Roadha Mihaaru
އާ ރަންވޭގެ މުހިންމު އާލާތެއް ބޭނުންކުރެވޭ ހާލަތަށް

އާ ރަންވޭގެ މުހިންމު އާލާތެއް ބޭނުންކުރެވޭ ހާލަތަށް ގެނެސްފި

24 ސެޕްޓެމްބަރ 2022

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ރަންވޭ އަންނަ މަހު ހުޅުވަން ތައްޔާރުވަމުން އަންނައިރު، އެ ރަންވޭ އަށް ބޭނުންވާ މުހިންމު ވަސީލަތެއް ބޭނުންކުރެވޭ ހާލަތަށް އިއްޔެ ގެނެސްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ރަންވޭ އަންނަ މަހު ހުޅުވަން ތައްޔާރުވަމުން އަންނައިރު، އެ ރަންވޭ އަށް ބޭނުންވާ މުހިންމު ވަސީލަތެއް ބޭނުންކުރެވޭ ހާލަތަށް އިއްޔެ ގެނެސްފި އެވެ.

އެ އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޑެޓް (އެމްއޭސީއެލް) އިން ކުރި ޓުވީޓެއްގައި ބުނީ އާ ރަންވޭގައި މަތިންދާބޯޓު ޖައްސަން އެހީތެރިވެދިނުމަށް ގާއިމްކުރާ "އިންސްޓްރޫމެންޓް ލޭންޑިން ސިސްޓަމް" (އައިއެލްއެސް) ބަހައްޓައި، އެ ބޭނުންކުރެވޭ ހާލަތަށް މިހާރު ގެނެސްފައިވާ ކަމަށެވެ.

އާ ރަންވޭގެ ދެކޮޅުގައި އެ ސިސްޓަމް ބަހައްޓާފައިވެ އެވެ. އެއީ މޫސުމީ ހާލަތަށް ބަލައި، މަތިންދާބޯޓުތައް ރަންވޭގައި ޖައްސަން ޕައިލެޓުންނަށް އެހީތެރިވެދިނުމަށް ބޭނުންކުރާ ނެވިގޭޝަން ސިސްޓަމެކެވެ.

މި އަހަރުގެ ކުރީކޮޅު ބައެއް އެއާލައިންތަކާ ގުޅިގެން އެ ސިސްޓަމް ޓެސްޓުކުރުމުގެ މަސައްކަތް ވެސް އެމްއޭސީއެލް އިން ކޮށްފައިވެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި އަޅަން ފަށައި އެމަނިކުފާނުގެ ވެރިކަމުގެ ފަހުކޮޅު، 2018 ގައި ރަސްމީކޮށް ހުޅުވި އެ ރަންވޭ ބޭނުންކުރަން ނުފަށާތީ މި ސަރުކާރަށް ފާޑުކިޔުން އަމާޒުވެފައިވެ އެވެ. އެމްއޭސީއެލް އިން މިދިޔަ މަހު ކުރީކޮޅުގައި ބުނީ މި މަހު އެ ރަންވޭ ހުޅުވައި، ބޭނުންކުރަން ފަށާނެ ކަމަށެވެ.

އެ ކުންފުނިން ބުނި ގޮތުގައި އާ ރަންވޭ ބޭނުން ކުރަން ފެށުން ލަސްވީ ސީޕްލޭން ޓާމިނަލް ބަދަލު ކުރުމުގެ މަސައްކަތް ކުރާތީ އެވެ. އެހެން ނަމަވެސް، މިހާރު ވަނީ އާ ސީޕްލޭން ޓާމިނަލް ބޭނުން ކުރަން ފަށައިފަ އެވެ.

އާ ރަންވޭގެ ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާމިނުގައި 60 މީޓަރު ހުރެ އެވެ. އެ ރަންވޭ އަށް އެންމެ ބޮޑެތި ބޯޓު، އޭ380 ގެ ބޯޓުތަކަށް ވެސް ޖެއްސޭނެ އެވެ.

އާ ރަންވޭއާ އެކު މިހާރު ބޭނުންކުރާ ރަންވޭ ދެން ބޭނުންކުރާނީ ޓެކްސީވޭ އަކަށެވެ.