Roadha Mihaaru
އައިޖީއެމްއެޗްގައި ކެންސަރަށް ސްކްރީން ކުރަން ފަށަނީ

އަންނަ މަހު އައިޖީއެމްއެޗްގައި ކެންސަރަށް ސްކްރީން ކުރަން ފަށަނީ

08 ޖެނުއަރީ 2017

ކެންސަރު ބައްޔަށް ސްކްރީން ކުރަން އަންނަ މަހު ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން މިއަދު ބުނެފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ކެންސަރު ބައްޔަށް ސްކްރީން ކުރަން އަންނަ މަހު ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން މިއަދު ބުނެފި އެވެ.

ސަރުކާރުގެ މައި ހޮސްޕިޓަލްގެ ސީއީއޯ ފަރުހަތު ޝަހީރު "މިހާރު"އާ ވާހަކަދައްކަވަމުން ވިދާޅުވީ ކެންސަރު ބައްޔަށް ފަރުވާ ދިނުމަށް އެ ހޮސްޕިޓަލްގައި ކީމޯ ތެރަފީ ޑިޕާޓްމަންޓެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"އެތަނުގެ މަސައްކަތް އަދި މުޅިން ނުނިމޭ. ނަމަވެސް އަޅުގަނޑުމެންގެ ޓާގެޓަކީ އަންނަ މަހު އެކަން ފެށުން،" އޭނާ ވިދާޅުވި އެވެ.

ފަރުހަތު ވިދާޅުވީ ކެންސަރު ބައްޔަށް ފަރުވާ ދިނުމަށް އޮންކޮލޮޖިސްޓަކާއި ދެ ނަރުހުން ގެނެސް އެ ހޮސްޕިޓަލުގެ ސާޖަރީ ޑިޕާޓްމަންޓާ ގުޅިގެން ފަރުވާދިނުމުގެ މަސައްކަތް ފެށުމަށް ނިންމާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މިކަން މި ފަށަނީ އަމިއްލަ އަށް. އަދި މިކަމަށް ބޭނުންވާ ދިވެހިން ވެސް ތަމްރީނުވަމުން އެބަދޭ،" އޭނާ ވިދާޅުވި އެވެ.

ފަރުހަތު ވިދާޅުވީ ފުރަތަމަ ފަށައިގަންނަ އިރު އެ ހޮސްޕިޓަލުގައި ކެންސަރަށް ސްކްރީން ކުރުމާއި ރޭޑިއޯ ތެރެޕީ ދެވޭނެ ފެސިލިޓީއެއް ގާއިމު ކުރެވޭނެ ކަމަށެވެ. އަދި އެ އަށް ވުރެ ބޮޑު ފަރުވާ ދިނުމަށް އަދިވެސް އެ ހޮސްޕިޓަލުން ލަފާދޭނީ އިންޑިއާގެ އާރުސީސީ އަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ފުރަތަމަ ފަށައިގަންނަ އިރު ބައެއް ކަހަލަ ފަރުވާގެ ކަންތައްތައް ކުރެވޭނެ. ކެންސަރުގެ ހުރިހާ ޕޭޝަންޓުންނަށް ކީމޯ ދޭކަށް ނުޖެހޭ. އެހެންވެ ފުރަތަމަ ފަށައިގަންނަ އިރު ސްކްރީނިން އާއި ކީމޯ އެޑްމިނިސްޓާ ކުރުން ހިމެނޭނެ،" ފަރުހަތު ވިދާޅުވި އެވެ.

ކެންސަރު ބައްޔަށް ފަރުވާދޭނެ ޑިޕާޓްމަންޓެއް އައިޖީއެމްއެޗްގައި ގާއިމު ކުރަން ނިންމާފައިވާ އިރު މިދިޔަ އަހަރުގެ ކުރީކޮޅު ސަރުކާރުގެ އެ ހޮސްޕިޓަލްގައި ކެންސަރު ބައްޔަށް ފަރުވާދޭ ކީމޯތެރަފީ ސުއިޓެއް ވެސް ވަނީ ހުޅުވައިފަ އެވެ.