Roadha Mihaaru
ސޮލިޑާރިޓީ ގޭމްސްގެ ކުއާޓާ ފައިނަލަށް ރަފާ ދަތުރުކޮށްފި

ސޮލިޑާރިޓީ ގޭމްސްގެ ކުއާޓާ ފައިނަލުން ރަފާ ޖާގަ ހޯދައިފި

08 އޯގަސްޓް 2022

މިހާރު ކުރިއަށްދާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ ޓޭބަލް ޓެނިސް އަންހެން ސިންގަލްސްގެ ކުއާޓާ ފައިނަލަށް ރާއްޖޭގެ އައިޝަތު ރަފާ ނާޒިމް ދަތުރު ކޮށްފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

މިހާރު ކުރިއަށްދާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ ޓޭބަލް ޓެނިސް އަންހެން ސިންގަލްސްގެ ކުއާޓާ ފައިނަލަށް ރާއްޖޭގެ އައިޝަތު ރަފާ ނާޒިމް ދަތުރު ކޮށްފި އެވެ.

ތުރުކީގެ ކޮންޔާގައި މިހާރު ކުިރއަށްދާ ގޭމްސް އަކީ ގާތްގަނޑަކަށް ދެ ހަފުތާ ތެރޭ ރަފާ އާއި ރާއްޖޭގެ އަންންހެން ޓީޓީ ކުޅުންތެރިން ވާދަ ކުރާ ދެވަނަ ގޭމްސް އެވެ. މިދިޔަ ހަފުތާގައި ކޮމަންވެލްތު ގޭމްސްގައި ވެސް ރާއްޖޭގެ އަންހެން ޓީޓީ ޓީމުގެ ކުޅުންތެރިން ވާދަ ކުރި އެވެ.

އިސްލާމީ ގައުމުތަކުގެ މެދުގައި ބާއްވާ ގޭމްސްގެ ކުއާޓާ ފައިނަލަށް ރަފާ ދަތުރު ކުރީ މިއަދު ރައުންޑް 16 ގައި ޖިބޫޓީގެ ކުޅުންތެރިޔާ އާ ދެކޮޅަށް ކުޅުނު މެޗު ސީދާ ތިން ގޭމުން ކާމިޔާބު ކޮށްގެންނެވެ. ރަފާ މެޗު ކާމިޔާބު ކުރީ، 11-2، 11-3، 11-2 ންނެވެ.

އޭގެ ކުރިން ފުރަތަމަ ބުރުގައި އުޒްބެކިސްތާންގެ ކުޅުންތެރިޔާ އާ ދެކޮޅަށް ވެސް ރަފާ ކާމިޔާބު ހޯދީ ސީދާ ތިން ގޭމުންނެވެ. އެ މެޗުގެ ގޭމްތަކުން އޭނާ ކުރި ހޯދީ 11-4، 13-11 އަދި 11-3 ންނެވެ. ކޮމަންވެލްތު ގޭމްސްގައި ވެސް ރާއްޖޭގެ އެތުލީޓުންގެ ތެރެއިން އިންޑަވިޖުއަލީ އެންމެ ރަނގަޅު ޕާފޯމަސްސެއް ދެއްކީ ރަފާ އެވެ.

އޭނާ ވާދަ ކުރާ ކުއާޓާ ފައިނަލު މެޗު ރާއްޖޭ ގަޑިން މާދަމާ މެންދުރު 12:30 ގައި އޮންނާނެ އެވެ.

ރަފާ ކުޅުނު މެޗެއްގެ ތެރެއިން: އޭނާ ވަނީ ކޮމަންވެލްތު ގޭމްސްގައި ވެސް ރަނގަޅު ކުޅުމެއް ދައްކާފަ --- ފޮޓޯ: އިސްމާއީލް ތޯރިގް | އެމްއޯސީ

ރަފާ ކުޅުނު މެޗެއްގެ ތެރެއިން: އޭނާ ވަނީ ކޮމަންވެލްތު ގޭމްސްގައި ވެސް ރަނގަޅު ކުޅުމެއް ދައްކާފަ --- ފޮޓޯ: އިސްމާއީލް ތޯރިގް | އެމްއޯސީ

އެންމެ ފަހުގެ ސައުތު އޭޝިއަން ޖޫނިއާ އަދި ކެޑޭޓް ޗެމްޕިއަންޝިޕްގައި ކެޑޭޓް ބައިން ދެވަނަ ހޯދި ފާތިމަތު ދީމާ އަލީ ސިންގަލްސްގައި ކުރިއަށް ނުދެވުނެވެ. އެއްވަނަ ބުރުން އޭނާ ބަލިބީ އުޒްބެކިސްތާން ކުޅުންތެރިޔާ އަތުން 3-1 ގޭމުންނެވެ. ފުރަތަމަ ގޭމް ދީމާ 11-8 ން ކާމިޔާބު ކުރި އެވެ.

ނަމަވެސް ފަހުން އައި ތިން ގޭމުން އޭނާ ބަލިވީ 7-11، 3-11 އަދި 9-11 އިންނެވެ. ފިރިހެން ސިންގަލްސްގައި ރާއްޖޭގެ ޝައްފާން ވަނީ ފުރަތަމަ ބުރުން މޮޅުވެ ގަދަ 16 ގެ ބުރަށް ދަތުރުކޮށްފަ އެވެ.

ފުރަތަމަ ބުރުގައި އޭނާ ވަނީ ޓޯގޯގެ ކުޅުންތެރިޔާގެ މައްޗަށް ސީދާ ތިން ގޭމުން ކާމިޔާބު ހޯދަައިފަ އެވެ. ގަދަ 16 ގެ ބުރަށް ވުރެ ދުރަށް އޭނާ އަށް ނުދެވުނީ އިރާންގެ ކުޅުންތެރިޔާ އަތުން ސީދާ ތިން ސެޓުން ބަލިވުމުންނެވެ. އޭނާ ބަލިވީ 11-9. 11-6 އަދި 11-7 ންނެވެ.

ރާއްޖޭގެ ތަޖުރިބާކާރު ކުޅުންތެރިޔާ މުންސިފް އަހުމަދު، ސައުދީ އަރަބިއާގެ ކުޅުންތެރިޔާ އާ ދެކޮޅަށް ނުކުމެ މެޗުން ބަލިވީ ސީދާ ތިން ގޭމުންނެވެ.