Roadha Mihaaru
ފޭކްސްލިޕް ފޮނުވައިގެން މުދާ ހޯދި މީހަކު ޖަލަށް

ތަކުރާރުކޮށް، ފޭކް ސްލިޕް ފޮނުވައިގެން މުދާ ހޯދަމުން މީހަކު ހަ އަހަރަށް ޖަލަށް

11 އޯގަސްޓް 2022

ފައިސާ ފޮނުވި ކަމަށް ބުނެ ތަކުރާރުކޮށް، ފޭކް ސްލިޕް ފޮނުވައިގެން 7،000 އަށް ވުރެ ގިނަ ރުފިޔާގެ މުދާ އެކި ފަހަރު މަތިން ހޯދި މީހަކު ހަ އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ފައިސާ ފޮނުވި ކަމަށް ބުނެ ތަކުރާރުކޮށް، ފޭކް ސްލިޕް ފޮނުވައިގެން 7،000 އަށް ވުރެ ގިނަ ރުފިޔާގެ މުދާ އެކި ފަހަރު މަތިން ހޯދި މީހަކު ހަ އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ހއ. ދިއްދޫ ވިނޯލިޔާ، އިބްރާހިމް ހަލީލްގެ މައްޗަށް ދައުލަތުން 14 ދައުވާއެއް ކުރީ މިދިޔަ ޖެނުއަރީ މަހު މާލޭގެ ފިހާރައަކުން އެކި ފަހަރު މަތިން މުދާ ނެގުމަށް ފަހު، ފައިސާ ދެއްކި ކަމަށް ބުނެ ފޭކް ސްލިޕްތަކެއް ފޮނުވާފައިވާތީ އެވެ. އޭނާ މުޅިން ވެސް ހޯދާފައިވަނީ ކާބޯތަކެއްޗާއި އާންމު ދިރިއުޅުމަށް ބޭނުންވާ ސާމާނެވެ.

އެނގި ހުރެ އެހެން މީހެއްގެ މުދަލަށް ހުއްދަ ނޫން ގޮތުގައި ބާރު ހިންގުމުގެ ހަތް ދައުވާ އަކާއި އެނގި ހުރެ ސައްހަ ނޫން ލިޔުމުގެ ތެދުކަން ދެއްކުމުގެ ހަތް ދައުވާއެއް އޭނާގެ މައްޗަށް ދައުލަތުން ކުރި އެވެ. އެ ހުރިހާ ދައުވާތަކަށް އޭނާ ކޯޓުގައި އިއުތިރާފުވި އެވެ.

ހުއްދަ ނޫން ގޮތުގައި މުދަލަށް ބާރު ހިންގުމުގެ ކުށުގައި ކޮންމެ ދައުވާއަކަށް ކޯޓުން އޭނާގެ މައްޗަށް އިއްވީ ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ. އަދި ސައްހަ ނޫން ލިޔުމުގެ ތެދުކަން ދެއްކުމުގެ ހަ ދައުވާއަކަށް ވަކިވަކިން ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އިއްވިއިރު ބާކީ އޮތް ދައުވާގައި އިއްވީ ހަ މަހާއި 29 ދުވަހުގެ ޖަލު ހުކުމެކެވެ. އެގޮތަށް އަދަބު ކަނޑައެޅުމުން ހަލީލުގެ ޖަލު ހުކުމުގެ މުއްދަތު ހަ އަހަރަށް ވުރެ ދިގުވެ އެވެ.

ފޭސް ސްލިޕް ފޮނުވައިގެން މުދާ ހޯދުމުގެ މައްސަލަތައް ވަރަށް ގިނައިން ފެންމަތިވެ އެވެ. އަދި ބައެއް މީހުންނަށް ދައުވާ ވެސް ކޮށްފައިވެ އެވެ. އެކަމަކު މިއީ ތަކުރާރުކޮށް އެކަން ކުރި މީހެއްގެ މައްޗަށް މިހާ ގިނަ ދައުވާކޮށް، އަދަބު ކަނޑައެޅި ފުރަތަމަ ފަހަރެވެ.