Roadha Mihaaru
މާއުނގޫދޫ ބަނދަރުގެ އަމަލީ މަސައްކަތް ފަށައިފި

މާއުނގޫދޫ ބަނދަރު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

21 ސެޕްޓެމްބަރ 2022

ށ. މާއުނގޫދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް އިއްޔެ ފަށައިފި އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

ށ. މާއުނގޫދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް އިއްޔެ ފަށައިފި އެވެ.

އެ މަސައްކަތް ފަށަން، މަޝްރޫއު ކުރިއަށް ގެންދާ އެމްޓީސީސީން ވަނީ ހާއްސަ ރަސްމިއްޔާތެއް އިއްޔެ މާއުނގޫދޫގައި ބާއްވައިފަ އެވެ.

އެ ރަސްމިއްޔާތުގައި ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް އަދި އެ ރަށު ކައުންސިލްގެ ރައީސާއި މެންބަރުންނާއި އެމްޓީސީސީގެ ބައެއް އިސްވެރިން ބައިވެރިވެޑައިގަތެވެ.

ދަނޑުވެރިކަމާއި ކަންނެލީގެ މަސްވެރިކަމުގައި މަޝްހޫރު މާއުނގޫދޫގެ ބަނދަރު ތަރައްގީކުރުމާ އެކު، އެ ރަށަށް ދިމާވެފައިވާ ލަފާފުރުމުގެ ދަތިކަމަށް ހައްލެއް ލިބި އިގްތިސާދީ ގޮތުން ފައިދާވާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

އެ މަޝްރޫއުގެ ދަށުން، 59،013.3 ކިއުބިކް މީޓަރުގެ ފަޅު ފުންކުރުމާއި، ނެރުން ވަންނަން އޮންނަ ދިމާލުން 3245.5 ކިއުބިކް މީޓަރު ސަރަހައްދެއް ފުންކުރުމާއި، 362 މީޓަރުގެ ބޭރުތޮށި ލުމާއި، 105 މީޓަރު ސަރަހައްދުގައި ރިވެޓްމެންޓް ޖެހުން ހިމެނެ އެވެ.

އޭގެ އިތުރުން، 312 މީޓަރުގެ އެއްގަމުތޮށްޓާއި، 1508.9 އަކަ މީޓަރުގެ ޕޭވްމެންޓާއި، ނެރު ބައްތި އަދި މަގު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދާނީ އެމްޓީސީސީންނެވެ.

ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ އެ މަޝްރޫއަކީ 59.7 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.