Roadha Mihaaru
ނަފްސާނީ ބަލީގެ ފަރުވާ: ޖީބަށް ބަރު، ހާސްކަން ބޮޑު!

ނަފްސާނީ ބަލީގެ ފަރުވާ: ޖީބަށް ބަރު، ހާސްކަން ބޮޑު!

01 ސެޕްޓެމްބަރ 2022

އުމުރުން 30 އަހަރުނވަނީ އެވެ. އެކަމަކު ނަފްސާނީ އެކި މައްސަލަތަކަށް ފަރުވާ ހޯދަން އެކަނި ވެސް އަމިއްލަ ޖީބުން ލައްކައަކަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފި އެވެ. ފަރުވާ ހޯދަން ކުރަން ޖެހުނު މި ތަޖުރިބާއާ މެދު އޭނާގެ އޮތީ އެންމެ ޝަކުވާއެކެވެ؛

އާސިމާ ނިޒާރު އާސިމާ ނިޒާރު

އުމުރުން 30 އަހަރުނވަނީ އެވެ. އެކަމަކު ނަފްސާނީ އެކި މައްސަލަތަކަށް ފަރުވާ ހޯދަން އެކަނި ވެސް އަމިއްލަ ޖީބުން ލައްކައަކަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފި އެވެ. ފަރުވާ ހޯދަން ކުރަން ޖެހުނު މި ތަޖުރިބާއާ މެދު އޭނާގެ އޮތީ އެންމެ ޝަކުވާއެކެވެ؛

ނަފްސާނީ އެކި ކަންކަމަށް ރާއްޖެއިން އެންމެ ރަނގަޅު ފަރުވާ ލިބޭ އައިޖީއެމްއެޗް އޮތް ހާލަތެވެ.

މެންޓަލް ހެލްތު ސެންޓަރުގެ ނަމުގައި ނަފްސާނީ މައްސަލަތަކަށް ފަރުވާ ދިނުމަށް ވަކި މަރުކަޒެއް މާޗު، 2019 ގައި ހުޅުވި ނަމަވެސް، އަމިއްލަ އަތުން އެއްވެސް ހަރަދެއް ނުކޮށް އެ ތަނުން ފަރުވާ ހޯދަން ބޭނުންވާ ނަމަ ޖެހެނީ އަހަރަކަށް ވުރެ ގިނަ ދުވަސް ވަންދެން މަޑުކުރާށެވެ.

އައިޖީއެމްއެޗުން ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު، ފަރުވާ ހޯދުމަށް މި މަހުގެ ހަ ވަނަ ދުވަހާ ހަމައަށް ވެއިޓްލިސްޓުގައި 2،480 މީހުން ތިއްބެވެ. އަދި މިދިޔަ ޖެނުއަރީން ފެށިގެން މިދިޔަ ޖުލައި މަހުގެ ނިޔަލަށް 9،734 މީހުންނަށް ފަރުވާ ދިން ކަމަށް އެ މައުލޫމާތުތަކުން ދައްކަ އެވެ.

ސަރުކާރުގެ މައި ހޮސްޕިޓަލުން ފަރުވާ ހޯދުމަށް އާއްމުކޮށް ހޭދަވަނީ އެއް އަހަރެވެ. އެއަށްވުރެ އަވަހަށް ފަރުވާ ބޭނުންވާ ނަމަ އޮތް ހަމައެކަނި ގޮތަކީ ޕޭމަންޓެއް ދައްކައިގެން އަމިއްލަ ކްލިނިކް ނުވަތަ ހޮސްޕިޓަލަކަށް ދެއްކުމެވެ.

އަމިއްލަ ތަންތަނުން ނަފްސާނީ ފަރުވާ ހޯދުމަށް އާސަންދަ ދޭން ފެށީ ފެބްރުއަރީ 1، 2020 ގަ އެވެ. ނަމަވެސް، އެ ފަރުވާތައް ދިނުމަށް އެ ތަންތަނުން މިހާތަނަށް ނަގަމުން ދިޔަ އަގަކުން އެ ބަދަލެއް ނުފެނުނެވެ.

މިއީ، ނަފްސާނީ ބަލީގައި ހަފުސްވަމުން އަންނަ މި ކުޑަކުޑަ ރާއްޖޭގައި އުޅޭ އެތައް ބައެއްގެ ކަންބޮޑުވުމެކެވެ.

