Roadha Mihaaru

ނަޝީދަށް އޮތް ޗޮއިސް: އަމާން ދިނުން، ނޫނީ ޕާޓީ ގެއްލުން!

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮތީ ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅުގަ އޭ ބުނުމަކީ އެއް ވިސްނުމަކުން ބަލާއިރު، ތިން ބާރު ވަކިވެފައިވާ ނިޒާމެއްގައި ހިނގައިގެން ވާނެ ކަމެއް ނޫނެވެ. އެކަމަކު ސިޔާސީ ނަޒަރަކުން ބަލާއިރު އެ ބުނެވެނީ މި ވަގުތު އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ވުރެ ބޮޑަށް އެ ޕާޓީގެ އިސް މަގާމްތަކުގައި ތިއްބެވި މެމްބަރުން އިތުބާރު ކުރައްވަނީ ޕާޓީގެ އިސް ލީޑަރު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށެވެ.

ނަޝީދަށް އޮތީ އަމާންދިނުން، ނޫނީ ޕާޓީ ގެއްލުން!
މޫސާ ރަޝީދު
މޫސާ ރަޝީދު

02 އޯގަސްޓް 2022

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮތީ ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅުގަ އޭ ބުނުމަކީ އެއް ވިސްނުމަކުން ބަލާއިރު، ތިން ބާރު ވަކިވެފައިވާ ނިޒާމެއްގައި ހިނގައިގެން ވާނެ ކަމެއް ނޫނެވެ. އެކަމަކު ސިޔާސީ ނަޒަރަކުން ބަލާއިރު އެ ބުނެވެނީ މި ވަގުތު އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ވުރެ ބޮޑަށް އެ ޕާޓީގެ އިސް މަގާމްތަކުގައި ތިއްބެވި މެމްބަރުން އިތުބާރު ކުރައްވަނީ ޕާޓީގެ އިސް ލީޑަރު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށެވެ.

އެ ތަފާތު ސާފުވާން ފެށި ހިސާބުން ކޮންމެ އިންތިހާބެއްގައި ކޯޅެމުން އަންނަ އެމްޑީޕީގެ ތެރޭގައި އަނެއްކާވެސް ފެށިގެން އުޅޭ އަރައިރުންގަނޑާއި އޭގެ ތެރެއިން ފަޅައިގެން އައި ނަޝީދުގެ ނޯ-ކޮންފިޑެންސް މޯޝަންގެ ވާހަކައަކީ މިހާރު އެހާ ގިނަ ބަޔަކަށް މާ ބޮޑު ޝޮކަކަށް ނުވަނީ ވެސް އެހެންވެ އެވެ. އެއް ޕާޓީއަކަށް ދެ ލީޑަރަކު ހިފައިގެންފި ނަމަ އޭގެ ނިމުން އޮތީ އެއް ބޭފުޅެއްގެ މަގާމް ގެއްލިގެން ނުވަތަ ޕާޓީން ވެސް ނެރެލާ ހިސާބަށް ކަންތައް ގޮސްގެން ކަން މީގެ އަހަރުތަކެއް ކުރިން އޮތީ ފެނި ތަޖުރިބާ ކުރެވިފަ އެވެ.

