Roadha Mihaaru
ނާޒިމާއި ރިޔާޒް ކުރަނީ ވަރަށް ހަޑިހުތުރު ކަމެއް:ގާސިމް

ނާޒިމާއި ރިޔާޒް ކުރަނީ ވަރަށް ހަޑިހުތުރު ކަމެއް: ގާސިމް

03 އޯގަސްޓް 2021

ޖުމްހޫރީ ޕާޓީ ދޫކުރައްވައި އާ ސިޔާސީ ޕާޓީއެއް އުފައްދަން މަސައްކަތް ކުރެއްވުމަކީ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމާއި ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ކުރައްވާ ވަރަށް ހަޑިހުތުރު ކަމެއް ކަމަށް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

ޖުމްހޫރީ ޕާޓީ ދޫކުރައްވައި އާ ސިޔާސީ ޕާޓީއެއް އުފައްދަން މަސައްކަތް ކުރެއްވުމަކީ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމާއި ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ކުރައްވާ ވަރަށް ހަޑިހުތުރު ކަމެއް ކަމަށް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ޖޭޕީގައި ގިނަ ދުވަސްތަކެއް ވަންދެން އުޅުއްވި ކުރީގެ ޕޮލިސް ކޮމިޝަނަރު ރިޔާޒާއި ނޮވެމްބަރު 2018 ގައި އެ ޕާޓީއާ ގުޅިވަޑައިގެންނެވި ނާޒިމް ވަނީ މިދިޔަ ޖުލައި މަހު ޖޭޕީން ވަކިވެވަޑައިގެން މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފައްޓަވައިފަ އެވެ.

"މިހާރު" އަށް ދެއްވި އިންޓަވިއުއެއްގެ ތެރެއިން، އެ ދެ ބޭފުޅުންގެ އެ މަސައްކަތްތަކާ ގުޅޭ ގޮތުން ގާސިމް ވިދާޅުވީ، ނާޒިމާއި ރިޔާޒް ސިޔާސީ ދާއިރާގައި މިހާރު އެ ތިއްބެވި ހިސާބަށް ވަޑައިގެންނެވުނީ ގާސިމްގެ ވަރަށް ބުރަ މަސައްކަތްތަކަކާ އެކު ކަމަށެވެ. ނަމަވެސް އެކަން އެެ ދެބޭފުޅުން ބަލައިނުގަތް ކަމަށް ތަކުރާރުކޮށް އޭނާ ވިދާޅުވި އެވެ.

"އެއީ [ނާޒިމާއި ރިޔާޒް ކުރައްވާ] ވަރަށް ހަޑި ހުތުރު ކަމެއްގެ ގޮތުގައި އަޅުގަނޑު ދެކެނީ. ޖޭޕީން ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްދީގެން އެ ބޭފުޅުން ގެނައީ. އެކަމަކު އެހެރީ ކަންތައް ކުރި ގޮތް. ނާޒިމް ޖަލަށްލީމާ އޭނާ ސަލާމަތް ކުރުމަށް އަޅުގަނޑު ކުރި މަސައްކަތް މުޅި ގައުމަށް ފެންނާނެ. ނާޒިމްގެ ދިފާއުގައި އަޅުގަނޑު ކިހާ ވާހަކައެއްތޯ ޕޯޑިއަމާއި އެކި ތަންތަނުގައި ދެއްކީ. ކިހާ މަސައްކަތެއްތޯ ކުރީ،" މާމިގިލީ ދާއިރާގެ ގޮނޑި އަށް ނާޒިމް ހޮވައި ދިނުމަށް ވެސް މަސައްކަތް ކޮށްދެއްވި ގާސިމް ވިދާޅުވި އެވެ.

