Roadha Mihaaru
ނަޝީދު ޖަވާބުދާރީވާން 30 މިނިޓް ދޭން ފާސްކޮށްފި

ބޮޑު ބަހުސަކަށް ފަހު، ނަޝީދު ޖަވާބުދާރީ ވާން 30 މިނިޓް

18 އޮކްޓޯބަރ 2023

ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ މަގާމުން މުހައްމަދު ނަޝީދު ދުރުކުރަން މަޖިލީހުގެ އަޣުލަބިއްޔަތު އޮންނަ އެމްޑީޕީން ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ޖަވާބުދާރީވާން 30 މިނިޓު ދޭން އާންމު ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ މަގާމުން މުހައްމަދު ނަޝީދު ދުރުކުރަން މަޖިލީހުގެ އަޣުލަބިއްޔަތު އޮންނަ އެމްޑީޕީން ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ޖަވާބުދާރީވާން 30 މިނިޓު ދޭން އާންމު ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

އެ ބަހުސްގެ ވަގުތު ކަނޑައެޅުމަށް އާންމު ކޮމިޓީން ބޭއްވި ބައްދަލުވުމުގައި، މަޖިލީހުގެ ރައީސަށް ޖަވާބުދާރީވާން 30 މިނެޓު ދިނުމަށާއި ކޮންމެ މެންބަރަކަށް ބަހުސް ކުރައްވަ ތިން މިނިޓް ދިނުމަށް ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ޝާހިދެވެ.

އޭނާ ވިދާޅުވީ، 18 ވަނަ މަޖިލީހުގައި ހުށަހެޅި އެފަދަ މައްސަލައިގައި ވެސް އަމަލު ކޮށްފައިވަނީ އެ ގޮތަށް ކަމަށާއި ޖުމްލަ ވަގުތަކީ ދެ ގަޑިއިރު ކަމަށެވެ. މަޖިލީހުގެ ރައީސަށް ފުރުސަތު ދޭން ޝާހިދު ހުށަހެޅުއްވީ ފެށުމާއި މެދުތެރެއިންނާއި ނިންމަމުން ވަކިވަކިން 10 މިނިޓުގެ ފުރުސަތުތަކެވެ.

ނަޝީދަށް ގިނަ ތުހުމަތުތަކެއް އެމްޑީޕީން ކުރުމާ އެކު، ޑިމޮކްރެޓްސް ޕާޓީގެ ޕާލަމެންޓްރީ ގުރޫޕްފެ ލީޑަރު އަލީ އާޒިމް ވަނީ ޖަވާބުދާރީ ވުމަށް ދެ ތިން ގަޑިއިރު ދިނުމަށް ހުށަހަޅުއްވައިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައިވާ ގޮތުން، އިތުބާރު ނެތް ކަމުގެ މައްސަލައިގައި ބަހުސް ތިން ގަޑިއިރަށް ވުރެ ދިގުވެގެން ނުވާނެ އެވެ.

އާޒިމް ވިދާޅުވީި، ގަވައިދުގައި ތިން ގަޑިއިރު މާނަކޮށްފައިވަނީ ހަމައެކަނި މެންބަރުން ކުރާ ބަހުސްގެ ވަގުތަށެވެ. އޭގެ ތެރޭގައި ރައީސް ދައްކަވާ ވާހަކަތައް ނުހިމެނޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކުރިން ކޮށްފައި އޮންނަ ގޮތަށް ކުރާކަށް ނޫން މި އޮންނަނީ. ތި ބޭފުޅުން ދެއްވަން ނެތިއްޔާ އަޅުގަނޑުމެން ކުރާނެ ކަމެއް ނެތް. އަށްޑިހަ ހަތް މެންބަރުންގެ ލައްކަ ސުވާލު ވެސް ހުންނާނެ،" އާޒިމް ވިދާޅުވި އެވެ.

"ފުރުސަތެއް ދެވެން އޮތް ކޮށްދެއްވުމަކީ ވަރަށް ބޮޑު އެދުމެއް، ގަވައިދުން އެގޮތަށް ފުރުސަތު އެބަދޭ.

އެ ވާހަކައަށް ތާއީދު ކުރައްވައި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވިދާޅުވީ، ބަހުސް ކުރުމުގެ އިތުރަށް ޖަވާބުދާރީވުމަށް ވަގުތު ދެވޭނެ ކަމަށާއި ގަވާއިދުގައި ވަކި ގޮތަކަށް ކަމެއް ކުރަން ބުނެފައި ނެތުމަކީ އެކަމާ މެދު ކޮމިޓީން ގޮތް ނިންމޭނެ ކަމެއް ކަމަށެވެ.

ގަވާއިދު މާނަކުރުމުގެ ބަހުސް ކޮމިޓީގައި ކުރި އިރު، މެންބަރުން ވެސް ވަނީ "އޮފް ދަ ރެކޯޑް" ކޮށް، ބައެއް މަޝްވަރާތަ ކުރައްވައިފަ އެވެ. އޭގެ ފަހުން ދެ ހުށަހެޅުމަކަށް ވޯޓަށް އެހި އިރު، ޝާހިދުގެ ހުށަހެޅުމަށް ހަ މެންބަރުންގެ ތެރެއިން ހަތަރު މެންބަރަކު ތާއީދު ކުރެއްވި އެވެ.

އެމްޑީޕީގެ 49 މެންބަރުން ސޮއިކުރައްވައި މަޖިލީހަށް ވައްދާފައިވާ ގަރާރުގެ ނޯޓިސް، ނަޝީދަށާއި މެމްބަރުންނަށް މިހާރު ވަނީ ފޮނުވައިފަ އެވެ. އެއާ އެކު 14 ދުވަހުގެ މުއްދަތު ހަމަވެ، މި މަހުގެ 29 ގައި ޖަލްސާއެއް ބާއްވައި، އެ ގަރާރު އެޖެންޑާ ކުރަން ޖެހެ އެވެ.