Roadha Mihaaru
އަމިއްލަ ރަށުން އަޒްނީނަށް ހޫނު މަރުހަބާއެއް ކިޔައިފި

ރަން މެޑައްޔާއެކު އަޒްނީން ވިލިނގިއްޔަށް ދިއުމުން ހޫނު މަރުހަބާއެއް ކިޔައިފި

23 ޖުލައި 2022

މިހަފުތާ ނިމިގެން ދިޔަ އޭޝިއާގެ ބޮޑީ ބިލްޑިން އަދި ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕުން ރާއްޖެ އަށް ރަން މެޑަލް ހޯދައި ދިން އަޒްނީން ރަޝާދު، ރަން މެޑައްޔާއެކު އަމިއްލަ ރަށް، ގއ. ވިލިނގިއްޔަށް މިއަދު ދިއުމުން އެ ރަށުން ހޫނު މަރުހަބާ އެއް ކިޔައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

މިހަފުތާ ނިމިގެން ދިޔަ އޭޝިއާގެ ބޮޑީ ބިލްޑިން އަދި ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕުން ރާއްޖެ އަށް ރަން މެޑަލް ހޯދައި ދިން އަޒްނީން ރަޝާދު، ރަން މެޑައްޔާއެކު އަމިއްލަ ރަށް، ގއ. ވިލިނގިއްޔަށް މިއަދު ދިއުމުން އެ ރަށުން ހޫނު މަރުހަބާ އެއް ކިޔައިފި އެވެ.

ރާއްޖޭގެ ކ. މާފުށި އަދި ކްރޮސް ރޯޑްގައި ބޭއްވި މުބާރާތުގައި ރާއްޖެ އަށް އެންމެ ފުރަތަމަ ރަން މެޑަލް ހޯދައި ދިނީ އޭނާ އެވެ. ސްޕޯޓް ފިޒިކް 170 ސީއެމް ކެޓަގަރީގެ ފައިނަލުގައި އިންޑިއާ އަދި ޕާކިސްތާންގެ އެތުލީޓުން ފަހަތައް ޖައްސާލުމަށް ފަހު އަޒްނީން ރަން މެޑަލް ހޯދުމުން އޭނާ ވެފައި ވަނީ ރާއްޖޭގެ ކުޅިވަރުގެ ތާރީހްގައި، އޭޝިއާ ބައްރުގެ މުބާރާތެއްގައި އަމިއްލަ ގައުމުގައި ވާދަކޮށް ރަން މެޑަލް ހޯދި ދިވެހި ފުރަތަމަ އެތުލީޓަށެވެ.

ވިލިނގިލީ ކައުންސިލާއި އރަށުގެ މޭރީ ސްޕޯޓްސް ކްލަބުން އިންތިޒާމު ކުރި އިވެންޓަށް، ހަވީރު އޭނާ ވިލިނގިއްޔަށް ދިއުމުން އެރަށުގެ ގިނަ ބަޔަކު ވަނީ އޭނާ އަށް މަރުހަބާ ކިޔުމަށް ބަނދަރު ސަރަހައްދަށް ނުކުމެފަ އެވެ. އަމިއްލަ ރަށުން ކީ މަރްހަބާ އާއެކު ފެން ކަޅިވެފައި ހުރި އަޒްނީން ބުނީ، އޭނާގެ އެންމެ ބޮޑު ސަޕޯޓަރުންނަކީ ވިލިނގިލީގެ ރައްޔިތުން ކަމަށެވެ.

އަޒްނީނަށް މަރުހަބާ ކިޔުމަށް އޭނާގެ އަމިއްލަ ރަށް، ގއ. ވިލިނގިލީގައި ބޭއްވުނު ހަރކާތުގެ ތެރެއިން: އެ ރަށުގެ ގިނަ ބަޔަކު ވަނީ އޭނާ އަށް މަރުހަބާ ކިއޔުމަށް ބަނދަރު ސަރަހައްދަށް ނުކުމެފަ

