26 ޖުލައި 2022
އިޖުތިމާއީ ޚިދުމަތްތަކުގެ ތެރެއަށް ނުކުމެވަޑައިގެން ނަމޫނާ ދެއްކެވި އެވެ. ސިޔާސީ ކަންކަމުގައި އުޅުއްވަނީ އެންމެ އިސް ސަފުގަ އެވެ. ނައިބު ރައީސް ފައިސަލް ނަސީމް އާއްމުންނަށް އެނގެނީ މި ދެ ދާއިރާ އިން ކަމަށް ވިޔަސް އެމަނިކުފާނު ފެންނަ ގޮތާ މުޅިން ތަފާތު ވާހަކައަކީ ފުވައްމުލަކު "މިލޭނިއަމް" އެވެ. އެއީ މި ރަށުގައި ހުރި އެ މަނިކުފާނުގެ ގެކޮޅެވެ.
އިޖުތިމާއީ ޚިދުމަތްތަކުގެ ތެރެއަށް ނުކުމެވަޑައިގެން ނަމޫނާ ދެއްކެވި އެވެ. ސިޔާސީ ކަންކަމުގައި އުޅުއްވަނީ އެންމެ އިސް ސަފުގަ އެވެ. ނައިބު ރައީސް ފައިސަލް ނަސީމް އާއްމުންނަށް އެނގެނީ މި ދެ ދާއިރާ އިން ކަމަށް ވިޔަސް އެމަނިކުފާނު ފެންނަ ގޮތާ މުޅިން ތަފާތު ވާހަކައަކީ ފުވައްމުލަކު "މިލޭނިއަމް" އެވެ. އެއީ މި ރަށުގައި ހުރި އެ މަނިކުފާނުގެ ގެކޮޅެވެ.
މިއީ ނައިބު ރައީސްގެ ފޮރުވިފައިވާ ފަންނުވެރިކަމެވެ. މި ގެކޮޅަށް ވަނުމުން ފެންނަނީ ސިޔާސީ ކަންކަމުގެ ތެރޭގައި މިހާރު ހުންނެވި ހިސާބަށް ވަޑައިގަތުމުގެ ކުރިން ބިން ވަޅުނަގައި ރައްކާކުރެއްވި ހުނަރުވެރިކަމެވެ. ޝައުގުވެރިކަމާ އެކު ވަގުތުތައް ހޭދަކުރެއްވި ބުރަ މަސައްކަތެކެވެ. އެމަނިކުފާނުގެ ދިރިއުޅުމުން އާއްމުންނަށް އަދި ނުފެންނަ ދާއިރާއަކަށް އޮތް ލޯތްބެވެ.
ޑިޒައިނިންއަކީ އަޅުގަނޑު އެންމެ ކުރާ ހިތްވާ ކަންކަން. މި ކަހަލަ ގެތަކާއި ރިސޯޓްތަކާއި ރެސްޓޯރަންޓް ވިޔަސް މީހުންނަށް ރީތިވާނެ ގޮތަކަށް ހެދުން. އެއީ މިހާރު ވެސް އަޅުގަނޑު އެންމެ ކުރާ ހިތްވާ މަސައްކަތް. -- ނައިބު ރައީސް
ކުރައްވާ ކޮންމެ ކަމެއްގައި ކަމޭހިތުމާއި ފަރުވާތެރިވުމަކީ އެމަނިކުފާނުގެ ފަރާތްޕުޅުން މިހާތަނަށް ފެނިފައިވާ ސިފައެކެވެ.
