Roadha Mihaaru
ޗުއްޓީ ދަތުރަށް ފުރަތަމަ ލަގްޒަރީ އެއާލައިން ސިމްޑީން

ޗުއްޓީ ދަތުރުތަކަށް ދުނިޔޭގެ ފުރަތަމަ ލަގްޒަރީ އެއާލައިން ސިމްޑީން ތައާރަފްކުރަނީ

08 ސެޕްޓެމްބަރ 2022

މަޝްހޫރު އަރަބެސްކްއާ އެކު ސިމްޑީން ދުނިޔޭގައި އަލަށް ތައާރަފުކުރާ، ޗުއްޓީ ދަތުރުތަކަށް ހާއްސަ ލަގްޒަރީ އެއާލައިން ލޯންޗުކުރުމުގެ މަސައްކަތްތައް ނިމުމަކާ ގާތްވެފައިވާ ކަމަށް ސިމްޑީން ބުނެފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

މަޝްހޫރު އަރަބެސްކްއާ އެކު ސިމްޑީން ދުނިޔޭގައި އަލަށް ތައާރަފުކުރާ، ޗުއްޓީ ދަތުރުތަކަށް ހާއްސަ ލަގްޒަރީ އެއާލައިން ލޯންޗުކުރުމުގެ މަސައްކަތްތައް ނިމުމަކާ ގާތްވެފައިވާ ކަމަށް ސިމްޑީން ބުނެފި އެވެ.

ސިމްޑީން ބުނީ އެ އެއާލައިނަކީ ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުމާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމާއި ހޮސްޕިޓާލިޓީ އިންޑަސްޓްރީގައި ހުރި ފުރުސަތުތައް އިތުރަށް ފަހި ކޮށްދިނުމުގެ ގޮތުން ތައާރަފުކުރާ އެއާލައިނެއް ކަމަށެވެ. އެ އެއާލައިނުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް އިތުރަށް ފުރިހަމަ ވާނެ ކަމަށް ސިމްޑީން ބުންޏެވެ.

ރާއްޖޭގެ އެކި ދާއިރާތަކުގައި ކާމިޔާބު ވިޔަފާރިއެއް ކަމަށްވާ ސިމްޑީން ބުނީ އަަލަށް ތައާރަފްކުރާ އެއާލައިންގެ ސަބަބުން، ދިގު ދަތުރުކުރާ މީހުންނަށް، ހަމަޖެހިލައިގެން އަރާމުކޮށް ދަތުރު ކުރުމުގެ މަގު ތަނަވަސް ވާނެ ކަމަށެވެ. އަދި މިއީ ހެޔޮއަގެއްގައި ޕްރައިވެޓު ޖެޓެއްގެ ތަޖުރިބާ ލިބޭނެ ގޮތެއް ކަމަށް ވެސް ބުންޏެވެ.

ސިމްޑީ ގްރޫޕްގެ މެނޭޖިން ޑިރެކްޓަރު، މިޝަލް އިބްރާހިމް މުހައްމަދު ދީދީ ވިދާޅުވީ، އަލަށް ތައާރަފުކުރާ ޕްރިމިއަމް އެއާލައިނާ އެކު، ދުނިޔޭގެ އެކި ހިސާބުތަކުގެ 60 ޑެސްޓިނޭޝަނަކަށް ދަތުރުތައް ފެށޭނެ ކަމަށެވެ. އަދި އެ އެއާލައިނާ އެކު ރާއްޖެ ދަތުރުފަތުރާއި، ޓޫރިޒަމްގެ ސިނާއަތުގައި އިތުރު ހަރުފަތަކަށް ދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އެ އެއާލައިނާ ގުޅޭގޮތުން އަރަބެސްކުގެ ސީއީއޯ އުމަރު ސަލީމް ވިދާޅުވީ ދުނިޔޭގައި އަލަށް ތައާރަފުކުރާ އެ ފަދަ އެއާލައިނެއްގެ މަސައްކަތުގައި ބައިވެރިވުމަށް ލިބުނު ފުރުސަތަކީ ލިބުނު ބޮޑު ފަހުރެއް ކަމަށެވެ. އަދި މިހާރު ރާއްޖޭގެ ސަރުކާރާގެ ކަމާބެހޭ އިދާރާތަކާ އެކު، އެ އެއާލައިން ލޯންޗުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

އެ އެއާލައިން ލޯންޗު ކުރުމަށް ސިމްޑީއާ އެކު މަސައްކަތްކުރާ އަރަބެސްކް ކުންފުންޏަކީ ޔޫއޭއީގެ ކުންފުންޏެކެވެ. މިއީ އޭވިއޭޝަން ދާއިރާގެ ގިނަ ތަޖުރިބާތަކެއް ހުރި އިންވެސްޓުމެންޓް ކުންފުންޏެކެވެ.