Roadha Mihaaru
ޖޫރިމަނާ ކުޑަ ކުރުމުން ރިސޯޓަކަށް 1.8 މިލިއަން

ބިމު ކުލީގެ ޖޫރިމަނާ ކުޑަކުރުމުން ރިސޯޓަކަށް 1.8 މިލިއަން ޑޮލަރު ދީފި

14 އޯގަސްޓް 2022

ޓޫރިސްޓު ފެސިލިޓީތަކަށް ދޫކޮށްފައިވާ ބިމުގެ ކުލިން ނަގާ ޖޫރިމަނާ ކުޑަ ކުރުމާ ގުޅިގެން، ރިސޯޓަކުން މީރާއަށް ދައްކާފައިވާ ޖޫރިމަނާ އިން 1.8 މިލިއަން ޑޮލަރު (28 މިލިއަން ރުފިޔާ) އަނބުރާ އެ ރިސޯޓަށް ދީފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ޓޫރިސްޓު ފެސިލިޓީތަކަށް ދޫކޮށްފައިވާ ބިމުގެ ކުލިން ނަގާ ޖޫރިމަނާ ކުޑަ ކުރުމާ ގުޅިގެން، ރިސޯޓަކުން މީރާއަށް ދައްކާފައިވާ ޖޫރިމަނާ އިން 1.8 މިލިއަން ޑޮލަރު (28 މިލިއަން ރުފިޔާ) އަނބުރާ އެ ރިސޯޓަށް ދީފި އެވެ.

ރިސޯޓާއި، ހޮޓަލާއި، ގެސްޓްހައުސް ހަދަން ކުއްޔަށް ދޭ ރަށްރަށާއި ބިމުގެ ކުލި ސަރުކާރަށް ދެއްކުމާ ބެހޭ ގަވާއިދަށް ބަދަލު ގެނެސްފައިވަނީ 2020 ވަނަ އަހަރު އެވެ. އޭގެ ކުރިން 2019 ވަނަ އަހަރު ރައީސް އޮޮފީހުގެ އިކޮނޮމިކް ކައުންސިލުން ވަނީ ޖޫރިމަނާ ކުޑަ ކުރަން ނިންމައިފަ އެވެ. އެ ބަދަލުގައިވާ ގޮތުން ކުލި ދައްކަން ޖެހޭ މުއްދަތު ހަމަވާ ދުވަހުން ފެށިގެން ފައިސާ ދައްކާ ދުވަހާ ހަމައަށް ކޮންމެ ދުވަހަކު ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭނީ ކުލީގެ 0.0493 ޕަސެންޓެވެ. ކުރިން އޮތީ ކޮންމެ ދުވަހަކަށް ކުލީގެ 0.5 ޕަސެންޓް، ޖޫރިމަނާއަށް އަރާ ގޮތަށެވެ.

އެ ނިންމުމަށް އަމަލުކުރަން ފެށީ މި އަހަރުގެ ފެބްރުއަރީ މަހުން ފެށިގެންނެވެ. އެހެންވެ، ޓޫރިޒަމް މިނިސްޓްރީން ގަވައިދު އިސްލާހު ގެންނަ ތާރީހުން ފެށިގެން ޖޫރިމަނާގެ ގޮތުގައި 0.5 ރޭޓުން ދެއްކި ފަރާތްތަކަށް އިތުރަށް ދެއްކި އަނބުރާ ފައިސާ ދައްކަން ޖެހޭނެ އެވެ. މީރާއިން ޖޫރިމަނާގެ ގޮތުގައި އަނބުރާ ފައިސާ ދެނީ ޓޫރިޒަމް މިނިސްޓްރީން އަންގާ ފަރާތްތަކަށެވެ.

ބެކްޑޭޓްކޮށް މި ގަވައިދަށް އިސްލާހު ގެނެސްގެން އަމަލު ކުރަން ފެށުމާ ގުޅިގެން ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް މީގެ ކުރިން ވަނީ މިއީ ވަކި ރިސޯޓުތަކަށް ބޮޑެތި އަދަދުތަކުން ފައިސާ ލިބޭ ގޮތަށް ސަރުކާރުން ހިންގާ ޖަރީމާއެއްގެ ގޮތުގައި ސިފަ ކުރައްވައި ވާހަކަ ވެސް ދައްކައިފަ އެވެ.

މީރާ އިން ބުނީ މިއަދާ ހަމައަށް ޖޫރިމަނާގެ ފައިސާ އަނބުރާ ދެއްކީ އެންމެ ފަރާތަކަށް ކަމަށެވެ. އެހެން ނަމަވެސް ކުރިއަށް އޮތްތަނުގައި އިތުރު ރިސޯޓުތަކަށް ވެސް ޖޫރިމަނާގެ ގޮތުގައި އިތުރު ފައިސާ އަނބުރާ ދައްކަން ޖެހިދާނެ ކަމަށް އެ އިދާރާއިން ބުންޏެވެ.

ރާއްޖޭގެ ޓޫރިސްޓު ފެސިލިޓީތަކުން ސަރުކާރަށް ކުލި ދައްކަމުން އަންނަނީ ކޮންމެ އަހަރެއްގެ ކުލި ހަތަރު ކުއާޓަރަށް ބަހާލައިގެންނެވެ. އެހެންކަމުން ކުލި ދައްކަން ޖެހޭ މުއްދަތު ކޮންމެ ކުއާޓަރެއްގެ ފުރަތަމަ ދުވަހުން ފެށިގެން ހަމަވާނެ އެވެ. އެއަށް ފަހު ކުލި ނުދައްކާ ކޮންމެ ދުވަހަކަށް ޖޫރިމަނާ އަރަ އެވެ.