އަގުބޮޑު، އެކަމަކު ކޮންޓްރޯލް ކުރެވޭނެ ގޮތެއް ނެތް

އާސަންދަ ކުންފުނީގެ ޖެނެރަލް މެނޭޖަރު އާމިނަތު ޒީނިޔާ ވިދާޅުވި ގޮތުގައި ނަފްސާނީ މައްސަލަތަކަށް ފަރުވާ ހޯދަން މިދިޔަ އަހަރު އެކަނި ވެސް 11 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކުރި އެވެ. ސްކީމްގެ ތެރެއިން ފަރުވާ އަށް ކޮންމެ އަހަރަކު ވެސް ބޮޑު ހަރަދެއް ކުރާއިރު، ކޯ-ޕޭމަންޓުގެ ގޮތުގައި އާއްމުންގެ އަތުން ބޮޑު ފީއެއް ނެގުމަކީ ކަންބޮޑުވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ކަންބޮޑުވޭ. ތެދެއް، އައުޓްއޮފް ޕޮކެޓް މީހާ ސްޕެންޑުކުރާ ވަރު މަތިވެގެންދޭ...ސްކީމުން އަހަރަކު ބިލިއަނުން ހަރަދުކުރާއިރު، އައުޓް އޮފް ޕޮކެޓު މިހާ މައްޗަށް ދާ ކަމުގައި ވަންޏާ އެއީ މައްސަލައެއް. ނޭޝަނަލް ލެވެލްގައި ޑިސްކަސް ކުރެވޭ އެއްޗެއް. މިހާ ބޮޑު ހޭދައެއް ކުރާއިރު ވެސް މީހުންގެ އަތުން ނެގުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް،" ޒީނިޔާ ވިދާޅުވި އެވެ.

އެހެން ބަލިތަކާ ހިލާފަށް ނަފްސާނީ ބަލީގެ ހާއްސަ ޑޮކްޓަރުން (ސައިކޭޓްރިސްޓުން)، ބަލި މީހުން ބަލައި ހާލަތު ދެނެގަތުމަށް ގިނަ ވަގުތު ހޭދަކުރަން ޖެހުނަސް، އެ ޑޮކްޓަރުންނަށް ދައްކަން ވެސް ކަނޑައަޅާފައިވަނީ އެހެން ހުރިހާ ސްޕެޝަލިސްޓުންނެކޭ ހަމަ އެއް އަގެކެވެ.

ސައިކޯތެރަޕީ ސެޝަނަކަށް އާސަންދައިން ކަނޑައަޅާފައިވަނީ 100ރ. އެވެ. އޭގެ އިތުރަށް ކޯ-ޕޭމަންޓުގެ ގޮތުގައި އަމިއްލަ ތަންތަނުން 30 މިނެޓުގެ ތެރަޕީއަކަށް 400-600ރ. އާ ދެމެދުގެ އަގެއް ނަގަ އެވެ.

އެހެން ބަލިތަކާ ހިލާފަށް ނަފްސާނީ މައްސަލަތައް ތަހައްމަލުކުރާ މީހުންނަށް ބޮޑު ލުއެއް ލިބެނީ ބޭހުން އަދި ސައިކޯ ތެރަޕިސްޓް ނުވަތަ ކްލިނިކަލް ސައިކޮލޮޖިސްޓަކާ ބައްދަލުކޮށް ވާހަކަދައްކައި އެ ދިމާވާ ދަތިތައް ކިޔައިދީގެންނެވެ. އޭރުން، އެ އުނދަގޫތަކުން ލުއި ހޯދާނެ ގޮތްތަކާއި ކަންތައްތައް ކުރާނެ ގޮތުގެ މަގެއް ޑޮކްޓަރުން ދައްކައިދޭނެ އެވެ.

އެކަން ހާސިލްކުރުމަށް ދިގު މުއްދަތަކަށް ބޭހާއި ތެރަޕީތައް ނަގަންޖެހެ އެވެ. އެއާއެކު، އަމިއްލަ އަތުން ވެސް ބޮޑު ހަރަދެއް ދެ އެވެ.

އައިޖީއެމްއެޗް ހޮސްޕިޓަލް: ނަފްސާނީ މައްސަލަތަކަށް ފަރުވާ ދޭ ފުރަތަމަ ސެންޓަރު ގާއިމްކޮށްފައިވަނީ މި ހޮސްޕިޓަލުގައި.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އައިޖީއެމްއެޗް ހޮސްޕިޓަލް: ނަފްސާނީ މައްސަލަތަކަށް ފަރުވާ ދޭ ފުރަތަމަ ސެންޓަރު ގާއިމްކޮށްފައިވަނީ މި ހޮސްޕިޓަލުގައި.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ގޯސް ހާލަތެއްގައި ހުރި މީހަކު ހަފުތާއަކު އެއް ފަހަރު ސައިކޮލޮޖިސްޓަކާ ބައްދަލުކޮށް ތެރަޕީ ނަގަން ބޭނުންވާ ނަމަ އަމިއްލައަށް ކޮންމެ މަހަކު ވެސް 1،600-2،400ރ. އާ ދެމެދުގެ އަދަދެއް ހަރަދުކުރަންޖެހެ އެވެ. ބައެއް މީހުން ގަބޫލުކުރާ ގޮތުގައި މިއީ ދިގު މުއްދަތަކަށް ހޯދަންޖެހޭ ފަރުވާއަކާ އަޅާބަލާއިރު ބޮޑު އަދަދެކެވެ.

