Roadha Mihaaru
ހުތުރު ވީޑިއޯތައް ދައުރުކުރުން ހުއްޓުވަންޖެހޭ: އިމްރާން

ހުތުރު ވީޑިއޯތައް ދައުރުކުރުން ހުއްޓުވާނެ ގާނޫނީ އޮނިގަނޑެއް ބޭނުންވޭ: އިމްރާން

11 އޯގަސްޓް 2022

ހުތުރުކަން ބޮޑު ފާހިޝް އަމަލު ހިންގާ ވީޑިއޯތައް ދައުރު ކުރުން ހުއްޓުވަން ގާނޫނީ އޮނިގަނޑެއް އެކުލަވާލަން ޖެހޭ ކަމަށް އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ހުތުރުކަން ބޮޑު ފާހިޝް އަމަލު ހިންގާ ވީޑިއޯތައް ދައުރު ކުރުން ހުއްޓުވަން ގާނޫނީ އޮނިގަނޑެއް އެކުލަވާލަން ޖެހޭ ކަމަށް އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އިމްރާން މިހެން ވިދާޅުވީ، ބަންގްލަދޭޝްގެ މީހެއް ކަމަށްވާ އާލަމްގީރާ އެކު އެއް ޖިންސުން ގުޅުން ހިންގާ ގިނަ އަދަދެއްގެ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވަމުން ދާ ދުވަސްވަރެއްގަ އެވެ.

އެކަމާ ގުޅިގެން އިމްރާން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެފަދަ މަންޒަރުތައް އޮންލައިން މީޑިއާތަކާއި ސޯޝަލް މީޑިއާގައި ދައުރުކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ.

އެކަަމަށްޓަކައި ވީހާ ވެސް އަވަހަށް ގާނޫނީ އޮނިގަނޑެއް ވުޖޫދު ނުކުރެވިއްޖެ ނަމަ ރާއްޖޭގެ އިޖްތިމާއީ އަހުލާގު އެއްކޮށް ފުނޑުފުނޑު ވެގެން ހިނގައިދާނެ ކަމަށް އިމްރާން ވިދާޅުވި އެވެ.

އެއް ޖިންސުން ގުޅުން ހިންގާ ގިނަ ވީޑިއޯތަކެއް ސިއްރުން ރެކޯޑު ކޮށްފައި ވަނީ ބްލެކްމެއިލް ކުރަން ބޭނުން ކުރުމަށް ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެ ލީކު ކުރަމުންދާ ފަރާތްތަކާއި އެކަމުގެ ފަހަތުގައި ތިބި މީހުން ފުލުހުން އަދި ހައްޔަރެއް ނުކުރެ އެވެ.

ވީޑިއޯތަކާ ގުޅިގެން މިހާތަނަށް ސަރުކާރުގެ އިސް މަގާމްތަކުގައި ތިއްބަވާ ފަރާތްތަކާއި ސިޔާސީ މީހުން ވެސް ހިމެނެ އެވެ. އެ މައްސަލާގައި މިހާތަނަށް 18 މީހެއްގެ ޕާސްޕޯޓު ހިފަހައްޓައި މަގާމުތަކުގައި ތިބި މީހުން ވަނީ ސަސްޕެންޑް ކޮށްފަ އެވެ.

އޭގެ އިތުރުން އެ މައްސަލާގައި ހައްޔަރު ކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރާއި ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު ކާނަލް މުހައްމަދު ނަޝީދާއި ފުލުސް އޮފިސަރަކަށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ވެސް ފުލުހުން ވަނީ މައްސަލައެއް ފޮނުވައިފަ އެވެ.