ފުނާޑު އަވަށުގައި ހުރި ނައިބު ރައީސްގެ އަމިއްލަ ގެކޮޅު؛ މިތަނުގެ ހުރިހާ މަސައްކަތެއް ކުރެއްވީ އަމިއްލަފުޅަށް. -- ފޮޓޯ : ފަޔާޒް މޫސާ | މިހާރު
އިޖުތިމާއީ ޚިދުމަތްތައް އަމިއްލަ ގޮތުން ކޮށްދެއްވި އިރު ވެސް އާއްމުންނަށް ދެއްކެވީ ހިތްޕުޅުގައި އެކަމަށް އޮތް ޚާއްސަ ލޯތްބެވެ. ސިޔާސީ ކަންކަމުގެ އިސް ސަފަށް ވެންނެވީ އެ ދާއިރާގެ ތެރެއިންނެވެ. ހާއްސަ މަޖިލީހާއި ކާށިދޫ ދާއިރާގެ މެމްބަރުކަމުގައި ދެމިހުންނެވީ ފަސްބައި ކިލަނބު ނުކުރައްވައި ވިސްނުންތެރިކަމާ އެކުގަ އެވެ.
ރާއްޖޭގެ ނައިބު ރައީސްކަމަށް 2018ގައި އިންތިހާބުވެވަޑައިގަތް ފައިސަލް ނަސީމް ހިމެނިވަޑައިގަންނަވަނީ ސިޔާސީ މަސްރަހުގެ ތާރީހް ބަދަލުކޮށްލެއްވި ނަންފުޅުތަކުގެ ތެރޭގަ އެވެ. އެމަނިކުފާނުގެ ހަޔާތްޕުޅުން އާއްމުންނަށް ފެންނަން އޮތީ މި ދެ ދާއިރާގައި ހޯއްދެވި ކުރިއެރުން ވިޔަސް އެމަނިކުފާނަށް ދޫކޮށްނުލެއްވޭނެ ދާއިރާއަކީ އިމާރާތްކުރުމުގެ ދާއިރާ އެވެ.
ނައިބު ރައީސް "މިލޭނިއަމް" އަށް ވަދެވަޑައިގަންނަވަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
"ޕޮލިޓީޝަނެއް ނޫން. އަޅުގަނޑުގެ ބެކްގްރައުންޑަކީ ކޮންސްޓަރަކްޝަން, ބިލްޑިން ޑިވެލޮޕްމަންޓް. މި ފެންނަނީ ނޫންތޯ," ގެކޮޅަށް "މިހާރު"ގެ ޓީމާ އެކު ވަދެވަޑައިގަންނަވަމުން ސަމާސާ ރާގެއްގައި ވިދާޅުވި އެވެ.
ނައިބު ރައީސް ގެކޮޅުގެ މަސައްކަތް ކުރައްވަނީ: މި ގެކޮޅު ނިންމަން ހަތަރު އަހަރު ހޭދަވި.
ސިޔާސީ ދާއިރާ އާއި އިޖުތިމާއީ ކަންކަމުގައި ނޫޅުއްވި ނަމަ އެމަނިކުފާނު އިންޓީރިއާ ޑިޒައިނަރެއްގެ ގޮތުގައި ފެނުން ގާތް ކަމުގެ ހެއްކަކީ ވެސް އެ ގެކޮޅެވެ.
ރިސޯޓުގައި އަޅުގަނޑު ކޮށްފައި ހުރި މަސައްކަތް ފެނިގެން ބޭރުގެ ދެތިން ރައްޓެއްސަކު އެދިގެން ދެތިން ދިމާލަކަށް ދިޔައިން. އެ މީހުންގެ ރެޒިޑެންސްގެ އިންޓީރިއާ ހަދާދީފައި ހުންނާނެ.
"ޑިޒައިނިންއަކީ އަޅުގަނޑު އެންމެ ކުރާ ހިތްވާ ކަންކަން. މި ކަހަލަ ގެތަކާއި ރިސޯޓްތަކާއި ރެސްޓޯރަންޓް ވިޔަސް މީހުންނަށް ރީތިވާނެ ގޮތަކަށް ހެދުން. އެއީ މިހާރު ވެސް އަޅުގަނޑު އެންމެ ކުރާ ހިތްވާ މަސައްކަތް," ނައިބު ރައީސް ވިދާޅުވި އެވެ.
