06 ޖުލައި 2022
ސަސްޕެންޝަނުން ސަލާމަތްވެގެން މިއަހަރުގެ ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގައި ވާދަކުރާ ރާއްޖޭގެ އެންމެ ސަޕޯޓަރުން ގިނަ ދެ ކްލަބު ކަމަށްވާ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ވިކްޓަރީ ސްޕޯޓްސް ކްލަބުގެ ރަސްމީ ކުރިމަތިލުމެއް މިމަހު ގަލޮޅު ދަނޑުގައި އޮންނާނެ އެވެ.
ސަސްޕެންޝަނުން ސަލާމަތްވެގެން މިއަހަރުގެ ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގައި ވާދަކުރާ ރާއްޖޭގެ އެންމެ ސަޕޯޓަރުން ގިނަ ދެ ކްލަބު ކަމަށްވާ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ވިކްޓަރީ ސްޕޯޓްސް ކްލަބުގެ ރަސްމީ ކުރިމަތިލުމެއް މިމަހު ގަލޮޅު ދަނޑުގައި އޮންނާނެ އެވެ.
މި މަހުގެ 13 ވަނަ ދުވަހު ފަށަން އެފްއޭއެމުން ނިންމާފައިވާ ދެވަނަ ޑިވިޝަނުގައި މިއަހަރު 16 ޓީމެއް ވާދަކުރާ އިރު، މުބާރާތް ކުރިއަށް ދާނީ ދެ ގުރޫޕަކަށެވެ. ނިއު ރޭޑިއަންޓާއި ވިކްޓަރީ ލައްވާލީ އެއް ގުރޫޕެއްގަ އެވެ.
ވިކްޓަރީ އެންމެ ފަހުން ރަސްމީ މެޗެއް ކުޅެފައިވަނީ 2019 ވަނަ އަހަރު އެވެ. އަދި ނިއު އެންމެ ފަހުން ރަސްމީ މެޗެއް ކުޅެފައިވަނީ 2018 ވަނަ އަހަރު އެވެ. ނިއު އާއި ވިކްޓަރީ އޮތް ގްރޫޕުގައި ކުރިން ފުރަތަމަ ޑިވިޝަނުގައި ކުޅުނު މަހިބަދޫ އާއި ބީޖީ ސްޕޯޓްސް ކްލަބް ވެސް އެބައޮތެވެ.
މިއަހަރުގެ ދެވަނަ ޑިވިޝަނުގެ ގުރޫޕްތައް ބެހިފައިވާ ގޮތް.-- ފޮޓޯ: އެފްއޭއެމް
ނިއު އަދި ވިކްޓަރީއާ އެކު ގުރޫޕް 2 ގައި ދެން ހިމެނެނީ ބީޖީ ސްޕޯޓްސް ކްލަބް، ކްލަބް އޯވަންއޯ، އެލްޓީ ސްޕޯޓްސް، ކްލަބް ޓީނޭޖް، ލޮރެންޒޯ ސްޕޯޓްސް ކްލަބް އަދި މަހިބަދޫ ސްޕޯޓްސް އެވެ. މީގެ ތެރެއިން، ނިއު، ވިކްޓަރީ، ބީޖީ އަދި މަހިބަދޫ އަކީ ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ސީޒަނުގައި؛ 2015 ގައި ވާދަކުރި ކުލަބުތަކެކެވެ. އޯވަންއޯ، އެލްޓީ ސްޕޯޓްސް، ޓީނޭޖް އަދި ލޮރެންޒޯ ސްޕޯޓްސް އަކީ މިދިޔަ އަހަރުގެ ތިންވަނަ ޑިވިޝަނުގެ ކުއާޓާ ފައިނަލަށް ދަތުރުކުރި ޓީމުތަކެކެވެ.
