުން އެދިވަޑައިގެންނެވި ގޮތަށް ވަގުތީ އަމުރު ނެރޭނެ ތަނެއް ނެތް ކަމަށެވެ.
ގާޒީ މަރިޔަމް ވަހީދުގެ ނިންމެވުމުގައި، ވަގުތީ އަމުރެއް ނެރުމުގައި ފުރިހަމަވާންޖެހޭ ކަމަށް ސުޕްރީމް ކޯޓުގެ ގަޒިއްޔާތަކުން ކަނޑައަޅާފައިވާ ކަންކަމަށް ވަނީ ބައްލަވައިފަ އެވެ. އެ ކަންކަމާ ބެހޭ ގޮތުން އޭނާ ނިންމަވާފައި ވަނީ؛
● ވަގުތީ އަމުރަށް އެދޭ ފަރާތަށް ގާނޫނީ ގޮތުން ހިމާޔަތް ލިބެންޖެހޭ މައުލޫއީ ހައްގެއް ނުވަތަ ގާނޫނީ މަރުކަޒެއް އޮތުމުގެ އިހުތިމާލު ފާޅުކަން ބޮޑު ގޮތެއްގައި ގާއިމުވެފައި ނުވާ ކަމަށް.
● ވަގުތީ އަމުރު ނެރުމަކާނުލައި އަސްލު މައުލޫއީ ދައުވާ ލަސްވެގެން ހިނގައްޖެ ނަމަ އިއާދަ ނުކުރެވޭ ފަދަ ނުރައްކަލަކާ ނުވަތަ ގެއްލުމަކާ ކުރިމަތިލާންޖެހޭކަން އެނގެން ނެތް ކަމަށް.
● ވަގުތީ އަމުރަށް އެދޭ ފަރާތަކީ މި އަމުރަށް އެދުމުގެ ސިފަތު ނުވަތަ ހައިސިއްޔަތު ގާނޫނީ ގޮތުން ލިބިގެންވާ ފަރާތެއް ކަމުގައި ބެލެވެން ނެތްކަމަށް
"ބުނެވިދިޔަ ކަންތައްތައް އެގޮތުގައި ހުރުމުން، މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓަކްޗާ (ދިވެހި ދައުލަތް) އަދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ މައްޗަށް ރައްދުވާ ގޮތަށް ގ. ކެނެރީގެ / މާލެ، މުހައްމަދު ނަޝީދުގެ ފަރާތުން ނެރެދިނުމަށް އެދިފައިވާ ވަގުތީ އަމުރު، ނެރެދެވޭނެ ތަނެއް ނެތް ކަމަށް ކަނޑައަޅައިފީމެވެ."
އެ ނިންމުމުގައި ވަނީ، މަޝްރޫއުގެ ކޮންޓްރެކްޓަރުގެ މަގުސަދަކީ ގަސްތައް ނުނަގައި މަސައްކަތް ކުރުން ކަމަށްވިޔަސް، މަޝްރޫއު ހިންގާއިރު ގިނަ އަދަދެއްގެ ގަސްތަކެއް ނަގަން ޖެހޭނެ އީއައިއޭ ރިޕޯޓުގައި ބޮޑަށް ލަފާކޮށްފައި އޮންނަކަން ފާހަގަކޮށްފަ އެވެ. އެހެންނަމަވެސް، އެ ގަސްތައް ނެގުމުގައި އަމަލު ކުރަން ޖެހޭ ގޮތާއި ގެއްލުން ކުޑަކުރުމުގެ ފިޔަވަޅުތައް ވެސް އީއައިއޭގައި ހިމަނާފައިވާކަން ފާހަގަކޮށްފައިވެ އެވެ. އަދި ގަސްތައް ނަގަމުންދާއިރު އީޕީއޭއިން އެކަން ހުއްޓުވާފައި ނުވާކަން ވެސް ފާހަގަކުރި އެެވެ.
އެއީ ހިޔާދޭ ގަސްތަކެއް ނަމަވެސް އެއީ އެއްވެސް ގާނޫނަކުން ހިމާޔަތްކޮށްފައިވާ ގަހެއް އަމީނީ މަގުގައި ނެތްކަން ނިންމުމުގައި ފާހަގަކޮށްފައިވެ އެވެ. އަދި އެ ގަސްތައް ބަހައްޓައިގެން މަގު ނުހެދޭ ނަމަ އެހެން ތަންތަނުގައި އިންދޭނެކަން އީއައިއޭ ރިޕޯޓާ ހަވާލާދީ ފާހަގަކުރި އެވެ.
