Roadha Mihaaru
ޖަލުގައި މަރުވި މީހާގެ މައްސަލަ އެޗްއާރުސީއެމުން ބަލަނީ

ޖަލުގައި މަރުވި މީހާގެ މައްސަލަ އެޗްއާރުސީއެމުން ބަލަނީ

27 ސެޕްޓެމްބަރ 2022

ޝަރީއަތް ނިމެންދެން މާފުށި ޖަލުގައި ބަންދުކޮށްފައި ހުއްޓައި، މި މަހު 15ގައި ކުއްލި ގޮތަކަށް މަރުވި މީހެއްގެ މައްސަލަ އެޗްއާރުސީއެމުން ބަލަން ފަށައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ޝަރީއަތް ނިމެންދެން މާފުށި ޖަލުގައި ބަންދުކޮށްފައި ހުއްޓައި، މި މަހު 15ގައި ކުއްލި ގޮތަކަށް މަރުވި މީހެއްގެ މައްސަލަ އެޗްއާރުސީއެމުން ބަލަން ފަށައިފި އެވެ.

ބަންދުގައި ހުއްޓައި މަރުވީ މ. މުލި، ހުދުފިނިފެންމާގޭ، މުހައްމަދު ނަޝީދު، 40، އެވެ.

މަސްތުވާތަކެތީގެ މައްސަލައެއްގައި 2020 ވަނަ އަހަރު ހައްޔަރުކުރި ނަޝީދު، ޖަލުގައި މަރުވި ގޮތުގެ މައްސަލަ ބަލަމުން އަންނަ ކަން އެޗްއާރުސީއެމްގެ މީޑިއާ އޮފިޝަލް އާމީރާ އަބޫބަކުރު މިއަދު ކަށަވަރުކޮށްދިނެވެ.

އެޗްއާރުސީއެމުން އެ މައްސަލަ ބަލަމުން އަންނައިރު، ނަޝީދު ޖަލުގައި މަރުވި ގޮތް ތަހުގީގުކުރަން އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ވެސް ކަމާބެހޭ އިދާރާތަކަށް ގޮވާލި އެވެ. އޭނާ މަރުވީ ޖަލު އޮފިސަރުންގެ އިހުމާލުން ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.

"...އޭނާގެ ނޭވާ އަށް އުނދަގޫވާކަން ޖަލުގެ އޮފިސަރުންނާއި ހިއްސާ ކުރުމުން ވެސް، އެކަމުގައި ފަރުވާ ކުޑަކޮށް، އެކަށީގެންވާ ފަރުވާދީފައި ނުވާ ކަމާއި އަދި ތަކުރާރުކޮށް އަނިޔާކުރުމުގެ ޝަކުވާ ނަޝީދުގެ ލޯޔަރުންނަށް ލިބިފައިވާ ކަމުގެ މައުލޫމާތު މި ކޯލިޝަނަށް ލިބިފައިވެ އެވެ،" އިދިކޮޅުގެ ބަޔާނުގައި ބުންޏެވެ.

ނަޝީދުގެ މަރާ ގުޅިގެން ކަރެކްޝަނަލް ސާވިސް އިން ބުނެފައިވަނީ އޭނާ ނޭވާ ނުލާތީ އޭނާއާ އެއް ގޮޅިއެއްގައި ހުރި ގައިދީއަކު ޕްރިޒަން އޮފިސަރުންނަށް އެންގުމުން މާފުށީ ޖަލުގެ މެޑިކަލް ސެންޓަރަށް ވަގުތުން ގެންގޮސް ސީޕީއާރު ދިން ކަމަށެވެ. ސީޕީއާރުގެ ފަހުން ވެސް އޭނާ އަށް ނޭވާނުލެވި، އެ ދުވަހުގެ ހަވީރު އޭނާ މަރުވި ކަމަށް ޑޮކްޓަރު ބުނި ކަމަށެވެ.

ނަޝީދު މަރުވުމުގައި ކަރެކްޝަންސްގެ އިހުމާލު އޮތް ކަމަށް އޭނާގެ އާއިލާއިން ވެސް ތުހުމަތުކުރެ އެވެ.

ޖަލު ބަންދުގައި ތިބޭ މީހުން ކުއްލި ގޮތަކަށް މަރުވާ މައްސަލަ ރާއްޖޭގައި އިތުރުވެފައިވާއިރު، އެފަދަ މައްސަލަތައް އެއްވެސް ވަރަކަށް ތަހުގީގުނުކުރާތީ ސަރުކާރަށް އަބަދުވެސް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެ އެވެ.