Roadha Mihaaru
ހުރިހާ ތައްޓެއް ނުލިބުމުން މާޒިޔާއިން އާ ފިޔަވަޅުތަކެއް

ހުރިހާ ތައްޓެއް ނުލިބުމުން މާޒިޔާއިން އާ ފިޔަވަޅުތަކެއް އަޅާނެ: ސުޒައިރު

22 އޯގަސްޓް 2022

މި އަހަރުގެ ފުޓްބޯޅަ ސީޒަނަށް މާޒިޔާއިން ނުކުތީ ސީޒަނުގެ ހުރިހާ ތައްޓެއް ވެސް ހޯދުމުގެ އަމާޒުގައި ކަމަށާއި އެކަން ހާސިލްނުވުމުން އަންނަ ސީޒަންގައި އާ ފިޔަވަޅުތަކެއް އަޅަން މެނޭޖުމެންޓުން ތައްޔާރު ވަމުން އަންނަ ކަމަށް އެފްއޭ ކަޕްގެ ޗެމްޕިއަންކަން ރޭ އެ ޓީމަށް ހޯދައިދިން ކޯޗު އަހުމަދު ސުޒައިރު ބުނެފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

މި އަހަރުގެ ފުޓްބޯޅަ ސީޒަނަށް މާޒިޔާއިން ނުކުތީ ސީޒަނުގެ ހުރިހާ ތައްޓެއް ވެސް ހޯދުމުގެ އަމާޒުގައި ކަމަށާއި އެކަން ހާސިލްނުވުމުން އަންނަ ސީޒަންގައި އާ ފިޔަވަޅުތަކެއް އަޅަން މެނޭޖުމެންޓުން ތައްޔާރު ވަމުން އަންނަ ކަމަށް އެފްއޭ ކަޕްގެ ޗެމްޕިއަންކަން ރޭ އެ ޓީމަށް ހޯދައިދިން ކޯޗު އަހުމަދު ސުޒައިރު ބުނެފި އެވެ.

މިއަހަރުގެ ޕްރެޒިޑެންޓްސް ކަޕު ފިޔަވައި ސީޒަންގެ އަނެއް ތިން ތަށި މާޒިޔާއިން ހޯދި އެވެ. އެއީ އެފްއޭ ކަޕުގެ އިތުރުން ދިވެހި ޕްރިމިއާ ލީގާއި ޗެރީޓީ ޝީލްޑެވެ. އެ ޓީމަށް ނާކުމިޔާބު ކުރިމަތިވީ ޕްރެޒިޑެންޓްސް ކަޕުގައި ވެލެންސިއާ އަތުންނެވެ.

މާޒިޔާގެ އެސިސްޓެންޓް ކޯޗުގެ ގޮތުގައި އެ ޓީމަށް އިރުޝާދު ދިން ސުޒައިރު ބުނީ ފުރަތަމަ މުބާރާތް ގެއްލުމުން މާޒިޔާގެ މެނޭޖުމެންޓުން އާ ފިޔަވަޅެއް ކުރިއަށް އަޅައި ދެން ވިސްނީ ސީޒަންގެ ބާކީ ހުރި މުބާރާތްތައް ކާމިޔާބު ކުރަން ކަމަށެވެ.

"މާޒިޔާ އަސްލު ނުކުތީ މުޅި ސީޒަން އެއްކޮށް ކާމިޔާބު ކުރަން،" މިއީ މާޒިޔާ އަށް ކާމިޔާބު ސީޒަނެއްތޯ ސުވާލު ކުރުމުން ސުޒައިރު ބުންޏެވެ.

ކާމިޔާބު ސީޒަނެއް ކަމެއް ވެސް އަދި ނޫން ކަމެއް ވެސް އޭނާ ނުބުނެ އެވެ.

