Roadha Mihaaru
ނީލަން ފިހާރަ މަގު ހުސްކޮށްފި

ނީލަން ފިހާރަ މަގު ސިޓީ ކައުންސިލުން ހުސްކޮށްފި

04 ސެޕްޓެމްބަރ 2022

މާލޭގެ ދެކުނު ފަރާތުގައި ހަދާފައިވާ، ކުރީގެ އެއް ނަމްބަރު ކުނިކޮށި ހިމެނޭ "ނީލަން ފިހާރަ" ސަރަހައްދުގެ މަގު ހުސްކޮށް، އެ ސަރަހައްދު މާލޭ ސިޓީ ކައުންސިލުން ސާފުކޮށްފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

މާލޭގެ ދެކުނު ފަރާތުގައި ހަދާފައިވާ، ކުރީގެ އެއް ނަމްބަރު ކުނިކޮށި ހިމެނޭ "ނީލަން ފިހާރަ" ސަރަހައްދުގެ މަގު ހުސްކޮށް، އެ ސަރަހައްދު މާލޭ ސިޓީ ކައުންސިލުން ސާފުކޮށްފި އެވެ.

ގައުމީ ޔުނިވާސިޓީގެ މެއިން ކެމްޕަސްއާ ޖެހިގެން އޮންނަ ފަޅުމަތީ މަގުގެ މޯލްޑިވްސް ޕޮލިޓެކްނިކް ބިއްދޮށަށްވާ ހިސާބުގައި އެކި ކަހަލަ ނީލަން މުދާ ވިއްކަމުން ދަނީ އެއްވެސް ތަރުތީބެއް ނެތި އެވެ. އެ ތަނުގައި ފިލަ އާއި ލަކުޑި އާއި ގޮނޑި އަދި މޭޒު ކަހަލަ އެކި ބާވަތްތަކުގެ ތަކެތި ވިއްކަން ހުރެ އެވެ.

ނީލަން ފިހާރަ ކައިރި ހުސްކޮށް، އެ ތަން ކައުންސިލުން ސާފުކުރިއިރު މީގެ ކުރިން އެކި ފަހަރު މަތިން ވަނީ އެ ތަނުގައި ހުރި މުދާތައް ނަގައި، ސާފުކުރުމަށް އަންގައިފަ އެވެ.

ނީލަން ފިހާރަ ހުންނަ މަގު ސާފުކުރަން ކައުންސިލުން އެންގީ އެކި ފަރާތްތަކުން އެ ތަނުގައި މުދާ ބަހައްޓައިގެން ވިޔަފާރި ކުރުމާއި ގިނަ އަދަދަކަށް ކުނި އަޅާފައި ބަހައްޓާތީ އެވެ. އެކަމުގެ ޝަކުވާ އާންމުންނާއި ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކުން ހުށަހަޅަމުންދާތީ، އެ ތަން ހުސްކުރަން މީގެ ހަ މަސް ކުރިން ވެސް ކައުންސިލުން އެންގި އެވެ.

މި ފަހަރު އެ ހުރިހާ މުދާތައް ކައުންސިލުން ނުކުމެ ނެގީ އެ މުއައްސަސާގެ އެންގުމަށް އިޖާބަ ނުދިނުމުންނެވެ. ހަލާކުވެފައިވާ އެކި ކަހަލަ ސާމާނާއި ކަރުދާސް ފޮއްޓާއި ކޮތަޅުފުނިތައް ވެސް އެ ތަނުން ނެގި އެވެ.

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު، "މިހާރު" އަށް ވިދާޅުވީ ނީލަން ފިހާރަ އަށް ވަކި ތަނެއް ކަނޑައަޅަންދެން، އެތަނުގެ އެތެރޭގައި ވިޔަފާރިކުރަމުންދާ ގޮތަށް އަދިވެސް ކުރެވޭނެ ކަމަށެވެ. އެކަމަކު ނީލަން ފިހާރަ ސަރަހައްދުގެ ޕޭވްމަންޓް މަތީގައި މުދާ ބަހައްޓައިގެން ކުރަމުން އައި ވިޔަފާރި ދެން ނުކުރެވޭނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އެގޮތަށް ނިންމީ މިނީ ބަހުގެ ހިދުމަތް ފެށުމާ އެކު އެ ސަރަހައްދުގެ ޓްރެފިކަށް ވެސް ބާރުބޮޑުވާނެތީ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޕޭމަންޓް މަތީގަ އާއި މަގުމަތީގައި މުދާ ބަހައްޓައިގެން ވިޔަފާރި ކުރަމުންދާތީ އެ ސަރަހައްދުން ވެހިކަލްތަކަށް ދަތުރުކުރަން އުނދަގޫވޭ. މިނީ ބަހަށް ބަންދުކުރީމާ އެތެރެ މަގުތަކަށް ވެހިކަލްތައް ވަންނަ ވަރު އިތުރުވެ، ބާރުބޮޑުވާނެތީ އެ މަގު ސާފުކޮށް ހުސްކުރީ،" މުއިއްޒު ވިދާޅުވި އެވެ.

ނީލަން ފިހާރަތައް އިންޑަސްޓްރިއަލް ވިލެޖް ސަރަހައްދަށް ބަދަލުކުރުމަށް ކައުންސިލުން އޮތީ ނިންމައިފަ އެވެ. އެކަމަކު ވިލިމާލެ ބްރިޖުގެ މަސައްކަތަށް އެ ސަރަހައްދު ބަންދުކޮށްފައިވާތީ ނީލަން ފިހާރަތައް ވަނީ އެތަނަށް ބަދަލުނުކުރެވި އެވެ.

"ނީލަން ފިހާރަތަކަށް ވަކި ސަރަހައްދެއް ހަމަޖެހެންދެން އެ ތަނުގެ ތެރޭގައި އެ މީހުންނަށް ވިޔަފާރިކުރެވޭނެ،" މޭޔަރު ވިދާޅުވި އެވެ.

ނީލަން ފިހާރަ ހިމެނޭ ސަރަހައްދުގެ މަގުގައި މުދާ ބެހެއްޓުން ކައުންސިލުން އެތައް ފަހަރު މަނާކޮށްފައިވެ އެވެ. ނީލަން މުދާ ވިއްކާ ގޮޅިތަކުން ބޭރުގައި އަތުރާފައިވާ މުދާތަކާއި ކުނިތައް އެ ތަނުގައި ގިނަ އަދަދަކަށް ބަހައްޓާފައި ހުންނައިރު، އެ މަގުގައި ގާޑިޔާ ކަހަލަ އެއްޗެހި ބަހައްޓައިގެން ވެސް ނީލަން މުދާ ވިއްކަ އެވެ.

އެއްވެސް ސާފުތާހިރުކަމެއް ނެތި ނީލަން ފިހާރަތައް ހިންގަމުންދާތީ، އެ ސަރަހައްދުގައި އުޅޭ މީހުން ވެސް ވަރަށް ޝަކުވާ ކުރެ އެވެ.