Roadha Mihaaru

ނާޒިމާއި ގާސިމަކީ މަރު ދުވަހާ ހަމައަށް ގައްދާރުން: ޔާމީން

ގައުމަށް ޖެހިފައިވާ ހާލަތުގެ ޒިންމާއިން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމަށް ރެކިވަޑައިނުގެންނެވޭނެ ކަމަށާއި އެއީ މަރުދުވަހާ ހަމައަށް ވެސް ގައްދާރުން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

ނާޒިމާއި ގާސިމަކީ ގައްދާރުން: ޔާމީން
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

31 ޖުލައި 2022

ގައުމަށް ޖެހިފައިވާ ހާލަތުގެ ޒިންމާއިން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމަށް ރެކިވަޑައިނުގެންނެވޭނެ ކަމަށާއި އެއީ މަރުދުވަހާ ހަމައަށް ވެސް ގައްދާރުން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

އެއް ޖިންސުން ގުޅުން ހިންގި ބަޔަކު ހައްޔަރުކޮށް، އެ މައްސަލާގައި ސަރުކާރަށް ފާޑުކިއުން އަމާޒުވެފައި ވަނިކޮށް ޔާމީން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަދާލަތު ޕާޓީގެ ޝެއިހުން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ހިޔާމަތް ހޯދާފައި ކަމަށެވެ. ނާޒިމާއި ގާސިމް، ހުރިހާ ކަމަކުން ދުރުވެގެން ތިއްބެވި ކަމަށް ދައްކަވަމުންދާ ކަމަށާއި އެ ބޭފުޅުންނަކީ މަރު ދުވަހާ ހަމައަށް ވެސް ގައްދާރުންގެ ގޮތުގައި ސިފަކުރެއްވި އެވެ.

ޔާމީނަށް ރައްދު ދެއްވައި ނާޒިމް ވިދާޅުވީ ޔާމީނަށް ވުރެ ބޮޑަށް މިގައުމަށް ގައްދާރުވި ބޭފުޅަކު ނުހުންނަވާނެ ކަމަށެވެ. އެމަނިކުފާނުގެ ވެރިކަމުގައި މަކަރާއި ހީލަތުގެ މައްސަލަތަކާއި ރިޝްވަތާއި ވައްކަމުގެ އިތުރުން އިދިކޮޅު ސިޔާސީ ފަރާތްތައް ޖަލަށްލާ އަނިޔާދިން ކަމަށް ވިދާޅުވި އެވެ.

މި ދަރަޖައަށް ކަންކުރައްވާފައިވާ އިރު، ގައުމުގެ ބޮޑު ގައްދާރަކީ ކޮބާތޯ ނާޒިމް ސުވާލު އުފެއްދެވި އެވެ.

ޔާމީންގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރުކަމުގައި ހުންނެވި ނާޒިމަށް ފާޑުވިދާޅުވެ ޔާމީން ޓުވީޓް ކުރެއްވީ ސިޔާސީ ދާއިރާގައި މަސައްކަތްކުރައްވާ ގިނަ ބަޔަކު ހިމެނޭ ގޮތަށް ބަންގްލަދޭޝްގެ އަލަމްގިރު ނަމަކަށް ކިޔާ ފިރިހެނަކާ އެކު އެއް ޖިންސުން ގުޅުން ހިންގި މައްސަލައެއް ފެންމަތިވެ، އެ އެންމެނަށް ފިޔަވަޅު އެޅުމަށް ގޮވަމުންދާ ދަނޑިވަޅެއްގަ އެވެ.

ބައެއް ކަންކަމުގައި ސަރުކާރަށް ފާޑުކިއުން އަމާޒުކުރިޔަސް އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގައި މިހާތަނަށް ނާޒިމާއި އޭނާ ނިސްބަތްވެ ވަޑައިގަންނަވާ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިން ވަކި އެއްޗެއް ނުބުނެ އެވެ.

މި ސަރުކާރު ހިންގާ ކޯލިޝަންގެ އެއް ލީޑަރު، ގާސިމް ވެސް އެ މައްސަލައިގައި ފާޅުގައި އެއްޗެއް ވިދާޅެއް ނުވެ އެވެ. ބެލެވޭ ގޮތުގައި ނާޒިމާއި ގާސިމަށް ޔާމީން ފާޑުވިދާޅުވުން އަމާޒުކުރެއްވީ އެހެންވެ އެވެ.

ސަރުކާރުގެ މައި ޕާޓީ، އެމްޑީޕީގެ އެތެރޭގެ ކޯޅުން މިދުވަސްވަރު ކުރިއަށް ވުރެން ވެސް ބޮޑެވެ. އެއީ ބަންގްލަދޭޝްގެ ފިރިހެނެއް ކަމަށްވާ އެމްޑީ އަލަމްގިރާ އެކު ނަޝީދުގެ ކޮއްކޯފުޅު، އަދި ގާނޫނީ ވަކީލު ނާޒިމް ސައްތާރު އެއްޖިންސުން ގުޅުން ހިންގާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ނާޒިމް ހައްޔަރުކުރުމާ އެކު ނަޝީދު ސަރުކާރަށް ފާޑުވިދާޅުވާން ފެއްޓެވެމުންނެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕެއްގައި ނަޝީދު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބަދްއަހްލާގީ އަމަލު ހިންގާ ފޮޓޯތަކެއް ލިބިވަޑައިގެންފައިވާ ކަމަށް ތުހުމަތުކުރައްވާ ވާހަކަ ދައްކަފުޅު ދައްކަވައިފަ އެވެ.

އެކަމަކު ރައީސް އެ ތުހުމަތު ދޮގުކުރައްވާ ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.