މި ސީޒަންގައި ވެސް އަދި މިދިޔަ ސީޒަންގައި ވެސް މާޒިޔާއިން ސީޒަން ފެށީ ދިވެހި ކޯޗަކާއެކު އެވެ. އެކަމަކު ދެ ސީޒަންގައި ވެސް ދިވެހި ކޯޗު ދޫކޮށްލުމަށް ފަހު އަލުން ބިދޭސީ ކޯޗެއް ގެނެ އެވެ. މާޒިޔާގައި ގިނަ މުއްދަތެއް ވަންދެން މަސައްކަތް ކުރަމުން އަންނަ ސުޒައިރު ބުނީ އަންނަ ސީޒަންގައި އެކަންތައް ތަކުރާރު ނުކުރުމަށް މެނޭޖުމެންޓުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މާޒިޔާއިން ލީގު ޗެމްޕިއަން މެޑަލް އާ ހަވާލުވާން ދާއިރު އެ ޓީމުގެ ޑިފެންޑަރު އަކުރަމް --- ފޮޓޯ: ފަޔާޒު މުސާ | މިހާރު

މާޒިޔާއިން ލީގު ޗެމްޕިއަން މެޑަލް އާ ހަވާލުވާން ދާއިރު އެ ޓީމުގެ ޑިފެންޑަރު އަކުރަމް --- ފޮޓޯ: ފަޔާޒު މުސާ | މިހާރު

"މިހާރު ދެ ސީޒަނެއްގައި މިދިޔައީ ދިވެހި ކޯޗުން ލައިގެން (ފަށާފައި) އެމީހުންނަށް ކުޑަ ވަގަތު ކޮޅެއް މިދެނީ. އަނެއްކާ ވެސް ބޭރު ކޯޗަކަށް ދާން ޖެހެނީ. މިހާރު މެނޭޖުމެންޓުގައި ހުރީ މިއަންނަ އަހަރު ބޭރު ކޯޗަކާ އެކީގައި ފަށާ ކަހަލަ ވިސްނުމެއް. މިހާރު ކޯޗުންނާ ވާހަކަ ދައްކަމުން ދަނީ ވެސް،" ސުޒައިރު ބުންޏެވެ.

ޕްރެޒިޑެންޓްސް ކަޕުގައި މުހައްމަދު ޝިޔާޒު (މޯހަން) އާއެކު ނާކާމިޔާބު ވުމުން އޭނާ މަގާމުން ވަކިކޮށް، މާޒިޔާގެ ކޯޗަކަށް އެ ކްލަބުން ހަމަޖެއްސީ ސާބިއާގެ މިއޮޑްރަގް ޖެސިޗް އެވެ. އަދި އޭނާ އާއެކު މަސައްކަތް ކުރަން ސްޕެއިންގެ ފިޓްނަސް ކޯޗެއް ކަމަށްވާ ގޯރާން ގުޒިއަން ވެސް ހަމަޖެއްސި އެވެ. އެ ކޯޗުން މާޒިޔާ ދޫކޮށްލީ ލީގު ޗެމްޕިއަންކަން އެ ޓީމަށް ހޯދައި ދިނުމަށް ފަހު އެެވެ.

ސުޒައިރު ބުނީ ގޮތުގައި އެފްއޭ ކަޕުގައި އޭނާ ހުރެގެން ހޯދިޔަސް ޖެސިޗް އާއި ގޯރާން ކޮށްފައިވާ މަސައްކަތް އެ ކާމިޔާބުގައި ހިއްސާވާ ކަމަށެވެ. އެގޮތުން ސީޒަނުގެ ފަހު ކޮޅަށް ދިޔައިރު ވެސް ރަނގަޅު ކޮންޑިޝަންގައި ކުޅުންތެރިން ތިބީ އެ ދެ ކޯޗުން ކޮށްފައިވާ މަސައްކަތުންކަން އޭނާ ފާހަގަކުރި އެވެ.

އެފްއޭ ކަޕު މާޒިޔާއިން ހޯދީ ސައްތައިން ސައްތަ ދިވެހި ކުޅުންތެރިންގެ ހިއްސާ އާއެކު އެވެ. ސުޒައިރު ބުނި ގޮތުގައި އެފްއޭ ކަޕުގައި ބިދޭސީ ކުޅުންތެރިން ނުތިބޭނެ ކަމަށް ބުނި ހިސާބުން، ދިވެހި ކުޅުންތެރިން އަމިއްލަ އަށް އިސްނަގައިގެން އެފްއޭ ކަޕް ކާމިޔާބު ކުރަން މަސައްކަތް ފެށި އެވެ.