Roadha Mihaaru
ޕްލެޓްފޯމް ނަގަން އެކަށީގެންވާވަރަށް މަސައްކަތެއް ނުކުރޭ

ފަރުމަތިން ޕްލެޓްފޯމް ނަގަން އެކަށީގެންވާވަރަށް މަސައްކަތް ނުކުރާ ކަމަށް ބުނެ ޖަމިއްޔާތަކުން ކަންބޮޑުވެއްޖެ

23 އޯގަސްޓް 2022

ތިލަމާލެ ބްރިޖު ހަދަން ބޭނުންކުރާ ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އެރިތާ ހަފުތާއަކަށް ވުރެ ގިނަ ދުވަސްވީއިރު ވެސް، އެ ތަނުން އެ ނެގުމަށް ސަރުކާރުގެ އިދާރާތަކުން އަދިވެސް އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރާ ކަމަށް ބުނެ ބައެއް ޖަމިއްޔާތަކުން އިއްޔެ ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ތިލަމާލެ ބްރިޖު ހަދަން ބޭނުންކުރާ ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އެރިތާ ހަފުތާއަކަށް ވުރެ ގިނަ ދުވަސްވީއިރު ވެސް، އެ ތަނުން އެ ނެގުމަށް ސަރުކާރުގެ އިދާރާތަކުން އަދިވެސް އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރާ ކަމަށް ބުނެ ބައެއް ޖަމިއްޔާތަކުން އިއްޔެ ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ ޖަމިއްޔާ "ސޭވް ދަ ބީޗު މޯލްޑިވްސް" އާއި ވިލިމާލޭގެ އާންމުންގެ ޖަމިއްޔާ "ވިލިޖޯލި" ގުޅިގެން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ކޮންމެ ރާޅަކާ އެކު އެ ޕްލެޓްފޯމް ވިލިމާލޭގެ ފުއްޓަރުފަރާތު ފަރުގައި ޖެހޭ އަޑުފައްގަނޑާއި އޭގެ ލޮޅުމުގެ އަސަރު ރަށު ތެރެއިން ވެސް އިހުސާސް ކުރެވޭ ކަމަށެވެ.

އެ ޕްލެޓްފޯމް އެ ތަނުން ފުންކޮށް ނެގުމުގެ މަސައްކަތް އަދިވެސް ކާމިޔާބުވެފައި ނުވާ ކަމަށާއި އެކަން ކުރުމަށް ސަރުކާރުގެ އިދާރާތަކުން މާ ބޮޑު މަސައްކަތެއް ކުރާ ތަން ނުފެންނަ ކަމަށް ބުންޏެވެ. ކަމާބެހޭ އިދާރާތަކުން މިހާރު އެކަމާ އުޅޭ ވަރަށް ވުރެ ބޮޑަށް ސަމާލުކަންދީ، އެ މައްސަލަ ވީހާ ވެސް އަވަހަށް ހައްލު ކޮށްދިނުމަށް އެ ޖަމިއްޔާތަކުން އެދުނެވެ.

"ކެނޑިނޭޅި އެވަރުގެ ގެއްލުމެއް ފަރަށް ލިބުން އެއީ ވަރަށް ހިތާމަ ހުރި ކަމެކެވެ. އިއާދަ ނުކުރެވޭ ވަރުގެ ގެއްލުން ލިބުން އެކަށީގެންވާ ކަމެކެވެ،" އެ ބަޔާނުގައި ބުންޏެވެ.

"އަޅުގަނޑުމެން އެންމެން ވެސް މިއަދު އަހައްމިއްޔަތުކަން ދޭންވީ ކަން ވާ ފަހުން ޖޫރިމަނާ ކުރުމަށް ވުރެ، ލިބިދާނެ ގެއްލުން ދުރާލާއި މަދުކުރުމަށެވެ."

ޖަމިއްޔާތަކުން ބުނިގޮތުގައި، އެ ޕްލެޓްފޯމް އެ ތަނުން ނެގޭވަރުގެ ގާބިލު މީހުން ރާއްޖޭގައި އެބަތިއްބެވެ. ތިލަމާލެ ބްރިޖު ހެދުން ކަހަލަ ބިޔަ ޕްރޮޖެކްޓެއް ހިންގާއިރު، އެ ވަރުގެ މަސައްކަތް ކުރެވޭނެ ސަމާނާއި ތަކެތި ހުންނަން ވާނެ ކަމަށް ބަޔާނުގައި ބުންޏެވެ.

އެ ޕްލެޓްފޯމް އެ ތަނުން ނަގައި، ފަރަށް ލިބުނު ގެއްލުމުގެ އެސެސްމަންޓެއް ރަނގަޅަށް ހަދައި ވިލިމާލޭގެ މީހުންނާ ހިއްސާ ކުރުމަށް ވެސް ސޭވް ދަ ބީޗު މޯލްޑިވްސް އާއި ވިލިޖޯލިން އެދުނެވެ.

މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅައިލާ ތިލަމާލެ ބްރިޖު ހެދުމަށް ބޭނުންކުރާ އެ ޕްލެޓްފޯމް ނަގަން އެކަށީގެންވާ މަސައްކަތް ނުކުރާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް، ރައްޔިތުންގެ މަޖިލީހަށް އިއްޔެ ކުއްލި މައްސަލައެއް ވެސް ހުށަހަޅާފައިވެ އެވެ.

ވިލިމާލެ ފަރަށް އެ ޕްލެޓްފޯމް އެރީ، އޭގެ ނަގިލި ކަނޑައިގެން ގޮސްގެންނެވެ. އެ ހާދިސާގައި ތިން މީހަކަށް އަނިޔާވެ، ވިލިމާލެ ހޮސްޕިޓަލުގައި ފަރުވާ ވެސް ދިނެވެ.

ޕްލެޓްފޯމް ފަރުމަތިން ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޕްލޭނިން މިނިސްޓްރީން މިދިޔަ ހަފުތާގައި ބުންޏެވެ. އަދި ފަރަށް ލިބުނު ގެއްލުންތައް ބަލަމުން އަންނަ އީޕީއޭ އިން ވެސް ބުނެފައި ވެ އެވެ. ނަމަވެސް އޭގެ ފަހުން އެ އިދާރާތަކުން އެކަމާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް ނުބުނެ އެވެ.

ބްރިޖުގެ މަސައްކަތް ކުރަމުން އަންނަނީ އިންޑިއާގެ އެފްކޮންސް ކުންފުނިންނެވެ.