މި ސަރުކާރަށް ވެސް އެންމެ އުނދަގޫވި ހިސާބަކީ މަޖިލީހުގެ ރައީސް ރިޔާސަތުގައި އިންނަވައިގެންނާއި ޕާޓީ ތެރޭގައި އަދި ވަޓްސްއެޕް ގްރޫޕްތަކުގައި ސަރުކާރާއި ބައެއް ވަޒީރުންގެ ކޮރަޕްޓް ވާހަކަ އާއި އެމްޑީޕީގެ ސިޔާސަތުތައް ތަންފީޒު ނުކުރާ ވާހަކަ ދައްކަވާތީ އެވެ. އިގްތިސޯދީ މައްސަލަތަކާއި މާލީ ހިސާބުތައް ހޯދައި އެ މައްސަލަތަކުގެ ތެރެއަށް ވަދެވަޑައިގަންނަވާތީ އެވެ. އެމަނިކުފާނަށް ތާއީދު ކުރައްވާ މެމްބަރުން ދެކެވަޑައިގަންނަވަނީ އެއީ ބާރުތައް ބެހިފައިވާ ނިޒާމުގެ ތެރެއިން "ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ" މަސައްކަތް ކަމަށެވެ. ނަމަވެސް ރައީސްގެ މެމްބަރުންނަށް އެއީ "ޖެއްސުންކުރުން" ނޫން އެހެން ކަމެއް ނޫނެވެ.

އެމްޑީޕީގެ އަހަރީ ދުވަހުގެ މުނާސަބަތުގައި އެޕާޓީގެ ހަރުގޭގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ސަޕޯޓަރުންނަށް އަތްޕުޅު ހިއްލާލައްވަނީ--. ފޮޓޯ: ނިޝާން އަލީ /މިހާރު

އެމްޑީޕީގެ އަހަރީ ދުވަހުގެ މުނާސަބަތުގައި އެޕާޓީގެ ހަރުގޭގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ސަޕޯޓަރުންނަށް އަތްޕުޅު ހިއްލާލައްވަނީ--. ފޮޓޯ: ނިޝާން އަލީ /މިހާރު

އެކަމާ ހެދި ކެތްތެރިކަން ކޮޅުންލާ ހިސާބުގައި ގިނަ މެމްބަރުން ތިއްބާ ކުއްލިއަކަށް ކެކިގެން އައި އެއް ޖިންސުން ގުޅުން ހިންގި މައްސަލާގައި ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު ތާށިވުމާއި، އޭނާގެ ދިފާއުގައި ނަޝީދު ބަސް ވިދާޅުވުމާއި އެއަށް ފަހު ވެރިކަން ވައްޓާލަން އިންޒާރު ދީ އެންމެ ފަހުން ސީދާ ރައީސަށް އަމާޒުކޮށް ތުހުމަތުތަކެއް ކުރަން ފެށުމަކީ، އެ މެމްބަރުންނަށް ގަބޫލު ކުރެވުނީ އެމަނިކުފާނު ކޮންޓްރޯލުން ނެއްޓިއްޖެ ކަމެވެ. ވަކި ކުރަން ބޭނުން ވެއްޖެ ނަމަ މިއަށް ވުރެ ރަނގަޅު ފުރުސަތެއް ނުލިބޭނެ ކަމެވެ. ކެތް ކޮށްގެން ތިބެން ޖެހޭ ތިބުން ނިކުމަކަށް ގެނައުމެވެ!

ނަޝީދު ރަތް ރޮނގު ހުރަސް ކޮށްފި. އެމަނިކުފާނު ނުހުއްޓުވައި ދެން މަޖިލިސްގެ މަސައްކަތަކަށް ވެސް ފަސޭހައެއް ނުވާނެ - އެމްޑީޕީ މެމްބަރެއް

"ނަޝީދު ރަތް ރޮނގު ހުރަސް ކޮށްފި. އެމަނިކުފާނު ނުހުއްޓުވައި ދެން މަޖިލިސް ތެރޭގައި ވެސް ފަސޭހައެއް ނުވާނެ. ދެން ދާނީ އިތުރަށް ގޯސްވަމުން، އެހެންވެ އަޅުގަނޑުމެންނަށް ނަޝީދު ވަކި ކުރުން ނޫން އެހެން ގޮތެއް ނެތް،" ރައީސް ފެކްޝަންގެ މަޖިލިސް މެމްބަރަކު ވިދާޅުވި އެވެ.

