Roadha Mihaaru
ހަރަދުކުޑަކުރަން ޖަލްސާ އާއި ފުޅަނދުބުރު ވެސް ކެންސަލް

ހަރަދު ކުޑަކުރަން މިނިވަން ދުވަހުގެ ޖަލްސާ އާއި ފުޅަނދުބުރު ކެންސަލް

24 ޖުލައި 2022

މި އަހަރުގެ މިނިވަން ދުވަސް ދިމާވަނީ އިގްތިސާދީ ހާލަތަށް ބަލައި، ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކެއް އަޅަން ސަރުކާރުން ނިންމާފައިވާ ދުވަސްވަރަކާ ކަމަށް ވާތީ، އެ ދުވަހުގެ ރަސްމީ ޖަލްސާ އާއި ފުޅަނދުބުރުގެ ހަރަކާތްތައް ވެސް ކެންސަލްކޮށްފި އެވެ.

އާލިމް އަބްދުއްލަތީފް އާލިމް އަބްދުއްލަތީފް

މި އަހަރުގެ މިނިވަން ދުވަސް ދިމާވަނީ އިގްތިސާދީ ހާލަތަށް ބަލައި، ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކެއް އަޅަން ސަރުކާރުން ނިންމާފައިވާ ދުވަސްވަރަކާ ކަމަށް ވާތީ، އެ ދުވަހުގެ ރަސްމީ ޖަލްސާ އާއި ފުޅަނދުބުރުގެ ހަރަކާތްތައް ވެސް ކެންސަލްކޮށްފި އެވެ.

ހޯމް މިނިސްޓްރީގެ ތަރުޖަމާނު ހަފްސީ އަބްދުﷲ "މިހާރު" އަށް މިއަދު ވިދާޅުވީ، މިނިވަން ދުވަހުގެ މުނާސަބަތުގައި އެ މިނިސްޓްރީން މި ފަހަރު ބާއްވަނީ ދިދަ ނެގުމުގެ ރަސްމިއްޔާތު އެކަނި ކަމަށެވެ. އޭގެ އިތުރުން އެހެން އެއްވެސް ހަރަކާތެއް ބާއްވަން ނިންމާފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު އޮންނާނީ އަންނަ އަންގާރަ ދުވަހުގެ ހެނދުނު ހައެއް ޖަހާއިރު ޖުމްހޫރީ މައިދާނުގަ އެވެ.

ފުޅަނދުބުރުގެ ހަރަކާތްތައް ކެންސަލްކުރި ކަމަށް "މިހާރު" އަށް ނުރަސްމީކޮށް އެނގިފައި ވިޔަސް ރަސްމީކޮށް ހޯމް މިނިސްޓްރީން ވަކި އެއްޗެއް ނުބުނެ އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި ފުޅަނދުބުރު ކެންސަލްކުރީ ހަރަދު ކުޑަކުރުމަށް ސަރުކާރުން ނިންމާފައިވާ ދަނޑިވަޅެއްގައި އެފަދަ ހަރަކާތެއް ބާއްވަން ކުރިން ނިންމުމުން އާއްމުންގެ ފާޑުކިޔުން އަމާޒުވާން ފެށުމުންނެވެ.

މިދިޔަ ޖޫން މަހު ފިނޭންސް މިނިސްޓްރީން ވަނީ ދައުލަތުގެ ހަރަދުކުޑަކުރަން އަންގައި ސަރުކާރުގެ ހުރިހާ އޮފީހަކަށް ސާކިއުލާއެއް ފޮނުވާފަ އެވެ. ހަރަދުކުޑަކުރަން އެ މިނިސްޓްރީން އޭރު އެންގީ ރަޝިއާ-ޔޫކްރެއިންގެ ހަނގުރާމައާ ގުޅިގެން ތެލާއި އެހެނިހެން ތަކެތީގެ އަގު އުފުލި ދައުލަތުގެ ހަރަދުތައް ވެސް އިތުރުވަމުން ދާ ކަމަށް ބުނެ އެވެ.

ހޯމް މިނިސްޓްރީގެ ފުޅަނދުބުރުގެ ވާހަކަ މީޑިއާއަށް ތިލަވީ އެ ސާކިއުލާ ނެރުނު ދުވަސްވަރު ކަމަށް ވާތީ، އާއްމުންގެ ގިނަ ފާޑުކިޔުންތަކެއް އެ ކަމަށް އަމާޒުވި އެވެ.

މާލެ: ޖުލައި 27، 2019- މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ފުޅަނދުބުރުގެ ތެރެއިން.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

މާލެ: ޖުލައި 27، 2019- މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ފުޅަނދުބުރުގެ ތެރެއިން.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

އެނގިފައިވާ ގޮތުގައި، ފުޅަނދުބުރުގެ ހަރަކާތްތައް ކެންސަލް ކުރިޔަސް އެ ކަމާ ގުޅޭ ގިނަ ތައްޔާރީތަކެއް މިނިސްޓްރީންނާއި ސަރުކާރުގެ ބައެއް ކުންފުނިތަކުން ވެސް ވަނީ ވެފަ އެވެ.

މާލޭގައި އެންމެ ފަހުން ފުޅަނދުބުރެއް ބޭއްވީ ރާއްޖޭގެ 54 ވަނަ މިނިވަން ދުވަހާ ދިމާކޮށް 2019 ގަ އެވެ. އެ އަހަރު ވެސް ފުޅަނދުބުރު ބޭއްވީ ތިން އަހަރުގެ މެދުކެނޑުމަކަށް ފަހުގަ އެވެ. އެ އަހަރުގެ ފުޅަނދުބުރުގައި ސަރުކާރުގެ ފަސް ކުންފުންޏަކުން ބައިވެރިވި އެވެ.

މިނިވަން ދުވަހުގެ ފުޅަނދުބުރަކީ އާއްމުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދައިފައިވާ ހަރަކާތެކެވެ. އެ ހަރަކާތް ބާއްވާ ކޮންމެ އަހަރަކު ވެސް ފުޅަނދުތައް ބަލައިލުމަށް ގިނަ ބަޔަކު މަގުތަކަށް ނުކުމެ އެވެ.