ގުރޫޕް 1 ގައި ހިމެނެނީ، ކުރިން ވެސް ދެވަނަ ޑިވިޝަނުގައި ވާދަކުރަމުން އަންނަ ކްލަބް ޕީކޭ، ދިވެހި ސިފައިންގެ ކުލަބް، ކުޑަހެންވޭރު ޔުނައިޓެޑް، ޖޭޖޭ ސްޕޯޓްސްގެ އިތުރުން، މިއަހަރު އަލަށް ވާދަކުރާ ޓެންޓް ސްޕޯޓްސް ކުލަބް، ބިސްބުރު ސްޕޯޓްސް ކްލަބް، ބުރު ސްޕޯޓްސް ކްލަބް އަދި ކެޕިޓަލް ސިޓީ ސްޕޯޓްސް ކްލަބެވެ.
އެފްއޭއެމުން ފުރަތަމަ ނިންމީ ތިންވަނަ ޑިވިޝަނުގެ ސެމީ ފައިނަލަށްދާ ހަތަރު ޓީމަށް މިއަހަރުގެ ދެވަނަ ޑިވިޝަނުން ޖާގަ ދޭށެވެ. އެކަމަކު ތިން ދަނޑެއްގައި ކުޅޭ މިއަހަރުގެ މުބާރާތުން ވަނީ، ތިންވަނަ ޑިވިޝަނުގެ ކުއާޓާ ފައިނަލަށް ދަތުރުކުރި އަށް ޓީމަށް ވެސް ޖާގަ ދީފަ އެވެ.
ވިލިމާލެ ފުޓުބޯޅަ ދަނޑު.-- ފޮޓޯ: އެފްއޭއެމް
މިއަހަރުގެ ދެވަނަ ޑިވިޝަނުގެ ގުރޫޕް ސްޓޭޖް މެޗުތަކަށް ގަލޮޅު ރަސްމީ ދަނޑާއި، މާފަންނު ޓާފް ދަނޑުގެ އިތުރުން ދާދި ފަހުން ތަރައްގީކޮށް ހުޅުވި ވިލިމާލެ ޓާފް ދަނޑު ވެސް ބޭނުންކުރަން ވަނީ ހަމަޖެހިފަ އެވެ.
މުބާރާތް ރޭވިފައި ވަނީ، ކޮންމެ ގުރޫޕަކުން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއް ސެމީ ފައިނަލަށް ހޮވޭ ގޮތަށެވެ. އެފްއޭއެމުން ތާވަލް ކޮށްފައި އޮތީ މުބާރާތް ފެށިގެން އޮގަސްޓް ނުވައަކާ ހަމައަށް ކޮންމެ ދުވަހަކު ވެސް ގުރޫޕް ސްޓޭޖުގެ ދެ މެޗް ކުރިއަށް ގެންގޮސް، އޮގަސްޓް 12 ވަނަ ދުވަހު ސެމީ ފައިނަލްގެ ދެ މެޗް ކުޅޭށެވެ. އަދި ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ އޮގަސްޓު 15 ވަނަ ދުވަހުގެ ހަވީރު ގަލޮޅު ދަނޑުގަ އެވެ.
ޗެމްޕިއަނުންނަށް ޕްރިމިއާ ލީގުގެ ސީދާ ޖާގައެއް ނެތް ނަމަވެސް، ފައިނަލަށް ދާ ދެ ޓީމަށް ޕްލޭއޮފުން ޖާގަ ލިބޭނެ އެވެ. ފައިނަލުގައި ކުޅޭ ދެ ޓީމުގެ އިތުރުން ޕްލޭއޮފްގައި ދެން ކުޅޭނީ މިހާރު ކުރިއަށްދާ ޕްރިމިއާ ލީގުގެ ފުލަށް ދާ ދެ ޓީމެވެ. ހަތަރު ޓީމުގެ މެދުގައި ލީގު ބުރެއް ކުޅުމަށް ފަހު އެންމެ ނަތީޖާ ރަނގަޅު ދެ ޓީމަށް އަންނަ ސީޒަނުގެ ޕްރިމިއާ ލީގުން ފުރުސަތު ލިބޭނެ އެވެ.