ޒީނިޔާ ވިދާޅުވި ގޮތުގައި ކޮވިޑަށް ފަހު ނަފްސާނީ ބަލީގެ ހާލަތަށް ބަލައި ރާއްޖެއިން ދެވޭ ފަރުވާތައް ވަނީ އިތުރުކޮށްފަ އެވެ. އެއާއެކު، ސްކީމަށް ބައެއް ބަދަލުތައް ގެނެސްފައިވާ ކަމަށް އޭނާ ވިދާޅުވި އވެެ.

އޭގެ ތެރެއިން، ސައިކޯތެރަޕިސްޓެއްގެ އެސެސްމަންޓާއި ސައިކޯތެރަޕީއާ ބިހޭވިއޭރަލް ތެރަޕީތަކަށް އާސަންދަ ދޭން ފެށުން ހިމެނެ އެވެ. އޭގެ އިތުރުން، ސަރުކާރުން ވަނީ ނަފްސާނީ މައްސަލަތަކަށް ފަރުވާ ހޯދަން މީހަކަށް 5،000ރ. ގެ ލިމިޓެއް ކަނޑައަޅައިފަ އެވެ.

ނަމަވެސް، އޭނާ ވިދާޅުވި ގޮތުގައި ފަރުވާގެ އަގަށް ލިމިޓެއް ކަނޑައެޅި ނަމަވެސް އެ އަދަދު ހުސްވެގެން މިހާތަނަށް ޝަކުވާ ހުށަހެޅީ އެންމެ މީހެކެވެ.

ނަފްސާނީ ގިނަ މައްސަލަތަކަށް ރާއްޖެއިން ފަރުވާ ދެވޭއިރު، ނުލިބޭ ހިދުމަތްތަކަށް ރާއްޖެއިން ބޭރަށް ފޮނުވަ އެވެ.

"ރާއްޖޭގައި ނުލިބޭ ހިދުމަތްތަކަށް ބޭރަށް ވެސް ފޮނުވަން ފަރުވާއަށް. މިސާލަކަށް ސިޒިފްރޭނިއާ ކަހަލަ ކޭސަސް ނުވަތަ ސިވިއެ ޑިޕްރެޝަން ކަހަލަ އިލެކްޓްރިވް ތެރަޕީ ދޭން ބޭނުންވެގެން ޑޮކްޓަރުން ރިކުއެސްޓް ކުރީމަ ރާއްޖެއިން ބޭރަށް ވެސް ފޮނުވަން،" ޒީނިޔާ ވިދާޅުވި އެވެ.

އާސަންދައިގެ އިތުރުން މި ރިޕޯޓަށް ވާހަކަދެއްކެވި އެހެން ބޭފުޅުން ވެސް ފާހަގަކުރެއްވި ގޮތުގައި ފަރުވާއަށް އަމިއްލަ ތަންތަނުން ނަގާ އަގު ކޮންޓްރޯލް ކުރެވޭނެ ސިސްޓަމެއް ނެތްހާ ހިނދަކު، ނަފްސާނީ ފަރުވާ ދިނުމަށް އެ ކްލިނިކްތަކުން ނަގާ އަގު ކުޑައެއް ނުކުރެވޭނެ އެވެ.

"ރާއްޖޭގައި ނެތް އެކަހަލަ ޕްރައިޒިން ސިސްޓަމެއް ގާއިމްކުރެވިފައެއް. އާސަންދައިގެ ޕްރައިޒިންއަކީ ވެސް އެހާ ބޮޑު ފޯމިއުލާތަކެއް ބޭނުންކޮށްގެން، ނުވަތަ އެކަހަލަ ސްޓްރަކްޗަރަލް ގޮތަކަށް ހެދިފައި ހުރި ޕްރައިޒަސްތަކެއް ނޫން. އިނީޝިއަލީ މި ސްކީމް ފެއްޓިއިރު އައިޖީއެމްއެޗް ތަންތާނގައި ގެންގުޅުނު އަގުތަކަށް ޕަސެންޓޭޖެއް ލާފައި ފައިނަލްކޮށްފައި މި ވަނީ،" އޭނާ ވިދާޅުވި އެވެ.

