Roadha Mihaaru
ދެން ބަޣާވާތެއް ނުކުރާނަން: ތައިލެންޑް ސިފައިންގެ ވެރިޔާ

އަންނަ އިންތިޚާބަށް ފަހު ބަޣާވާތެއް ނުކުރާނަން: ތައިލެންޑް ސިފައިންގެ ވެރިޔާ

03 ޖެނުއަރީ 2017

ބެންކޮކް (ޖެނުއަރީ 3) - ތައިލެންޑުގައި ބާއްވާ އިންތިޚާބަށް ފަހު އެ ގައުމުގައި ދެން ބަޣާވާތް ނުކުރާނެ ކަމަށް ސިފައިންގެ ވެރިޔާ ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ބެންކޮކް (ޖެނުއަރީ 3) - ތައިލެންޑުގައި ބާއްވާ އިންތިޚާބަށް ފަހު އެ ގައުމުގައި ދެން ބަޣާވާތް ނުކުރާނެ ކަމަށް ސިފައިންގެ ވެރިޔާ ވިދާޅުވެއްޖެ އެވެ.

ތައިލެންޑުގައި 1932 ވަނަ އަހަރުގެ ފަހުން ސިފައިން ވަނީ 12 ފަހަރު ބަޣާވާތަކުން ވެރިކަން ހޯދައިފަ އެވެ. މީގެ އިތުރުން ވަނީ ނާކާމިޔާބު ހަތް ބަޣާވާތް ގެނެސްފަ އެވެ.

ސިފައިންގެ ވެރިޔާ ޖެނެރަލް ޗަލެމްޗައި ސިތިސަތު ވިދާޅުވީ ކުރިއަށް އޮތް އިންތިޚާބުގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތް ނަމަވެސް އިހުތިރާމް ކުރާނެ ކަމަށެވެ.

އިންތިޚާބަށް ފަހު ސަރުކާރަށް ސިފައިން ނުފޫޒު ފޯރުވަފާނެތޯ ނޫސްވެރިއަކު ކުރި ސުވާލުގެ ޖަވާބުގައި ސިތިސަތު ވިދާޅުވީ "ހިނގައިދިޔަ ކަންތަކުން ފިލާވަޅު ލިބިއްޖެ ކަމަށާއި ދެން ބަޣާވާތް ނުކުރާނެ" ކަމަށެވެ.

"ދެން ބަޣާވާތް ނުކުރާނެ ކަމުގެ ޔަގީންކަން ދެން،" އޭނާ ވިދާޅުވި އެވެ.

ތައިލެންޑުގައި މިހާރު އޮތް އަސްކަރީ ސަރުކާރުން ވެސް ވެރިކަން ހޯދީ މީގެ ތިން އަހަރު ކުރިން ގެނައި ބަޣާވާތެއްގަ އެވެ. އެކަމަކު އަސްކަރީ ސަރުކާރުން ތަކުރާރުކޮށް ބުނަމުންދަނީ މަދަނީ ސަރުކާރެއް ގާއިމްކުރާނެ ކަމަށެވެ.

ތައިލެންޑުގައި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ މި އަހަރު ފަހުކޮޅު އެވެ. ނަމަވެސް އަސްކަރީ ސަރުކާރުގެ ބައެއް އޮފިޝަލުން ބުނަމުންދަނީ އިންތިޚާބާ ބެހޭ ގާނޫނުތައް ފާސްވަންދެން، އިންތިޚާބު އަންނަ އަހަރަށް ފަސްކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އެކަމަކު ސަރުކާރުގެ ތަރުޖަމާން މޭޖާ ޖެނެރަލް ސަންސާން ކައެވްކަމްނާޑް ވިދާޅުވީ ޝެޑިއުލްއާ އެއްގޮތަށް އިންތިޚާބުގެ ކަންކަން ކުރިއަށް ދާނެ ކަމަށެވެ.