"ނަޝީދާއި އީވާ ދެން މަގާމުގައި ނުބޭތިއްބޭނެ"

އާންމުން ކުރާ އެއް ސުވާލަކީ އެމްޑީޕީގެ އެންމެ މަގްބޫލު ޝަހުސިއްޔަތު އެހާ ފަސޭހައިން މަގާމުން ވަކި ކުރެވިދާނެ ހެއްޔޭ އެވެ؟ އެމްޑީޕީގެ ދެ ފެކްޝަނަށް މެމްބަރުން ބެހިފައި ތިބި ނަމްބަރަށް ބަލާނަމަ އެއީ ވަރަށް ފަސޭހައިން ރައީސަށް ކާމިޔާބު ކުރެވިދާނެ ކަމެކެވެ.

މަޖިލީހުގައި ނަޝީދާއި ރައީސްގެ ފެކްޝަން ބެހިފައިވާ ގޮތުގެ އިންފޮގްރެފިކްސްއެއް--

މަޖިލީހުގައި ނަޝީދާއި ރައީސްގެ ފެކްޝަން ބެހިފައިވާ ގޮތުގެ އިންފޮގްރެފިކްސްއެއް--

ނަޝީދުގެ ފަޅިއަށް އަރައި ސަރުކާރުގެ ވިޕްލައިންތަކާ ހިލާފުވާނެ ކަމަށް ފާޅުގައި ވިދާޅުވެފައި ވަނީ މިހާތަނަށް 19 މެމްބަރެކެވެ. އިދިކޮޅު ހުރިހާ ޕާޓީއެއް އެމަނިކުފާނު ސަލާމަތް ކުރަން މަސައްކަތް ކުރިޔަސް ލިބޭނީ 28 ވޯޓެވެ. އޭގެ ބަދަލުގައި ރައީސްގެ ފަޅީގައި 46 މެމްބަރުން އެބަތިއްބެވެ.

ގާނޫނުއަސާސީގައިވާ ގޮތުން ނަމަ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމަށް ސިމްޕަލް މެޖޯރިޓީން ފާސްވާނެ އެވެ. އެއީ މިހާރު 87 މެމްބަރުން ތިއްބަވާ މަޖިލީހުގެ 43 މެމްބަރުންގެ ވޯޓެވެ. މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކު މަގާމުން ވަކިކުރަން ހުށަހެޅޭނީ މަޖިލީހުގެ ގަވައިދުގައިވާ ގޮތުން މަޖިލިހުގެ ޖުމުލަ މެމްބަރުންގެ ހަތަރުބައިކުޅަ އެއްބަޔަށް ވުރެ މަދު ނޫން އަދަދެއްގެ މެމްބަރުންގެ ސޮޔާއެކު ހުށަހަޅާ ގަރާރަކުންނެވެ. އެއީ 22 މެމްބަރުންގެ ސޮޔެވެ.

އެހެންވެ ނަޝީދުގެ އަތުން މަޖިލިސް ރައީސްކަން އަތުލަން ބޭނުންވެއްޖެ ނަމަ "ސަރުކާރު މެމްބަރުން" ބޭނުން ކުރައްވައިގެން ވަރަށް ފަސޭހައިން އެމަނިކުފާނު ވަކި ކުރެވިދާނެ އެވެ.

"މިހާރު" އާ ވާހަކަ ދެއްކެވި ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ގަފޫރު މޫސާ ވިދާޅުވި ގޮތުގައި ނަޝީދު މަގާމުން ވަކި ކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ ރައީސް އަންގަވައިގެނެއް ނޫނެވެ. ދީނުގައި ސާފުކޮށް މަނާ ކޮށްފައިވާ ކަންކަމުގެ ދިފާއުގައި ނުކުތުމާއި ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅަކަށް އެއްވެސް ހެއްކެއް ނެތި ތުހުމަތުތަކެއް ކުރައްވަމުން ގެންދެވުމަކީ "ރޮނގު ހުރަސްކުރުން" ކަމަށް އޭނާ ވިދާޅުވި އެވެ.

ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ގަފޫރު މޫސާ

ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ގަފޫރު މޫސާ

"އެއްވެސް ހެއްކެއް ދެއްކުމެއް ނެތި އެއް ބާރުގެ ވެރިޔަކު އަނެއްބާރުގެ ވެރިޔާ އާ ދިމާލަށް އެވަރުގެ ހުތުރު ތުހުމަތުތަކެއް އަޅުވަމުން ގެންދެވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން. ހެއްކެއް ގަރީނާއެއް ނެތި އެފަދަ އިލްޒާމްތަކެއް އަޅުވަމުން ގެންދަންޏާ އެއީ ނަޝީދު ވިޔަސް އަދި އީވާ ވިޔަސް މަގާމުން ވަކި ނުކޮށެއް ނުތިބޭނަން،" އޭނާ ވިދާޅުވި އެވެ.

މީގެ ކުރިން ވެސް ނަޝީދު ގެންދެވީ އެކި ގޮތްގޮތުން ސަރުކާރަށް އުނދަގޫ ކުރަމުން ކަމަށް ގަފޫރު ވިދާޅުވި އެވެ. މިދިޔަ އަހަރު ވެސް ސަރުކާރުން ހުށަހެޅި ބަޖެޓަކީ "ޅޮސް ބަޖެޓެއް" ކަމަށް ވިދާޅުވުމާއި އެހެނިހެން ގޮތް ގޮތުން ވެސް އެތައް ޑެމޭޖެއް ދެއްވަމުން ގެންދެވި ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ދަނީ ވަރަށް ކައިރިން ބަލަމުން ދަރަންޏާ އެހެނިހެން ހުރިހާ މައްސަލައެއް ވެސް. ރައްޔިތުންގެ މަޖިލީހުގެ ރައީސް ހިސާބު އޮޅުވާލައިގެން ހުރިހާ ކަމަަކަށް ފާޑު ވިދާޅުވުމަކީ ބަލައިގަނެވޭނެ ކަންކަމެވެ ނޫން،" ގަފޫރު ވިދާޅުވި އެވެ.

ރައީސް އެ އަޅުއްވާނީ ޅަ އެއްޗެއް، ނަޝީދު ދޫނުދެއްވާނެ!

ނަޝީދަކީ ފެށުނީއްސުރެ އެމްޑީޕީގެ އެންމެ މަގްބޫލު ޝަހުސިއްޔަތެވެ. އެ ޕާޓީ ސަޕޯޓަރުންގެ ހިތްތަކުގެ ރައީސެވެ. ނަމަވެސް އެ ވާހަކަތައް ބަދަލުވެ، ނަޝީދަށް އޮތް ތާއީދު ގެއްލިއްޖެ ކަމަށް މިހާރު ދެކެވޭ ވާހަކަތަކަށް ބާރު ލިބެން ފެށީ މިފަހުން އެމްޑީޕީގެ ތެރޭގައި ބޭއްވި ހުރިހާ އިންތިހާބަކުން އެމަނިކުފާނު އެންޑޯޒް ކުރެއްވި ކެންޑިޑޭޓު ނާކާމިޔާބުވާތީ އެވެ.

އެކަމަކު ނަޝީދު މަގާމުން ދުރުކޮށް އެކަހެރި ކޮށްލައިފި ނަމަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތާއީދަށް ކުޑަ ވެސް ބަދަލެއް ނައިސް އޮވެދާނެތޯ ސުވާލު އުފެދޭ ބައެއް ސަބަބުތައް ވެސް އެބަހުއްޓެވެ؛