އެހާ ހެޔޮ އެދިގެން އުޅޭ ބައެއް ނަމަ އަޅުގަނޑުގެ ގައިގައި ޖަހައިފައެއް ނުދާނެ. ދިވެހި ބަހުގައި އެ އަށް ކިޔަނީ އެއްފުޅަންމަތިން ފުންމާލި ބަކަރި އަނެއް ފުޅަށް މަތިން ފުންމާލާނެއޭ--- ގާސިމް

ނާޒިމާއި ރިޔާޒާ މެދު ވަރަށް ހިތްހަމަޖެހިވަޑައިނުގެން ގާސިމް ވިދާޅުވީ، އޭނާއާ މެދު ރަނގަޅަށް ކަންތައް ކޮށް ނުދިން ބަޔަކު އެހެން ބަޔަކަށް އިހުލާސްތެރިވެ، ރަނގަޅުވެދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. ރައްޔިތުންނަށް ހެޔޮ އެދިގެން މަސައްކަތް ކުރައްވާ ކަމަށް ސިޔާސީ ބޭނުމެއްގައި ވިދާޅުވިޔަސް އަމަލުން ފެންނަނީ އެހެން ގޮތަކަށް ކަމަށް މާމިގިލި ދާއިރާގެ މެމްބަރު ވިދާޅުވި އެވެ.

"އެ ކަހަލަ ބަޔަކު އެހެން މީހުންނަށް މާ ރަނގަޅަށް ކަންތައް ކޮށްދީފާނެ ކަމަކަށް އަޅުގަނޑު ނުދެކެން. އެހާ ހެޔޮ އެދިގެން އުޅޭ ބައެއް ނަމަ އަޅުގަނޑުގެ ގައިގައި ޖަހައިފައެއް ނުދާނެ. ދިވެހި ބަހުގައި އެ އަށް ކިޔަނީ އެއްފުޅަންމަތިން ފުންމާލި ބަކަރި އަނެއް ފުޅަށް މަތިން ފުންމާލާނެއޭ،" ގާސިމް ވިދާޅުވި އެވެ.

ނާޒިމް ޖޭޕީއަށް ސޮއިކުރެއްވުމަށް ފަހު، އޭނާގެ ފޯމު ގާސިމާ ނޮވެމްބަރު 2018 ގައި ހަވާލުކުރައްވަނީ.-- ފައިލް ފޮޓޯ؛ މިހާރު

ނާޒިމް ޖޭޕީއަށް ސޮއިކުރެއްވުމަށް ފަހު، އޭނާގެ ފޯމު ގާސިމާ ނޮވެމްބަރު 2018 ގައި ހަވާލުކުރައްވަނީ.-- ފައިލް ފޮޓޯ؛ މިހާރު

ނާޒިމާއި ރިޔާޒަކީ އެއް ދުވަސްވަރެއްގައި ޖުމްހޫރީ ޕާޓީގައި ގާސިމްގެ އެންމެ އަރިސް ބޭފުޅުންގެ ލިސްޓުގައި ހިމެނުއްވި ބައެއް ނަމަވެސް ޖޭޕީގެ ބައެއް ސިޔާސަތުތަކާ މެދު ހިތްހަމަޖެހިވަަޑައިނުގެން، ޕާޓީން ވަކިވެވަޑައިގަތުމާ ހަމައަށް ތިއްބެވީ ދުރުގަ އެވެ. އެހެންވެ، ރަމްޒީ ގޮތުން ގާސިމް ހަވާލުކުރެއްވި ބައެއް މަސްއޫލިއްޔަތުތަކުން ވެސް ދެ ބޭފުޅުން އެކަހެރިވެވަޑައިގަތެވެ.

ގާސިމް ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެން ސަރުކާރުން ޖޭޕީ އަށް ކަނޑައަޅާފައިވާ ސްލޮޓްތަކަށް ބޭފުޅުން އައްޔަން ކުރެއްވުމުގެ ކަންކަން ވެސް ކުރިއަށް ގެންދެވީ ނާޒިމާއި ރިޔާޒް އިސްވެ ތިއްބެވި ކޮމިޓީއަކުން ކަމަށާއި އެފަދަ ބާރުތައް ވެސް ދެއްވި ކަމަށެވެ.

"އެކަމަކު، އެ ބޭފުޅުން ބޭނުންވީ ވެރިކަމާއި ބާރު،" އޭނާ ވިދާޅުވި އެވެ.

ނާޒިމް އިސްވެ އުފައްދަން މަސައްކަތްކުރާ އެމްއެންޕީގެ ފަރާތުން 2023 ގައި ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް އޭނާ ވަނީ އިއުލާން ކުރައްވައިފަ އެވެ.