ފުނާޑު އަވަށުގައި ދެ ބުރިއަށް ހަދާފައިވާ މި ގެކޮޅު ބޭރުން ފެންނަ ގޮތާއި އެތެރޭގެ ޑިޒައިން ހިތްގައިމެވެ.
ކޮޓަރިއެއްގެ ޑިޒައިން ހެއްދެވި ގޮތް ނައިބު ރައީސް "މިހާރު"ގެ ނޫސްވެރިންނަށް ކިޔައިދެއްވަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ތިމާވެއްޓާ ބެހޭ އިވެންޓަކަށް ފުވައްމުލަކަށް ކުރެއްވި ދަތުރުފުޅުގައި "މިހާރު"ގެ ޓީމާ އެކު ގެކޮޅަށް ވަންނަވަމުން ވިދާޅުވީ މިހެން ބަލާލާއިރު މި ތަން ނިންމަން ހޭދަކުރެއްވި ވަގުތާއި ކުރެއްވުނު މަސައްކަތް ތަސައްވުރެއް ނުކުރެއްވޭނެ ކަމަށެވެ. ބައެއް ވާހަކަފުޅުތައް ހިއްސާކުރައްވަމުން ވިދާޅުވީ ކަޅު އިސްކުރު އެކަނި ވެސް ދެލައްކައާ ގާތަށް ބޭނުންކުރެއްވި ކަމަށެވެ.
މިލޭނިއަމްގެ ކޮޓަރިތަކެއް: މިތަން ހެދީ ބަލާ މީހުންނަށް ވެސް ކަމުދާނެ ގޮތަށް ވިސްނަވައިގެން ކަމަށް ނައިބު ރައީސް ވިދާޅުވި. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
"މާލޭގައި އަޅުގަނޑުމެން އިސްކުރު ގަތް ފިހާރައިން ހުސްވި. އެކަމަކު އިސްކުރުތައް ބޭނުންކޮށްފައި ހުރި ގޮތަކުން ނުފެންނާނެ," މިގެކޮޅުގެ ކޮންމެ ކަމަކަށް ވެސް ބެހެއްޓެވި ފަރުވާތެރިކަން ސިފަކުރައްވައި ނައިބު ރައީސް ވިދާޅުވި އެވެ.
"އަމިއްލައަށް ގެ ހަދަން ބޭނުންވީ ވެސް ވަރަށް ބޮޑަށް އެ މަސައްކަތުގެ ތެރެއަށް ވަދެވިފައި ހުރީމަ. އެކަމަކު އެހެން ކަންކަމުގެ ތެރޭގައި އުޅެން ޖެހުމުން، ގޯތި ލިބިގެން ވެސް ފަށައިގަނެވުނީ އަހަރުތަކެއް ފަހުން."
އެމަނިކުފާނުގެ އުފަން، މި ރަށުން ލިބިވަޑައިގަތް ގޯތީގެ ބިންގާ އެޅުއްވީ 2000 ވަނަ އަހަރެވެ. މިލޭނިއަމްގެ ނަން ދެއްވީ ދެހާހާ ގުޅުވަ އެވެ. އަހަރުތަކެއް ފަހުން އެ ގެކޮޅު އިމާރާތްކުރަން ފެއްޓެވީ 2014ގަ އެވެ. ހަތަރު އަހަރުގެ މަސައްކަތުން ޖުލައި 2018 އަށް ނިންމާލެއްވި އިރު ފައުންޑޭޝަނުން ފެށިގެން ހުރިހާ މަސައްކަތެއް ވެސް ކުރެއްވީ ނައިބު ރައީސް އަމިއްލަފުޅަށެވެ.