ނިއު ރޭޑިއަންޓާއި ވިކްޓަރީ ވެސް ސަސްޕެންޑު ކުރީ މުސާރައިގެ މައަސަލައިގަ އެވެ. މުސާރައިގެ އިތުރުން ތަކުރާރުކޮށް ލީގުގެ މެޗުތަކަށް ހާޒިރު ނުވުމާއި ކްލަބް ލައިސެންސިންގެ ކަންކަން ފުރިހަމަ ނުކުރެވިގެން ވިކްޓާރީ ސަސްޕެންޑް ކުރީ، 2019/20 ސީޒަން ކުރިއަށް ދަނިކޮށް 12 ޑިސެމްބަރު 2019 ގަ އެވެ.
ދަރަނި ދެއްކުމުން ވިކްޓަރީގެ ސަސްޕެންޝަން އުވާލީ މިދިޔަ ޖޫން މަހުގެ ހަވަނަ ދުވަހު ބޭއްވި އެފްއޭއެމްގެ ކޮންގްރެސްގެ ތާއީދާ އެކު އެވެ. އެންމެ ފަހުން ވިކްޓަރީ ރަސްމީ މެޗެއް ކުޅެފައި ވަނީ 28 ސެޕްޓެމްބަރު 2019 ގައި އޭރުގެ ލީގު ޗެމްޕިއަން ޓީސީ ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ. އެ މެޗު ޓީސީން ކާމިޔާބުކުރީ 3-0 އިންނެވެ. އެ ސީޒަނުގައި ޓީމު ސަސްޕެންޑް ކުރުމުގެ ކުރިން ލީގުގައި 12 މެޗު ކުޅެން ޖެހުނެވެ. ނަމަވެސް ޓީމު ހަމަކުރެވުނީ އަށް މެޗަށެވެ.
ނިއު އާއި ވިކްޓަރީ އެންމެ ފަހުން؛ 2018 ގެ އޮކްޓޫބަރު 30 ގައި ކުޅުނު މެޗުގެ ތެރެއިން.-- މިހާރު ފައިލް ފޮޓޯ: ނިޝާން އަލީ
ނިއު ސަސްޕެންޑް ކުރީ 2019/20 ސީޒަން ފެށުމުގެ ކުރިން، 2019 ވަނަ އަހަރުގެ ޖެނުއަރީ 26 ގަ އެވެ. އޭގެ ކުރިން 2018 ވަނަ އަހަރުގެ ސީޒަން އެޓީމު ނިންމާލީ، މާލޭ ލީގުގެ ޗެމްޕިއަނުންގެ ގޮތުގަ އެވެ. އަދި ޕްރިމިއާ ލީގުގައި އެންމެ ފަހުން ކުޅުނު މެޗު، ނޮވެމްބަރު 30 ވަނަ ދުވަހު ހަވީރު ނިމުނީ މާޒިޔާއާ ދެކޮޅަށް 4-4 އިން އެއްވަރު ވެގެންނެވެ. ނިއު އިން ކުޅުންތެރިންނާއި ކޯޗުންގެ މުސާރައިގެ ކަންކަން ހަމަޖެއްސުމުން، އެފްއޭއެމްގެ ކޮންގްރެސް އިން އެސޯސިއޭޝަންގެ އެކްސްކޯ އަށް ދީފައިވާ ބާރުގެ ދަށުން ނިއުގެ ސަސްޕެންޝަން އުވާލީ މިދިޔަ ޖޫން 20 ވަނަ ދުވަހު އެވެ.