އެއް ކަމަކަށް މަޖިލީހުގައި އެމްޑީޕީގެ 65 މެމްބަރުން އެ ތިއްބެވީ ރައީސްގެ ނިންމެވުމާ ދެކޮޅަށް ސީދާ ނަޝީދު ޖެއްސެވި ހިސާބުންނެވެ. އެމަނިކުފާނު ކުރެއްވި ކެމްޕެއިނާއި ތާއީދު ހޯދަން ރަށްރަށަށް ދިޔުމުގެ ސަބަބުން ކަމަށް ވެސް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ. އެހެންކަމުުން އެމަނިކުފާނު ބޭރު ކުރުމަކީ ދާއިރާތަކުގެ އާންމު ސަޕޯޓަރުން ކިހާ ތާއީދު ކުރާނެ ކަމެއްތޯ ސުވާލު އުފެދެ އެވެ.

އަނެއް ކަމަކީ އެންމެ ފަހުން ބޭއްވި ޗެއާޕާސަން އިންތިހާބުގެ ނަތީޖާ އެވެ. ވަރަށް ފާޅުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދުގެ "ޕްރޮކްސީ ވޯ" އެއް ގޮތަށް ކުރިޔަށް ދިޔަ އެ އިންތިހާބު ރައީސް ކާމިޔާބު ކުރެއްވި ނަމަވެސް ނަޝީދުގެ ކެންޑިޑޭޓް އިމްތިޔާޒް ފަހުމީ އަށް 42 ޕަސެންޓު ވޯޓު ލިބުނެވެ.

ނަޝީދު ޕާޓީން ބޭރު ކުރާ ހިސާބަށް ކަންކަން ދިޔުމަކީ އެ 42 ޕަސެންޓް މެމްބަރުން އަތް އުރާލައިގެން ތިބޭނެ ކަމެއް ހެއްޔެވެ؟

އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު---ފައިލް ފޮޓޯ: މިހާރު

އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު---ފައިލް ފޮޓޯ: މިހާރު

އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) "މިހާރު" އަށް ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބު ބޯމަތިވެފައި ވަނިކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެފަދަ ނިންމުމެއް ނިންމެވުމަކީ އަޅައިނެ ވަރަށް ޅަ އެއްޗެކެވެ.

"ރައީސް ސޯލިހަކީ ސިޔާސީ ވިސްނުން ފުޅާ ބޭފުޅެއް. އެކަމަކު އެމްޑީޕީ އަށް އެންމެ ބޮޑެތި ގުރުބާނީވި އަދި ވެރިކަން ކުރެއްވި ދުވަސްވަރު އިންގިލާބީ ބަދަލުތަކެއް ގެނެސް ޕާޓީގެ އާންމުންގެ އެހާ ލޯބި ހޯއްދަވާފައިވާ މެމްބަރެއް އެކަހެރި ކޮށްލުމަކީ ރައީސް އަޅުއްވާނެ ވަރަށް ޅަ އެއްޗެއް،" ވައްޑޭ ވިދާޅުވި އެވެ.

ވައްޑޭ ވިދާޅުވި ގޮތުގައި ފެންމަތިވެގެން އުޅޭ ލިވާތުގެ އަމަލުތައް ކުރައްވައިގެން އުޅުއްވަނީ ނަޝީދެއް ނޫނެވެ. އެކަމަކު އެތައް އެތައް ސަތޭކަ ބަޔަކު ބްލެކްމެއިލް ކުރަމުން ދިޔަ މައްސަލައެއްގައި ސީދާ ނާޒިމް އާއި އޭނައާ އެކު ގެންދަން ޖެހޭ ބައެއް ދެތިން މީހެއް އުފުރާލުމުން އެ ވާނީ ސިލެކްޓިވް ޖަސްޓިސް އެވެ.

"ސިލެކްޓިވް ޖަސްޓިސްގެ ވާހަކަ ރައީސް ނަޝީދު މި ދައްކަވަނީ ހަމައެކަނި މިވަގުތަކު ނޫން. ރައީސް ޔާމީން ޖަލުގައި ހުންނެވީމަ ވެސް އެމަނިކުފާނު ވިދާޅުވި ހަމައެކަނި ރައީސް ޔާމީން ޖަލުގައި ހުންނަން ޖެހޭ ސަބަބެއް ނުފެންނަ ކަމަށް،" ވައްޑޭ ވިދާޅުވި އެވެ.