ނައިބު ރައީސް އަމިއްލަ ގެކޮޅުގައި ހެއްދެވި އުނދޯއްޔެއްގައި. -- ފޮޓޯ : ފަޔާޒް މޫސާ | މިހާރު
ލަކުޑި އާއި ސްޓޯންސް އިން ހަދާފައިވާ މި ގެކޮޅުގެ އެންޓްރެންސް އާއި ލޮބީ އާއި ލިވިން ރޫމާއި ކޮޓަރިތަކާއި ފާޚާނާ އަދި ބަދިގެ އިން ވެސް ފެންނަނީ އެމަނިކުފާނު އަމިއްލަފުޅަށް ލަކުޑި ކަނޑައި ނަގައިގެން ހަދާފައިވާ ޑިޒައިންތަކެވެ. ހުދާއި ކަޅު ކުލައިގެ ކޮންސެޕްޓަކަށް ހަދާފައިވާ ގެކޮޅުގައި ނުވަ ކޮޓަރި އާއި ނުވަ ފާޚާނާ ހުރި އިރު ކޮންމެ ތަނެއް ވެސް ތަފާތެވެ. ލަކުޑި އާއި ސްޓޯންސް އެ ތަފާތު ގެންނެވީ އެމަނިކުފާނު ވިދާޅުވި ގޮތުގައި މި ދާއިރާ އަށް އޮތް ޝައުގުވެރިކަމުންނެވެ. އާ ޑިޒައިންތައް އީޖާދުކުރުމާއި އެހެން މީހުންނަށް ދަސްކޮށްދެއްވަން ވެސް ބޭނުންފުޅުވުމުންނެވެ.
މި ގެކޮޅަށް ވަންނަ ގޭޓުން ފެށިގެން ލިވިން ރޫމާއި ކޮޓަރިތަކުގައި ހުރި އެނދާއި އަލަމާރި އާއި ޓީވީ ރެކާއި ޝެލްފާއި ލައިޓްތައް ހަރުކުރަން ލަކުޑިން އެކި ބައްޓަމަށް ހަދާފައިވާ ކޮންމެ އެއްޗަކުން ވެސް ފެންނަނީ އެމަނިކުފާނުގެ ހުނަރެވެ.
މިލޭނިއަމްގެ ފާހާނާއެއް: މި ގެކޮޅުގެ ހުރިހާ ފާހާނާއެއް ވެސް ހަދާފައި ހުރީ އެތަން އަނެއް ތަނާ ތަފާތުކޮށް. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ނައިބު ރައީސް ވިދާޅުވި ގޮތުގައި އިމާރާތްކުރުމުގެ ދާއިރާގައި މިހާތަނަށް ކުރެއްވުނު އެންމެ ހިތްހަމަޖެހިވަޑައިގަންނަވާ މަސައްކަތަށް ވަގުތު ހުސްކުރެއްވީ މަޖިލީހުގެ ޖަލްސާތައް ނޯންނަ ދުވަސްތަކުގަ އެވެ. އިމާރާތް ނުކުރެވި ގިނަ ދުވަސްތަކެއް ވަންދެން ހުރި ގެކޮޅުގެ މަސައްކަތް އެމަނިކުފާނަށް ފެއްޓެވުނީ ކާށިދޫ ދާއިރާގެ މެމްބަރުކަމުގައި ހުންނަވަ އެވެ.
"ކޮންމެ ދެ ހަފުތާ އިން އެއް ހަފުތާ މިކޮޅަށް އަންނަނީ. ހެނދުނު ފަށާ ގޮތަށް ގުޑާލާނީ ވެސް ނަމާދު ވަގުތަށް އެކަނި. ރޭގަނޑު ދަންވާއިރު ވެސް ހުއްޓާލަން ބޭނުން ނުވެފައި އިނދެވެނީ," ނައިބު ރައީސް ވިދާޅުވި އެވެ.
ނައިބު ރައީސް ފައިސަލް ނަސީމް އަމިއްލަ ގެކޮޅުގައި. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
މި ގެކޮޅުގައި ކަތިކޮށް ލަކުޑީގެ ވަރަށް ގިނަ ޑިޒައިންތައް ހައްދަވާފައިވާ އިރު، އެ ކަމަށް ވޯކްޝޮޕެއް ގެކޮޅުގައި ހިންގެވި އެވެ. ތައިލެންޑާއި އިންޑޮނޭޝިއާ ފަދަ ގައުމުތަކުން ސާމާނު ހޯއްދަވައި އިމާރާތްކުރުމާއި ޑިޒައިނިންގައި އެހީތެރިންގެ ގޮތުގައި ނުވަ ވަރަކަށް މީހަކު ތިބި ކަމަށް ވިދާޅުވި އެވެ.