އަމިއްލަ ތަންތަނުން ނަގާ އަގުތައް ބެލުމަށް އެންސްޕާގައި ވަކި ކޮމިޓީއެއް އޮވެ އެވެ. ކޯ-ޕޭމަންޓް ބޮޑުވުމުން އެ ތަންތަނަށް އަންގައި އެ ފީ ކުޑަކޮށްފައި ވެސް ހުންނާނެ ކަމަށް އާސަންދައިން ބުނެ އެވެ.

ފަރުވާ އަގުބޮޑުވަނީ އެކި ސަބަބުތަކާ ހެދި

ކްލިނިކެއް ހިންގުމުގައި އިސްކޮށް އުޅުއްވާ ޑޮކްޓަރަކު ވިދާޅުވި ގޮތުގައި ނަފްސާނީ ބަލީގެ ޑޮކްޓަރުންނަށް ދެއްކުމަށް އަދި ސައިކޮލިޖިސްޓުންނަށް ދައްކަން ބޮޑު ހަރަދެއް ކުރަން ޖެހެނީ ބަލި މީހުން ބެލުމާއި ހާލަތު ދެނެގަތުމަށް، އެހެން ސްޕެޝަލިސްޓު ޑޮކްޓަރުންނަށް ވުރެ ސައިކޭޓްރިސްޓުން ގިނަ ވަގުތު ހޭދަވާތީ ކަމަށެވެ.

"މިސާލަކަށް އެހެން ސްޕެޝަލިސްޓަކަށް 30 މިނެޓުގެ ތެރޭގައި 3-4 މީހުން ބެލޭނެ. އެކަމަކު ސައިކޭޓްރިސްޓަކަށް އެގޮތަކަށް ނުވާނެ. އެ ޑޮކްޓަރަށް ބޭނުންވާނެ ބަލި މީހައާ ވާހަކަދައްކައި އޭނާގެ ހާލަތު ރަނގަޅަށް ދެނެގަންނަން،" އޭނާ ވިދާޅުވި އެވެ.

އެހެން ޑޮކްޓަރަކު ވިދާޅުވި ގޮތުގައި އެކަށީގެންވާ ގޮތުގައި ނަފްސާނީ ފަރުވާ ދިނުމަށް ޕްރައިވެޓް ސެކްޓާއަށް ދިމާވަނީ ހެލްތު އިންޝުއަރެންސްގެ މައްސަލަ އެވެ. އާސަންދަ ސްކީމްގެ އެހީގައި މި ފަހަކާ ޖެހެންދެން ވެސް ސައިކޮލޮޖިސްޓަކަށް ނުދެއްކުނެވެ.

"ޕްރައިވެޓް އިންޝުއަރެންސްތައް ވެސް މި އޮންނަނީ އެހެން. އެގޮތަށް އެވީ އެކަމަށް އަޅާ ނުލެވުނީމަ. އެކަމަކު އާންމުންގެ ޕްރެޝަރު ވަރަށް ބޮޑު ކަވަރު ނުކުރާތީ. ހަގީގަތުގައި ކަވަރު ވާން ޖެހޭނެ ދެއްތޯ،" އޭނާ ވިދާޅުވި އެވެ.

ޑޮކްޓަރުންނާއި ނަފްސާނީ އެކި ބަލިތައް ތަހައްމަލުކުރާ މީހުންގެ ވާހަކަތަކުން ސާފުވި އެއް މަންޒަރަކީ ފަރުވާގެ މުޅި ނިޒާމުގައި ބާގަނޑުތައް ގިނަ ކަމެވެ. އެކަން ހައްލުކުރަން ޕޮލިސީ ލެވެލްގައި މުހިއްމު ކަންތައްތަކެއް ނިންމަންޖެހޭ ކަމެވެ.

ރާއްޖޭގައި މެންޓަލް ހެލްތުގެ ހާސްކަން ފިލުވާލެވޭނީ އެކަމަށް ވަރަށް ބޮޑަށް ތައްޔާރުވެވިގެންނެވެ. ގަބޫލުކުރަން ޖެހޭ ކަމަކީ އެހެނިހެން ބަލިބައްޔެކޭ އެއްގޮތަށް މިއީ ވެސް، ދުރު މުސްތަގުބަލަކަށް އަމާޒު ހިފައި އިންވެސްޓް ކުރަން ޖެހޭ ކަމެކެވެ.

ޑޮކްޓަރަކު ވިދާޅުވި އެވެ: "މިއީ ދަތެއް ނެއްޓުން ކަހަލަ، ކޮސްމެޓިކް ސާޖަރީއެއް ހެދުން ކަހަލަ ކަމެއް ނޫނެ"ވެ. ޕޮލިސީ ލެވެލްގައި ވެސް އެ ވިސްނުން ބަދަލު ކުރަން ވީ އެވެ.