Roadha Mihaaru
ކުއާޓާ ފައިނަލުން ރަފާ އަށް މަޑުޖެހުމެއް

ސޮލިޑާރިޓީ ގޭމްސްގެ ކުއާޓާ ފައިނަލުން ރަފާ އަށް މަޑުޖެހުމެއް

08 އޯގަސްޓް 2022

ތުރުކީގައި ކުރިއަށްދާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ ކުއާޓާ ފައިނަލުގައި މިއަދު ކެމެރޫންގެ ކުޅުންތެރިޔާ އާ ވާދަކޮށް ރާއްޖޭގެ އައިޝަތު ރަފާ ނާޒިމް ބަލިވެއްޖެ އެވެ.

ތުރުކީގައި ކުރިއަށްދާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ ކުއާޓާ ފައިނަލުގައި މިއަދު ކެމެރޫންގެ ކުޅުންތެރިޔާ އާ ވާދަކޮށް ރާއްޖޭގެ އައިޝަތު ރަފާ ނާޒިމް ބަލިވެއްޖެ އެވެ.

އިސްލާމީ ގައުމުތަކުގެ މެދުގައި ބާއްވާ ގޭމްސްގެ ޓޭބަލް ޓެނިސް ސިންގަލްސް ކުއާޓާ ފައިނަލުގައި މިއަދު ރަފާ ބަލިވީ ސީދާ ތިން ގޭމުންނެވެ. ފުރަތަމަ ގޭމް ދިޔައީ ވަރަށް ވާދަވެރިކޮށެވެ. އެ ގޭމް ކެމެރޫންގެ ކުޅުންތެރިޔާ ކާމިޔާބު ކުރީ 12-10 ންނެވެ.

ދެވަނަ ގޭމުން ރަފާ ބަލިވީ 11-7 ންނެވެ. ފަހު ގޭމްގައި އަނެއްކާ ވެސް ވާދަވެރިކަން ބޮޑުވި އެވެ. އެ ގޭމް ކެމެރޫންގެ ކުޅުންތެރިޔާ ކާމިޔާބު ކުރީ 11-9 ންނެވެ.

މުބާރާތުގައި އިއްޔެ ކުޅުނު ދެ މެޗު ވެސް ރަފާ ކާމިޔާބު ކުރީ އެވެ. ކުއާޓާ ފައިނަލަށް އޭނާ ދަތުރު ކުރީ ގަދަ 16 ގެ ބުރުގައި އުޒްބެކިސްތާންގެ ކުޅުންތެރިޔާގެ މައްޗަށް ސީދާ ތިން ގޭމުން ކާމިޔާބު ހޯދައިގެންނެވެ. ރަފާ މެޗު ކާމިޔާބު ކުރީ، 11-2، 11-3، 11-2 ންނެވެ.

އޭގެ ކުރިން ފުރަތަމަ ބުރުގައި އުޒްބެކިސްތާންގެ ކުޅުންތެރިޔާ އާ ދެކޮޅަށް ވެސް ރަފާ ކާމިޔާބު ހޯދީ ސީދާ ތިން ގޭމުންނެވެ. އެ މެޗުގެ ގޭމްތަކުން އޭނާ ކުރި ހޯދީ 11-4، 13-11 އަދި 11-3 ންނެވެ. ކޮމަންވެލްތު ގޭމްސްގައި ވެސް ރާއްޖޭގެ އެތުލީޓުންގެ ތެރެއިން އިންޑަވިޖުއަލީ އެންމެ ރަނގަޅު ޕާފޯމަންސެއް ދެއްކީ ރަފާ އެވެ. ސޮލިޑާރިޓީ ގޭމްސްގައި ރާއްޖޭގެ މުހައްމަދު ޝައްފާން އިސްލާއީލް ވެސް ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. ފުރަތަމަ ބުރުގައި ޓޯގޯގެ ކުޅުންތެރިޔާ ބަލިކޮށް ސީދާ ތިން ގޭމުން ބަލިކޮށް ގަދަ 16 ބުރަށް ދަތުރު ކުރި އެވެ. އެބުރުގައި އިރާންގެ ތަޖުރިބާކާރު ކުޅުންތެރިޔާ އާ ދެކޮޅަށް ވަރުގަދަ ފައިޓެއް ޝައްފާން ދިނެވެ. އޭނާ މެޗުން ބަލިވީ 11-9. 11-6 އަދި 11-7 ންނެވެ.

ރާއްޖޭގެ އެއްވަނަ ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ އަށް އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ކުރިމަތިވީ ހިތްދަތި ނަތީޖާއެކެވެ. އަންހެން ސިންގަލްސް ފުރުތަމަ ބުރުގެ މެޗުގައި އުޒްބެކިސްތާން ކުޅުންތެރިޔާގެ މައްޗަށް ފުރަތަމަ ގޭމްގައި ކާމިޔާބު ހޯދި ނަމަވެސް މެޗުން ބަލިވީ ފަހު ތިން ގޭމުން ނާކާމިޔާބާ ކުރިމަތި ވުމުންނެވެ.