Roadha Mihaaru
ހަމްޒަތު މަރުވި މައްސަލަ އެޗްއާރުސީއެމުން ތަހުގީގުކުރަނީ

ހަމްޒަތު މަރުވި މައްސަލަ އެޗްއާރުސީއެމުން ތަހުގީގުކުރަނީ

10 ޖުލައި 2018

މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދަނިކޮށް މިދިޔަ އާދީއްތަ ދުވަހުގެ ރޭ މަރުވި ހަމްޒަތު އަހުމަދުގެ މަރުގެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އިން ތަހުގީގުކުރަން ފަށައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދަނިކޮށް މިދިޔަ އާދީއްތަ ދުވަހުގެ ރޭ މަރުވި ހަމްޒަތު އަހުމަދުގެ މަރުގެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އިން ތަހުގީގުކުރަން ފަށައިފި އެވެ.

މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދިޔަ ހަމްޒަތު، 38 އަށް ސްޓްރޯކް ޖެހުނީ މިިދިޔަ ބުދަ ދުވަހު ހަވީރު އެވެ. އެކަމަކު އޭނާ މާލެ ގެނެސް އައިޖީއެމްއެޗަށް ގެންދިޔައީ ހަތަރު ފަސް ގަޑިއިރެއް ފަހުން، އެރޭގެ ވަގުތެއްގަ އެވެ.

ސްޓްރޯކް ޖެހުމުން ވެސް އޭނާ އަށް އެކަށީގެންވާ ފަރުވާ ނުދީ މޯލްޑިވްސް ކަރެކްޝަންސް އިން ހަމްޒަތު މަރާލީ ކަމަށް އޭނާގެ ބައްޕަ އިއްޔެ ވަނީ ބުނެފަ އެވެ. އެ އާއިލާ އިން ބުނެފައިވާ ގޮތުގައި ހަމްޒަތަށް ފަރުވާ ދިނުމުގައި ކަރެކްޝަންސް އިން ވަނީ އިހުމާލުވެފަ އެވެ.

އޭނާ މަރުވީ އޭޑީކޭގައި ފަރުވާ ދެމުން އަންނަނިކޮށް މިދިޔަ އާދިއްތަ ދުވަހުގެ ރެ އެވެ.

އެޗްއާރުސީއެމްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ހަމްޒަތުގެ މަރުގެ މައްސަލަ އެ ކޮމިޝަނުން ތަހުގީގުކުރަމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވީ ޖަލުގައި ގައިދީއަކު މަރުވެއްޖެ ނަމަ އެކަން އެޗްއާރުސީއެމުން ބަލާނެ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފުސީލެއް ނުދެއްވަ އެވެ.

ސަރުކާރާ ދެކޮޅަށް 2015 ގައި ކުރި މޭ ޑޭ މުޒާހަރާގައި ފުލުހަކަށް ހަމަލާދީގެން ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން ދިޔަ ގ. ކީމާ، އަބްދުﷲ ރަޝީދު ވެސް ވަނީ މިދިޔަ އޮކްޓޯބަރު މަހު މަރުވެފަ އެވެ. އެ މައްސަލަ ވެސް އެޗްއާރުސީއެމުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ހިނގި އެތައް މަރެއްގައި، ޖަލު ބަލަހައްޓާ އިދާރާތަކުގެ ފަރުވާ ކުޑަވުމާއި އިހުމާލުވުމުގެ ޝަކުވާ ބޮޑެވެ.