Roadha Mihaaru
ޒަކީގެ ޕާސްޕޯޓް މައްސަލާގައި އޭޖީއަށް ކޯޓަށް ނުދެވޭނެ

ޒަކީގެ ޕާސްޕޯޓް ކެންސަލްކުރަން އެންގި މައްސަލަ ދައުލަތަށް އިސްތިއުނާފު ނުކުރެވޭނެ: ހައި ކޯޓް

22 ސެޕްޓެމްބަރ 2022

ރައީސުލްޖުމްހޫރިއްޔާގެ ކުރީގެ ސްޕެޝަލް އެންވޯއީ އިބްރާހިމް ހުސައިން ޒަކީގެ ޕާސްޕޯޓް ކެންސަލްކުރަން ސިވިލް ކޯޓުން ނެރުނު އަމުރު އިސްތިއުނާފު ކުރުމުގެ ހައްގު ދައުލަތަށް ނެތް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރައީސުލްޖުމްހޫރިއްޔާގެ ކުރީގެ ސްޕެޝަލް އެންވޯއީ އިބްރާހިމް ހުސައިން ޒަކީގެ ޕާސްޕޯޓް ކެންސަލްކުރަން ސިވިލް ކޯޓުން ނެރުނު އަމުރު އިސްތިއުނާފު ކުރުމުގެ ހައްގު ދައުލަތަށް ނެތް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ސްޕެޝަލް އެންވޯއީގެ މަގާމު އަދާކުރެއްވި އަދި އޭގެ ކުރިން މިނިސްޓަރުކަން ވެސް ކުރެއްވި ޒަކީގެ ޕާސްޕޯޓް ކެންސަލްކުރަން 2020 ވަނަ އަހަރު ސިވިލް ކޯޓުން އަމުރު ނެރުނީ އޭނާއާ ދެކޮޅަށް ހުށަހަޅާފައިވާ ހުކުމް ތަންފީޒު މައްސަލައެއްގަ އެވެ.

އެ އަމުރު އެޓާނީ ޖެނެރަލްގެ އޮފީހުން ހައި ކޯޓުގައި އިސްތިއުނާފްކުރީ ގާނޫނާ ހިލާފަށް އަމުރު ނެރުނު ކަމަށް ބުނެ އެވެ. އެކަމަކު ހައި ކޯޓުން ނިންމީ ޒަކީގެ ޕާސްޕޯޓް ކެންސަލްކުރަން އަމުރު ނެރުމުން ދައުލަތަށް ގެއްލިގެން ދަނީ ކޮން ހައްގެއްކަން ދައުލަތަށް ބުނެދެވިފައި ނުވާ ކަމަށެވެ.

އެ މައްސަލަ ޒަކީގެ ފަރާތުން އިސްތިއުނާފު ކުރުމުގެ ފުރުސަތު އެބައޮތް ކަމަށާއި އެހެންވެ، ދައުލަތުން އެ މައްސަލަ އިސްތިއުނާފު ކުރަންޖެހޭ ސަބަބެއް ނެތް ކަމަށް ހުކުމުގައިވެ އެވެ. އަދި ކޯޓުތަކުން އެންމެ ފުރަތަމަ ބަލަންޖެހޭ ކަމަކީ ވެސް ދައުވާކުރުމުގެ ހައްގު އޮތްތޯ ކަމަށް ހުކުމުގައި ބުންޏެވެ.

އެ މައްސަލަ ހައި ކޯޓުން ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައި ވަނީ އެ މައްސަލަ އިސްތިއުނާފް ކުރުމުގެ ހައިސިއްޔަތު ދައުލަތަށް ނެތް ކަމަށެވެ.

އެ މައްސަލަ ބެއްލެވީ ފަނޑިޔާރު މުހައްމަދު ފައިސަލާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އަދި ފަނޑިޔާރު ފާތިމަތު ފަރުހީޒާ އެވެ.