ނިއު އާއި ވިކްޓަރީން ވެސް ދެވަނަ ޑިވިޝަނަށް ޓީމަށް ކުޅުންތެރިން ހޯދައިގެން ވަނީ ފަރިތަކުރުންތައް ފަށައިފަ އެވެ. ނިއުގެ ކޯޗަކަށް ހަމަޖައްސާފައި ވަނީ ކުރިން މި ދެޓީމަށް ވެސް ކުޅުނު ކުރީގެ ގައުމީ ޓީމުގެ ޑީފެންޑަރު ސޮބާހު މުހައްމަދު އިބްރާހިމް (ސޮބާ) އެވެ. އަދި ވިކްޓަރީގެ ކޯޗަކަށް ހަމަޖައްސާފައި ވަނީ ލަންކާގެ ގައުމީ ޓީމުގެ ކުރީގެ ކޯޗު މުހައްމަދު ނިޒާމް ޕަކީރް އަލީ އެވެ.
ސަސްޕެންޝަނަށް ފަހު މި ދެޓީމުގެ ތެރެއިން އެންމެ ފުރަތަމަ އޮތީ ވިކްޓަރީގެ މެޗެކެވެ. ގަލޮޅު ދަނޑުގައި ވިކްޓަރީ މިމަހުގެ 15 ވާ ހުކުރު ދުވަހުގެ ހަވީރު ނުކުންނާނީ ބީޖީ ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ. އަދި ނިއުގެ ފުރަތަމަ މެޗު، 16 ވަނަ ދުވަހު ހަވީރު އޮތީ ވިލިމާލެ ޓާފް ދަނޑުގަ އެވެ.
ރަސްމީ މެޗެއްގައި އެންމެ ފަހުން ނިއު އާއި ވިކްޓަރީގެ ކުރިމަތިލުމެއް ފެނުނީ 2018 ވަނަ އަހަރުގެ އޮކްޓޫބަރު 30 ވަނަ ދުވަހުގެ ހަވީރެވެ. ދިވެހި ޕްރިމިއާ ލީގުގެ އެ މެޗް 3-1 އިން ކާމިޔާބުކުރީ ސޮބާ ކޯޗުކަމުގައި ކުޅެމުން ދިޔަ ނިއު ރޭޑިއަންޓެވެ.
އޭގެ ފަހުން މިއަހަރުގެ ދެވަނަ ޑިވިޝަނުގައި މި ދެޓީމުގެ ކުރިމަތިލުން އޮތީ، މިމަހުގެ 24 ވަނަ ދުވަހުގެ ރޭ 9 ޖަހާއިރު، ގަލޮޅު ރަސްމީ ދަނޑުގަ އެވެ.
ނިއު އާއި ވިކްޓަރީ އެކުގައި ޕްރޮމޯޓެއް ނުވާނެ
ނިއު އާއި ވިކްޓަރީ މިފަހަރު އޮތީ ދެ ގުރޫޕެއްގައި
ކުޅިވަރުގައި ނާސިރު ވަރެއް ނެތް!
މަސްއޮޑި ސަޕޯޓަރުން ދެއްކީ ފުޓްބޯޅައިގެ ނަމޫނާ: އަކޫ
ނިއު މާޔޫސްކޮށްލުމަށް ފަހު ވިކްޓަރީ އެއްވަނަ ޑިވިޝަނަށް
ބޮޑު މެޗު މާދަމާ؛ ފައިނަލް މެޗުގެ ކުރިން ފައިނަލެއް
މީ ކުރިން ފުޓްބޯޅައިން ފެނުނު ކަންކަމެއް ނޫން: ސޮބާ
ތަފާތު ބޮޑު މޮޅަކާ އެކު ނިއު ސެމީ އަށް
ކުއާޓާ ޔަގީންވެއްޖެ، ނިއުއަށް ދެންއޮތީ އެއްވަނަ ހޯދުން
ވިކްޓަރީން މިފަހަރު ނޮކައުޓް ބުރުން ޖާގަ ކަށަވަރުކޮށްފި