އޭނާ ސިފަ ކުރައްވާ ގޮތުގައި ނާޒިމް ހައްޔަރުކޮށް މިހާރު މި ހިނގާ ކަންކަމަކީ ނަޝީދުގެ ސިޔާސީ ޝަހުސިއްޔަތު ކަތިލުމަށް ރޭވިގެން ކުރެވޭ ކަމެކެވެ. އެ ނޫން ނަމަ އެމްޑީޕީގެ ޕީޖީ ގްރޫޕްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަންގައި ހުންނެވި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) އަށް އެއްވެސް ފިޔަވަޅެއް ނާޅައި އަދި އޭނަގެ އަމަލުތައް ކުށްވެރި ނުކޮށް އުޅުއްވަނީ ކީއްވެތޯ ވައްޑެ ސުވާލު ކުރެއްވި އެވެ.

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވާ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވަނީ-- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވާ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވަނީ-- ފޮޓޯ: މަޖިލިސް

"ސިޔާސީ ތާއީދާއި ލޯބި ކަނޑުވާލަން ބޮން ގޮއްވާލައި މަރާލަން ވެސް އުޅުން. އޭގެ ތަހުގީގު ކުރިޔަ ނުދޭން ވެގެން އެކަމަށް ވެސް ހުރަސް އަޅަން މަސައްކަތް ކުރި ނޫންތޯ،" ވައްޑޭ ވިދާޅުވި އެވެ.

ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުން މިހާރު ތިއްބެވީ މި މަހު 18 ގައި މަޖިލިސް ހުޅުވުމާއެކު ނަޝީދާއި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ މަގާމުން ވަކި ކުރަން ތައްޔާރަށެވެ. އަދި މެމްބަރުންގެ ސޮއި ހަމަ ކުރުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ.

އިތުބާރު ނެތް މައްސަލައެއް ހުށަހެޅިޔަސް ނުވަތަ އެ މައްސަލަ މިވަގުތަށް ޕާކް ކުރިޔަސް ރައީސް މެޖޯރިޓީ އޮތް ރައީސް ފެކްޝަނުން ދެން ވިސްނަން ޖެހިފައި އޮތް ކަމަކީ އިތުބާރު ނެތް ޕާޓީގެ ރައީސް އަދި މަޖިލީސް ރައީސްއަކާއެކީ އެ މެމްބަރުން ކުރިޔަށް ދާނީ ކިހިނެއް ކަމެވެ.

ރައީސްގެ މެމްބަރުންގެ ބަސް މަގު ހުރި ގޮތަށް ބަލާނަމަ ނަޝީދަށް އިތުބާރު ނެތް މައްސަލައިން ސަލާމަތް ވެވެން އޮތް ހަމައެކަނި މަގަކީ އަމާންދިނުމަށް ފަހު ހަނު ހުރުމެވެ. އަދި އެމަނިކުފާނު ވިދާޅުވާ ފަދަ ހަގީގީ ގޮނޑިކޮއްކޮ ބޭފުޅަކަށް ވެގެން ހުރުމެވެ.

ނަމަވެސް މައްސަލަ މިހާ ހިސާބަށް ދިޔުމުން ނަޝީދާއި އެމަނިކުފާނަށް ތާއީދު ކުރާ މެމްބަރުން ވެސް ތިއްބެވީ ދޫ ދެއްވާ ގޮތަކަށް ނޫނެވެ. ރައީސް އާ ކުޅެލައިގެން އަންނަނާނެ ޑެމޭޖާއި އިމްޕެކްޓަށް ތައްޔާރު ވެގެންނެވެ.