Roadha Mihaaru
ފިނޭންސްގެ ޑެޕިއުޓީ މިނިސްޓަރު ފިރުޒުލް އިސްތިއުފާ ދީފި

ފިނޭންސްގެ ޑެޕިއުޓީ މިނިސްޓަރު ފިރުޒުލް އިސްތިއުފާ ދެއްވައިފި

29 ސެޕްޓެމްބަރ 2022

ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުން ފިރުޒުލް ފިރާޒު މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުން ފިރުޒުލް ފިރާޒު މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

އޭނާ "މިހާރު" އަށް ވިދާޅުވީ ޖެނުއަރީ، 2019 ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޔަންކުރެއްވި މަގާމުން ވަކިވެވަޑައިގަތީ އަމިއްލަ ދިރިއުޅުމުގެ ކަންކަން ހުރި ގޮތުން މަސައްކަތަށް އެކަށީގެންވާ ވަގުތު ނުދެވުމުގެ ސަބަބުން ކަމަށެވެ.

ފިނޭންސް މިނިސްޓްރީގައި އޭނާ ހުންނެވީ ސަރުކާރު ހިއްސާވާ ކުންފުނިތައް ބެލެހެއްޓެވުމުގަ އެވެ.

ފިރުޒުލް އަކީ އެމްޑީޕީގެ ވިލިމާލެ ދާއިރާގެ ވެސް ރައީސެވެ. އޭނާ ވިދާޅުވީ މަގާމުން އިސްތިއުފާ ދެއްވި ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެ ވަނަ ދައުރަކަށް އިންތިހާބު ކުރުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ.

މަގާމުން އިސްތިއުފާ ދެއްވައި ފިރުޒުލް ކުރެއްވި ޓްވީޓަށް ޖަވާބު ދެއްވައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ އޭނާ ކުރެއްވި މަސައްކަތްތަކަށް ޝުކުރު އަދާކުރައްވައިފަ އެވެ.

ޑެޕިއުޓީ މިނިސްޓަރުކަމުން ފިރުޒުލް އިސްތިއުފާ ދެއްވިއިރު، ދައުލަތުގެ ފައިނޭންސް ކޮންޓްރޯލަރުގެ މަގާމުގައި ހުންނެވި ފާތުމަތު ރަޒީނާ ވެސް ވަނީ މި ފަހުން އިސްތިއުފާ ދެއްވައިފަ އެވެ. އެ މަގާމުގައި ހަ އަހަރު ހުންނެވުމަށްފަހު ވަކިވެވަޑައިގެންނެވީ ފައިނޭންސްގެ ދާއިރާއިން ޕީއެޗްޑީ ހާސިލްކުރެއްވުމަށެވެ.