Roadha Mihaaru
ރިޓަޔާކުރުމުގެ ވިސްނުމެއް ނެތް: ރޮނާލްޑޯ

ރިޓަޔާކުރުމުގެ ވިސްނުމެއް ނެތް: ރޮނާލްޑޯ

22 ސެޕްޓެމްބަރ 2022

އަވަހަކަށް ރިޓަޔާކުރުމުގެ ޕްލޭނެއް ނެތް ކަމަށާއި 2024 ވަނަ އަހަރުގެ ޔޫރޯގައި ކުޅެން ބޭނުންވާ ކަމަށް ޕޯޗުގީސް ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

އަވަހަކަށް ރިޓަޔާކުރުމުގެ ޕްލޭނެއް ނެތް ކަމަށާއި 2024 ވަނަ އަހަރުގެ ޔޫރޯގައި ކުޅެން ބޭނުންވާ ކަމަށް ޕޯޗުގީސް ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.

އާއްމު އުސޫލުން ނަމަ، މި އަހަރުގެ ވޯލްޑް ކަޕަކީ އުމުރުން 37 އަހަރުގެ ކުޅުންތެރިޔާގެ ފަހު ބޮޑު މުބާރާތެވެ. އެކަމަކު ރޮނާލްޑޯ އަކީ ފިޓްނަސް ހިފެހެއްޓުމުގައި ނަމޫނާއަކަށްވާތީވެ، އޭނާގެ އުމުރުން 39 އަހަރުގައި، 2024 ގައި އޮންނަ ޔޫރޯގައި ކުޅެވުމުގެ ފުރުސަތު އެބައޮތެވެ.

"އަހަރެންގެ ދަތުރު އަދި ނުނިމޭ،" ރޮނާލްޑޯ ބުންޏެވެ. "އަހަރެން ބޭނުން (މި އަހަރުގެ) ވޯލްޑް ކަޕާއި (ދެން އޮންނަ) ޔޫރޯއެއްގައި ބައިވެރިވާން. އަހަރެން މިހިރީ ވަރަށް މޯޓިވޭޓްކޮށް. އަހަރެންގެ އޮތީ ވަރުގަދަ އަމާޒެއް."

ރޮނާލްޑޯ ވަނީ ޕޯޗުގަލް ގައުމީ ޓީމަށް 189 މެޗުން 117 ގޯލް ޖަހައިދީފަ އެވެ. މި އަހަރު ގަތަރުގައި އޮންނަ ވޯލްޑް ކަޕަކީ އޭނާ ގައުމީ ޖާޒީ ލާނެ ބޮޑު 10 ވަނަ މުބާރާތެވެ. ގައުމީ ޓީމުގައި ރޮނާލްޑޯގެ އެންމެ ބޮޑު ކާމިޔާބަކީ 2016 ގެ ޔޫރޯ ކާމިޔާބުކުރުމެވެ.

މިވަގުތު ޕްރިމިއާ ލީގުގެ މެންޗެސްޓާ ޔުނައިޓެޑަށް ކްލަބް ލެވެލްގައި ކުޅޭ ރޮނާލްޑޯ ބޭނުންވަނީ އެ ފެންވަރުގެ ވެސް އެންމެ މަތީ ފަންތީގައި ކުޅޭށެވެ. އެގޮތުން ޔުނައިޓެޑް މި ސީޒަނުގައި ކުޅެނީ ޔޫރަޕުގެ ދެ ވަނަ ފަންތީގެ މުބާރާތް ކަމަށްވާ ޔުރޮޕާ ލީގުގައި ކަމަށްވާތީ އޭނާ ކްލަބް ބަދަލުކުރަން ވެސް މަސައްކަތްކުރި އެވެ. އެކަމަކު ރޮނާލްޑޯ އަށް ކުރަން ޖެހޭ ބޮޑު ހޭދަ އާއި އޭނާގެ އުމުރު ނުބައްދަލުކަމުން ބޮޑު ކްލަބަކުން އޭނާ ގެންދަން ބޭނުމެއް ނުވި އެވެ.