Roadha Mihaaru
ލާމަރުކަޒީ ބަދަލުތަކުން ހައްގުތައް ކަށަވަރުވެއްޖެ:ރައީސް

ލާމަރުކަޒީ ބަދަލުތަކުން ރައްޔިތުންގެ އެތައް ހައްގުތަކެއް ކަށަވަރުވެއްޖެ: ރައީސް

15 ސެޕްޓެމްބަރ 2022

ލާމަރުކަޒީ ބަދަލުތަކާއެކު ރާއްޖޭގައި ހަމަޖެހުން ގާއިމުވެ، ރައްޔިތުންގެ އެތައް ހައްގުތަކެއް ކަށަވަރުވެފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ލާމަރުކަޒީ ބަދަލުތަކާއެކު ރާއްޖޭގައި ހަމަޖެހުން ގާއިމުވެ، ރައްޔިތުންގެ އެތައް ހައްގުތަކެއް ކަށަވަރުވެފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ޑިމޮކްރަސީ ދުވަހުގެ މުނާސަބަތުގައި އެ މަނިކުފާނު ދެއްވި ހިތާބެއްގައި ވިދާޅުވީ، ޑިމޮކްރަސީ ހަރުދަނާ ކުރުމަށް މި ފަހުގެ ތާރީހުގައި އެޅި އެންމެ މުހިންމު ފިޔަވަޅަކީ ރަށްރަށާއި އަތޮޅު އަދި ސިޓީ ކައުންސިލްތަކުގެ ދައުރު ފުޅާކޮށް، ތަރައްގީގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުތައް ކަމަށެވެ.

އެ ބަދަލުތަކުގެ ސަބަބުން، ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާވެ، ރައްޔިތުންގެ އެތައް ހައްގުތަކެއް އިތުރަށް ކަށަވަރު، ދައުލަތް ހިންގުމުގެ ނިޒާމު ހަރުދަނާ ކުރުމުގައި ރައްޔިތުންގެ ބަސް އިއްވުމުގެ ފުރުސަތު ކުރިއަށް ވުރެ ބޮޑަށް ތަނަސްވެފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

އެ ކަންކަމުން ނުކުތް އެންމެ ރަނގަޅު ނަތީޖާއަކީ، ރައީސް ވިދާޅުވި ގޮތުގައި މުޖުތަމައުގައި ހަމަޖެހުމާއި ސުލްހަ އާއި އަމާންކަން ފެތުރިގެން ދިއުމެވެ. ބޭރުގެ ގައުމުތަކުގައި ކުރަމުންދާ ހަނގުރާމަތަކާއި އަސްކަރީ ކޯޅުންތަކާއި ނަސްލީ ވާދަވެރިކަމުގެ ކުރިމަތިލުންތަކުގެ ސަބަބުން އެތައް ބަޔަކު ތިބީ ޑިމޮކްރަސީގެ އެއްވެސް މަންފާއެއް ނުލިބި، އަސާސީ ހައްގުތަކުން މަހުރޫމުވެ ބިކަވެފައިކަން ފާހަގަކުރެއްވި އެވެ.

"ޑިމޮކްރަސީ އާއި ސުލްހައަކީ އެއް ފައިސާ ފޮތީގެ ދެފުށް ކަމަށްވާއިރު ޑިމޮކްރަސީ ދެމެހެއްޓުމަކަށްޓަކައި ސުލްހަވެރިކަން އޮތުން ވަރަށް މުހިންމެވެ. އަދި ސުލްހަ އާއި ހަމަޖެހުން އޮތުމަށްޓަކައި ޑިމޮކްރަސީ ހަރުދަނާކުރުން އެހާމެ މުހިއްމެވެ،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ، ޑިމޮކްރަސީއެއްގެ އެންމެ މުހިންމު ބޭނުމަކީ ރައްޔިތުން ބާރުވެރިކުރުން ކަމަށް ވާތީ އެކަމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު ފުރިހަމަކުރުމުގެ މަސައްކަތް ވެސް އެކަށީގެންވާ ގޮތެއްގައި އަންނަނީ ކުރަމުން ކަމަށެވެ.

