Roadha Mihaaru
ޝިއާއު ކަމަށް ބުނެ ފޮޓޯ ލީކުކުރީ ފުލުހުންނެއް ނޫން

ޝިއާއުގެ ހަށިގަނޑު ކަމަށް ބުނެ ފޮޓޯ ލީކުކުރީ ފުލުހުންނެއް ނޫން

16 އޯގަސްޓް 2022

މާލޭގައި މިދިޔަ ހަފުތާގައި ވަރަށް އަނިޔާވެރި ގޮތަކަށް މަރައިލި ޒުވާން އަންހެންކުއްޖާގެ ފޮޓޯތަކެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި މިހާރު ފަތުރާފައިވާ ފޮޓޯތައް ލީކުކުރީ ފުލުހުން ނޫން ކަމަށް ފުލުހުންގެ އިދާރާ އިން މިއަދު ބުނެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

މާލޭގައި މިދިޔަ ހަފުތާގައި ވަރަށް އަނިޔާވެރި ގޮތަކަށް މަރައިލި ޒުވާން އަންހެންކުއްޖާގެ ފޮޓޯތަކެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި މިހާރު ފަތުރާފައިވާ ފޮޓޯތައް ލީކުކުރީ ފުލުހުން ނޫން ކަމަށް ފުލުހުންގެ އިދާރާ އިން މިއަދު ބުނެފި އެވެ.

ފުވައްމުލަކަށް އުފަން ޝިއާއު މުހައްމަދު 22، މަރާލާފައި އޮއްވައި ފެނުނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހ. ޝީރީންވިލާގެ ނުވަ ބުރީގެ އެޕާޓްމަންޓުގަ އެވެ. އޭނާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް އިންޑިއާ އިން ހެދުމަށް ފަހު ރާއްޖެ ގެނެސް މިދިޔަ އާދިއްތަ ދުވަހުގެ ރޭ ވަޅުލީ ފުވައްމުލަކުގަ އެވެ.

އޭގެ ފަހުން ރެއިން ފެށިގެން ގެންދަނީ ޝިއާއު މަރާލާފައި އޮއްވައި ކަމަށް ބުނެ ބަޔަކު ނަގާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދައުރު ކުރަމުންނެވެ. އެ ފޮޓޯތަކުން ފެންނަނީ މަރާލާފައިވާ އަންހެނަކު ގޭގެ ސިޓިންރޫމުގެ ބިންމަތީގައި ބާއްވާފައި އޮތް ތަނެވެ. އަދި ބަދިގޭގެ ބިންމަތީގެ ޓައިލްސްތަކުގައި ގިނަ އަދަދެއްގެ އަދަދެއްގެ ލޭ ހުންނަ ފޮޓޯއެއް ވެސް އޭގެ ތެރޭގައި ހިމެނެ އެވެ. ބިންމަތީގައި އޮތީ ޝިއާއު ކަމަށް ބުނާއިރު، އެ ފޮޓޯ އިން ބޮޑެތި ޒަހަމުތަކެއް ފެންނަން ހުއްޓެވެ.

އެ ފޮޓޯތައް ލީކުކުރީ ފުލުހުންގެ ތެރެއިން ކަމަށް ބުނެ ބައެއް މީހުން ފާޑުކިޔާތީ ނޫސްވެރިން މިއަދު ސުވާލު ކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ފުލުހުންގެ ތެރެއިން މިހާތަނަށް އެއްވެސް ފޮޓޯއެއް ލީކުވި ކަން އެނގިފައި ނެތް ކަމަށެވެ.

"އެފަދަ ކަމެއް [ފުލުހުންގެ ތެރެއިން ފޮޓޯތައް ލީކުވުން] ހިނގާފައިވޭތޯ މި ހިދުމަތުން ބަލާނެ،" ފުލުހުންގެ ތެރެއިން ފޮޓޯ ލީކުވިތޯ ނޫސްވެރިން ސުވާލުކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ޝިއާއު އަށް ދީފައިވާ އަނިޔާގެ ތަފްސީލުތައް، އާއިލާގެ އެދުމުގެ މަތިން ފުލުހުން ހާމައެއް ނުކުރެ އެވެ. ޕޯސްޓްމޯޓަމްގެ ނަތީޖާ ވެސް މީޑިއާ އަށް އާންމެއް ނުކުރެ އެވެ.

ޝިއާއުގެ މަރާ ގުޅިގެން ފުލުހުން ވަނީ މަޝްހޫރު ސްކޭޓަރު، އަލީ ޝާހިލް 22، އެ އެޕާޓްމަންޓުން ހައްޔަރުކޮށްފަ އެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ ތަހުގީގު ނިމެންދެން ބަންދުކުރަން އަމުރުކޮށްފަ އެވެ. ޝިއާއު އަށް ހަމަލާދިން ކަމަށް ބެލެވޭ ހަތިޔާރުތަކެއް ވެސް ޝީރީންވިލާގެ ނުވަވަނަ ބުރީގެ އެޕާޓްމަންޓުން ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.