ގަސްތައް ނަގަނީ އެ ނޫން ގޮތެއް ނެތިގެންކަން ދައުލަތުންނާއި އާރްޑީސީއިން ސާބިތުކުރަން ޖެހޭނެ ކަމަށް ނަޝީދުގެ ފަރާތުން ބުނެފައިވީ ނަމަވެސް، އެއީ ވަގުތީ އަމުރާ މެދު ގޮތެއް ނިންމާއިރު ބަލައި ވަޒަން ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ނިންމުމުގައިވެ އެވެ. އަދި ވަގުތީ އަމުރުގެ މަރުހަލާގައި ހުރި ކަންތައްތަކަށް ބަލާއިރު، ގާނޫނީ ގޮތުން ހިމާޔަތް ލިބެން ޖެހޭ ހައްގެއް ނުވަތަ މަރުކަޒެއް އޮތުމުގެ އިހުތިމާލު އޮތް ކަމަށް ނުބެލެވޭނެ ކަމަށެވެ.
ގަސްތައް ނެގުމަކީ ފޫނުބެއްދޭނެ ވަރުގެ ގެއްލުމެއް ކަމަށް ނަޝީދުގެ ފަރާތުން ބުނެފައި ވިޔަސް، އެ މަޝްރޫއުގެ ދަށުން ތިމާވެއްޓަށް ލިބޭނެ ގެއްލުން ކުޑަކުރެވޭނެ ގޮތްތައް އީއައިއޭގައި ބަޔާންކޮށްފައިވާއިރު، އެއީ ފޫނުބެއްދޭނެ އަދި އިސްލާހުކޮށް ރަނގަޅު ނުކުރެވޭނެ ނިންމުމެއް ކަމަށް ނުދެކޭ ކަމަށް ބުނެފައިވެ އެވެ. އަދި އާރްޑީސީއިން މަޝްރޫއު ހިންގަނީ ނަގަން ޖެހޭ ހުއްދަތައް ނަގައިގެން ކަމަށްވާއިރު، ނަޝީދުގެ ފަރާތުން އެ ގަސްތައް ނެގުމަށް ވަގުތީ އަމުރަކަށް އެދުމުގެ ހައިސިއްޔަތު އޮތް ކަމަށް ނުދެކޭ ކަމަށް ނިންމުމުގައިވެ އެވެ.
ނަޝީދުގެ ފަރާތުން ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ވަނީ އަމީނީ މަގުގެ ގަސްތައް އުފުރުމަށް ނެގުމުގެ ކުރިން އެ ގަސްތައް ނުނަގައި މަގު ހެދުމުގެ މަސައްކަތް ކުރެވެން އޮތްތޯ ޔަގީން ކޮށްފައި ނުވާ ކަމަށެވެ.
އެ މައްސަލައިގައި އެދިފައި ވަނީ، އެ ގަސްތައް ނުނަގައި މަގު ހެދުމުގެ މަސައްކަތް ކުރެވެން އޮތް އިރު، ގަސްތައް ނަގަމުން ދަނީ ގާނޫނުއަސާސީ އާއި ގާނޫނުތަކާއި ބައިނަލްއަގުވާމީ މުއާހަދާތަކާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށެވެ. ގަސްތައް ނެގުން ނޫން ގޮތެއް އޮތްތޯ ބަލަން ޖެހޭނެ ކަމަށް ކަނޑައަޅައިދިނުމަށް ވެސް އެދިފައިވެ އެވެ.
ގަސް ކެނޑުމާ ދެކޮޅަށް ހުށަހެޅުއްވި މައްސަލަ ނަގައިފި
ގަސް ނެގުން ހުއްޓުވުމާ މެދު ގޮތެއް ނިންމަނީ
ގަސްތައް ނުނަގާ މަގު ހެދޭނެ ގޮތެއް ހޯދަންޖެހޭ: ނަޝީދު
ކުޑަގިރި ފަރަށް އެރި ބޯޓުގެ ޖޫރިމަނާ ދައްކަން ހުކުމް
"ކުޑަގިރިފަރަށް އެރި ބޯޓު ފުރުން މަނާކުރީ ރަނގަޅަށް"
އެފްކޮންސްގެ ޖޫރިމަނާ ކޯޓުން ފަސްކޮށެއް ނުދިން
ކުޑަގިރި ފަރަށް އެރި ބޯޓު ރާއްޖެއިން ފުރުން މަނާކޮށްފި
ޑިމޮކްރެޓްސްއިން ކޯޓަށް މައްސަލަ ވައްދައިފި
އެމްޑީޕީ ހަރުގެ އަތުލުން ހުއްޓުވުމުގެ އަމުރެއް ނުދިން
ޝަރީފަށް ކުރި އަބުރުގެ ދައުވާ އަނބުރާ ގެންގޮސްފި