ރައްޔިތުންނަށް ބާރުތައް ދިނުމުގައި މިންތީގެ ތަފާތުތައް އެއްފަރާތްކޮށް، ހަމަހަމަ ފުރުސަތު ހޯދައި ދިނުމަށާއި އަންހެނުން ބާރުވެރިކުރުމަށް ގާނޫނުތަކަށް މިހާރު ވެސް ގިނަ ބަދަލުތަކެއް ގެނެވިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ޑިމޮކްރަސީ އާއި ސުލްހައަކީ އެއް ފައިސާ ފޮތީގެ ދެ ފުށް ކަމަށްވާއިރު ޑިމޮކްރަސީ ދެމެހެއްޓުމަކަށްޓަކައި ސުލްހަވެރިކަން އޮތުން ވަރަށް މުހިންމެވެ. އަދި ސުލްހަ އާއި ހަމަޖެހުން އޮތުމަށްޓަކައި ޑިމޮކްރަސީ ހަރުދަނާކުރުން އެހާމެ މުހިއްމެވެ.-- ރައީސް ވިދާޅުވި އެވެ.

ޑިމޮކްރަސީއާ މެދު ދިވެހިން ވަރަށް ބޮޑަށް ހޭލުންތެރިވެ، ދައުލަތް ހިންގުމުގެ ނިޒާމުގައި ލިބެންޖެހޭ ހިއްސާ އަކީ ކޮބައިކަން ދެނެގަނެ، އެ ހިއްސާ ލިބެމުން އަންނަ ކަމަށާއި އެކަމަކު ޑިމޮކްރަސީގެ ހަމަތައް ދެމެހެއްޓުމުގައި ދުނިޔޭގެ ފެންވަރުގައި އަދި ވެސް ވަރަށް ގިނަ ގޮންޖެހުންތައް އެބަހުރި ކަމަށް ވިދާޅުވި އެވެ.

"ވަރަށް ހަލުވި ބަދަލުވުންތަކެއްގެ ތެރޭގައި އޮތް މުޖުތަމައެއްގައި މިނިވަން ގައުމެއްގެ ގޮތުގައި އަޑު އުފުލަމުން އަންނައިރު، އަޅުގަނޑުމެންގެ ޑިމޮކްރަސީ އަށް ކުރިމަތިވާ ގޮންޖެހުންތަކާއި ނުރައްކާތަކާއި ހުރަސްތަކަށް ވަރަށް ބޮޑަށް ސަމާލުވެ ފާރަވެރިވާންޖެހެ އެވެ. އޭގެ ތެރެއިން ވެސް މިއަދު ދުނިޔޭގެ ގިނަ ގައުމުތައް ތަޖުރިބާކުރަމުންދާ އެންމެ ބޮޑު ނުރައްކަލަކީ ދިވެހިރާއްޖެ ވެސް ތަޖުރިބާކުރަން ޖެހިފައިވާ ތިމާވެށީގެ މައްސަލަތަކެވެ. ޓެރަރިޒަމާއި ހަނގުރާމަތަކުގެ ނުރައްކާތެރިކަން ވަކިން ކުޑައެއް ނޫނެވެ،" ރައީސް ވިދާޅުވި އެވެ.

ޑިމޮކްރަސީގެ ހަމަތައް ދެމެހެއްޓުމަށްޓަކައި ވަކި ހާއްސަ ދުވަހެއް ފާހަގަކުރަން އދ. އިން ނިންމީ 2007 ވަނަ އަހަރެވެ. މިއީ، ޑިމޮކްރަސީގެ ދުވަސް ފާހަގަކުރާ 15 ވަނަ އަހަރެވެ.