Roadha Mihaaru
"އިތުބާރު ނެތަސް ނަޝީދު މަގާމުން ވަތްކެއް ނުކުރާނެ"

އިތުބާރު ނެތަސް މަޖިލިސް ރައީސްކަމުން ނަޝީދު ވަތްކެއް ނުކުރާނެ: ޝިޔާމް

31 ޖުލައި 2022

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އިދިކޮޅުން ކުރާ އިތުބާރު މާ ކުރިން ގެއްލިފައިވާ ކަމަށާއި އެމްޑީޕީގެ އިތުބާރު ވެސް އެމަނިކުފާނަށް ގެއްލި މަގާމުން ދުރުކުރަން އުޅޭ ކަމަށް ދައްކާ މަންޒަރާ އެއްގޮތަށް އެ ޕާޓީން އަމަލު ނުކުރާނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އިދިކޮޅުން ކުރާ އިތުބާރު މާ ކުރިން ގެއްލިފައިވާ ކަމަށާއި އެމްޑީޕީގެ އިތުބާރު ވެސް އެމަނިކުފާނަށް ގެއްލި މަގާމުން ދުރުކުރަން އުޅޭ ކަމަށް ދައްކާ މަންޒަރާ އެއްގޮތަށް އެ ޕާޓީން އަމަލު ނުކުރާނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.

އެއް ޖިންސުން ގުޅުން ހިންގި މައްސަލާގައި ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު ހައްޔަރު ކުރުމުން އޭނާގެ ދިފާއުގައި ނަޝީދު ވަނީ ސަރުކާރާ ދެކޮޅަށް ނުކުމެވަޑައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވައިފަ އެވެ. ހެއްކެއް ނެތި ކުރެއްވި ތުހުމަތަކީ އެމަނިކުފާނު މަގާމުން ދުރުކުރަން ޖެހޭ ކަމެއް ކަމަށް ވިދާޅުވެ، އެމްޑީޕީގެ ބައެއް މެމްބަރުން ޝަކުވާ ހުށަހަޅުއްވާފައިވާ ކަމަށް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވަނީ ވިދާޅުވެފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ޕާލަމެންޓްރީ ގްރޫޕުގައި ކުރިއަށް ގެންދާނީ ރަސްމީކޮށް ހުށަހެޅުމުންނެވެ.

މަޖިލީހުގެ ސާފު އަޣުލަބިއްޔަތު އޮތް އެމްޑީޕީގެ ރައީސް މަޖިލީހުގެ ރިޔާސަތުން ދުރުކުރުމާ ގުޅޭ ގޮތުން ޕީޕީއެމްގެ ނައިބު ރައީސް ޝިޔާމް ވިދާޅުވީ ނާޒިމް ހިމެނޭ ގޮތަށް އެއް ޖިންސުން ގުޅުން ހިންގި މައްސަލާގައި އިދިކޮޅު ފަރާތްތަކުން މަޖިލީހަށް ހުށަހެޅި ޕެޓިޝަން އެޖެންޑާ ނުކުރަން ނަޝީދު ނިންމެވި ހިސާބުން އެމަނިކުފާނަށް ޕީޕީއެމާއި ޕީއެންސީގެ އިތުބާރު ގެއްލިފައިވާ ކަމަށެވެ.

"ލިވާތުގެ މައްސަލަ އެޖެންޑާ ނުކުރެއްވީ ކީއްވެތޯ އަޅުގަނޑު އެހުމުން ނަޝީދު ވިދާޅުވީ [އިކޮޅުން] ހުށަހަޅާ ކަންކަން ނުޖެހޭ އެޖެންޑާ ކުރާކަށް. އެ ދުވަހު ދެންނެވިން ތި މަގާމަށް މަނިކުފާނު ކުފޫ ހަމަ ނުވާ ވާހަކަ،" ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވި ގޮތުގައި ނަޝީދު މަގާމުން ދުރުކުރަން އޭނާ ތާއީދުކުރައްވާނެ އެވެ. އެކަމަކު އެކަމުގައި އިދިކޮޅު ކޯލިޝަނުގެ ރަސްމީ ސްޓޭންޑެއް ނެތް ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެމްޑީޕީ ތެރޭގައި ކިތަންމެ މައްސަލަ ބޮޑުވެފައި އޮތަސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހަޅާނެ ކަމަކަށް ގަބޫލެއް ނުކުރެއްވެ އެވެ.

"ކުރިން ވެސް މި ޒާތުގެ ކަންކަމުގައި އެމްޑީޕީ ތެރޭ ނުތަނަވަސްކަން އެބަހުރި އުފެދިފައި. އެކަމަކު ވަތްކެއް ނުކުރާނެ. އެމްޑީޕީ އަށް އަދި ރައީސް ސޯލިހަށް ވެސް ނަޝީދު ބޭނުންވޭ،" ޝިޔާމް ވިދާޅުވި އެވެ.

ނާޒިމް ހައްޔަރު ކުރި މައްސަލާގައި އެމްޑީޕީ ތެރޭގައި ވަރަށް ބޮޑަށް މައްސަލަ ޖެހިފައިވާ އިރު ނަޝީދުގެ އިތުރުން މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވެސް އަންނަނީ އޭނާ ދިފާއު ކުރައްވަމުންނެވެ.

އެ މައްސަލާގައި ދެ ބޭފުޅުން ވެސް މަގާމުން ދުރު ކުރުމަށް އޮންލައިން ޕެޓިޝަނެއްގައި އަންނަނީ ސޮއިކުރަމުންނެވެ.