Roadha Mihaaru
ޓޮޓެންހަމް ބަލިކޮށް އާސެނަލް ލީޑު ފުޅާކޮށްފި

ޓޮޓެންހަމްގެ ރެކޯޑަށް ނިމުން ގެނެސް އާސެނަލް އެއް ވަނައިގައި ލީޑު ފުޅާކޮށްފި

01 އޮކްޓޯބަރ 2022

ލަންޑަން (އޮކްޓޫބަރު 1) - އާސެނަލް އަތުން ރަށުން ބޭރުގައި 3-1 އިން ބަލިވެ، ޓޮޓެންހަމް ހޮޓްސްޕާ ލީގުގައި މިހާތަނަށް ބަލި ނުވެ އޮތް ރެކޯޑް ނިމިއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ލަންޑަން (އޮކްޓޫބަރު 1) - އާސެނަލް އަތުން ރަށުން ބޭރުގައި 3-1 އިން ބަލިވެ، ޓޮޓެންހަމް ހޮޓްސްޕާ ލީގުގައި މިހާތަނަށް ބަލި ނުވެ އޮތް ރެކޯޑް ނިމިއްޖެ އެވެ.

މި މޮޅާ އެކު އާސެނަލް ވަނީ އެއް މެޗު އިތުރަށް ކުޅެ، އެއް ވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. އާސެނަލް މިހާތަނަށް އަށް މެޗުން 21 ޕޮއިންޓް ހޯދާއިފައި ވާއިރު، ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް ކުޅުނު ހަތް މެޗުން ލިބިފައި ވަނީ 17 ޕޮއިންޓެވެ.

ޓޮޓެންހަމް އޮތީ އަށް މެޗު ކުޅެގެން ސިޓީއާ އެއްވަރަށް، 17 ޕޮއިންޓް ހޯދައިގެން ތިން ވަނައިގަ އެވެ.

އާސެނަލް ލީޑު ނެގީ މެޗުގެ 20 ވަނަ މިނިޓުގައި ތޯމަސް ޕާޓޭ، އޭރިއާ ބޭރުން ފޮނުވާލި ހަމަލާއެއްގައި ކާމިޔާބުކުރި ލަނޑުންނެވެ. ނަމަވެސް އޭގެ ފަސް މިނިޓު ފަހުން އާސެނަލްގެ ޑިފެންޑަރު ގެބްރިއެލް މަނގަޅޭސް، ޓޮޓެންހަމްގެ ރިޗާލިސަން އަށް ފައުލް ކޮށްގެން ލިބުނު ޕެނަލްޓީއެއްގައި ހެރީ ކޭން ނަތީޖާ އެއްވަރު ކޮށްދިނެވެ.

ކޭންގެ މި ލަނޑާ އެކު އޭނާ ވެފައި ވަނީ ޕްރިމިއާ ލީގުގައި ރަށުން ބޭރުގައި 100 ލަނޑު ހަމަކުރި ފުރަތަމަ ކުޅުންތެރިޔާއަށެވެ. ކޭން ވަނީ ޕްރިމިއާ ލީގުގައި އާސެނަލް ކޮޅަށް ޕެނަލްޓީ އިން ހަތް ގޯލު ޖަހައިފަ އެވެ.

ދެ ވަނަ ހާފު ފެށިގެން ހަތަރުވަނަ މިނިޓުގައި އާސެނަލް އަށް ދެވަނަ ފަހަރަށް ލީޑު ނަގައިދިނީ ގެބްރިއެލް ޖީސަސް އެވެ. އޭގެ އިރުކޮޅެއް ފަހުން 62 ވަނަ މިނިޓުގައި ގެބްރިއެލް މާޓިނެއްލީ އަށް ފައުލް ކޮށްގެން ޓޮޓެންހަމްގެ އެމަސަން ރޯޔަލް އަށް ސީދާ ރަތް ކާޑެއް ވަނީ ދައްކައިފަ އެވެ.

ޓޮޓެންހަމްގެ ކޯޗު އެންޓޯނިއޯ ކޮންޓޭ، އެއްފަހަރާ ތިން ބަދަލު ގެންނަން ތައްޔާރު ވަނިކޮށް، 67 ވަނަ މިނިޓުގައި މާޓިނެއްލީ ތަނަވަސްކުރި ފުރުސަތެއްގައި ތިންވަނަ ލަނޑު ޖަހައިދިނީ ގްރޭނިޓް ޒާކާ އެވެ.

މިއީ މި ސީޒަނުގައި ޓޮޓެންހަމް ލީގުގައި ބަލިވި ފުރަތަމަ މެޗެވެ. ފުރަތަމަ ކުޅުނު ހަތް މެޗުގެ ތެރެއިން އެ ޓީމުން ވަނީ ފަސް މެޗު ކާމިޔާބު ކޮށްފަ އެވެ. މިއާ އެކު ލީގުގައި މިހާތަނަށް ބަލިނުވެ އޮތް ހަމައެކަނި ޓީމަކީ ސިޓީ އެވެ.