އަޒްނީނަށް މަރުހަބާ ކިޔުމަށް އޭނާގެ އަމިއްލަ ރަށް، ގއ. ވިލިނގިލީގައި ބޭއްވުނު ހަރކާތުގެ ތެރެއިން: އެ ރަށުގެ ގިނަ ބަޔަކު ވަނީ އޭނާ އަށް މަރުހަބާ ކިއޔުމަށް ބަނދަރު ސަރަހައްދަށް ނުކުމެފަ

"އަޅުގަނޑު ކޮންމެ މުބާރާތަކަށް ދިޔަ ޔަސް ރަށުގެ ރައްޔިތުން ބަލާނެ، އޮޅުން ފިލުވާނެ އެ މުބާރާތެއްގައި އަޅުގަނޑު ޕްރޮގްރެސް. އަޅުގަނޑު ދެކޭ ގޮތުގައި އަޅުގަނޑު ހޯދި ކޮންމެ މެޑައްޔެއްގައި ރަށުގެ ރައްޔިތުންގެ ހިއްސާ އޮންނާނެ،" މިދިޔަ އަހަރު އޮކްޓޯބަރު މަހު އުޒްބެކިސްތާންގައި ބޭއްވި ވޯލްޑް ޗެމްޕިއަންޝިޕުގެ ފިޒިކް ސްޕޯޓްސް 175 ސީއެމް ކެޓަގަރީން ބްރޯންޒް މެޑަލް ވެސް ހޯދި އަޒްނީން ބުންޏެވެ.

އޭޝިިއާގެ މުބާރާތުގައި އޭނާ ހޯދި ރަން ކާމިޔާބު، އަގުވަޒަން ކުރުމުގެ ގޮތުން ވިލިނގިލީ ކައުންސިލުން ވަނީ އޭނާ އަށް 20،000 ރުފިޔާގެ ފައިސާގެ އިނާމެއް ވެސް ދީފަ އެވެ.

"އަޅުގަނޑުގެ ފަހަތުގައި ރަށުގެ ރައްޔިތުން އޮތްކަން ހާމަ ކޮށްދިނީމަ އެ ލިބޭ ހިތްހަމަޖެހުން އަސްލު ބުނެދޭން ވެސް ނޭނގެ،" އަޒްނީން ބުންޏެވެ.

އަޒްނީން ވިލިނގިއްޔަށް ފޭބުމުން އޭނާ އަށް މަރުހަބާ ކިޔަނީ: އޭޝިއާގެ މުބާރާތުން އޭނާ ވަނީ ރަން މެޑަލް ހޯދާފަ

އަޒްނީން ވިލިނގިއްޔަށް ފޭބުމުން އޭނާ އަށް މަރުހަބާ ކިޔަނީ: އޭޝިއާގެ މުބާރާތުން އޭނާ ވަނީ ރަން މެޑަލް ހޯދާފަ

ތިން ރަން މެޑައްޔާ އެކު ރާއްޖެއިން ވަނީ މުބާރާތުގައި ޖުމުލަ ހަ މެޑަލް ހޯދައިފަ އެވެ. އަޒްނީންގެ އިތުރުން ރަން މެޑަލް ހޯދީ، ބޮޑީ ބިލްޑިން 55 ކިލޯގެ ކެޓަގަރީން މުހައްމަދު މޫސާ (މޯޑް) އާއި އެތުލެޓިކް ފިޒިކް 175 ސީއެމް ކެޓަގަރީން ހުސައިން ހިމްޔާން އެވެ.

އެތުލެޓިކް ފިޒިކް 160 ސީއެމް ކެޓަގަރީގެ ރިހި މެޑައްޔާއި ބްރޯންޒް މެޑަލް ވެސް ރާއްޖޭގެ އެތުލީޓުން ހޯދި އެވެ. ރިހި މެޑަލް ހޯދީ ރާއްޖޭގެ ފަތުހުﷲ މުހައްމަދެވެ. ބްރޯންޒް މެޑަލް ހޯދީ މުހައްމަދު ޒިދާނެވެ. މިދިޔަ އާދިއްތަ ދުވަހު، އޯވާ 180 ސީއެމް ކެޓަގަރީގައި ވާދަކޮށް މުހައްމަދު އިމްރާހް ވެސް ބްރޯންޒް މެޑަލް ހޯދި އެވެ.