"ކޮންމެ އެއްޗެއް ވެސް އަޅުގަނޑު ހުރެގެން, ފުރަތަމަ ހަދާފައި ދެން އެ މީހުންނާ ހަވާލުކުރަނީ އޭގެ އެހެން އެއްޗެއް ހަދަން," އެމަނިކުފާނު ވިދާޅުވި އެވެ.
ނައިބު ރައީސް އަމިއްލަފުޅަށް ފަރުމާކުރައްވާފައި: ގެކޮޅުގެ ކުރެހުމެއް ނެތި ނިންމެވީ ފަހަރަކު ތަނެއް. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ތަފްސީލީ ކުރެހުމަކާ ނުލައި ކޮޓަރިތައް ޑިޒައިން ކުރައްވަން ފެއްޓެވުމުން ބައެއް މީހުންގެ ސުވާލު އަމާޒުވި ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.
"އެއީ ވަކި ތަންތަންކޮޅު އެހެން ހަދާތަން ފެންނާތީ. ދެން އަޅުގަނޑު ދަންނަވަން ކައްކާ އިރު ވެސް ފުރަތަމަ އަޅާނީ ކޮންމެވެސް އެކައްޗެއްތާއޭ. ކެއްކީމަ ނޫންހޭ ރަހަލާނީ," ހިނިފުޅުވަޑުވަމުން ނައިބު ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑަށް ވަރަށް ޓައިމް ދެވުނު މަސައްކަތެއް މިއީ. ކޮންމެ ތަނެއް ވެސް ހުންނަން ޖެހޭނެ ގޮތް އަމިއްލަ ސިކުނޑިއަށް ގެނެސް ސްކެޗް ހަދަން. އެ އިންނަންވާ ގޮތް ސާމްޕަލް ވެސް ހަދައި ފުރިހަމަކޮށްލަނީ ބަލާ މީހުންނަށް ރީތިވާނެ ގޮތަށް."
ކޮންމެ ކޮޓަރިއެއް ނިމުމުން އަނެއް ތަނުގެ ޑިޒައިން ވަކިން ކުރައްސެވި ގޮތާއި ފަހަރަކު ބައެއް ނިންމަވަމުން ގޮސް މުޅި ގެކޮޅުގެ ޑިޒައިން ގުޅުވާލާފައިވާ ގޮތް އެމަނިކުފާނުގެ ފޯނުގައި އަދިވެސް ގެންގުޅުއްވަ އެވެ. އެކި ގައުމުތަކަށް ކުރައްވާ ދަތުރުފުޅުތަކުގައި ރީތި އިމާރާތެއް ފެނިވަޑައިގެންފި ނަމަ ސިކުނޑީގައި ކުރައްސަވާލައްވައި ފަހުން އެ ޑިޒައިނަށް ބަދަލު ގެންނަވައި އަމިއްލަފުޅަށް ރީތި ގޮތްތަކަކަށް ބަދަލުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.
އަމިއްލަ ޑިޒައިނަކަށް ގެ އިމާރާތް ކުރެއްވީ މި ރަށުގެ ޒަމާންވީ ހަނދާންތަކާ ވެސް ގުޅުވައިގެންނެވެ. އަލަ އޮޅަކަށް ޖާގަ ދޫކޮށްލެއްވީ ކެއުމަށް ވުރެން ބޮޑަށް އޮޅުތަކަކީ ރަށުގެ ތާރީހް ފެންނަ ފެހިކަމަކަށް ވާތީ ކަމަށް ވިދާޅުވި އެވެ.
ނައިިބު ރައީސްގެ ގެކޮޅު، މިލޭނިއަމް: މި ރަށަށް އަންނަ މީހުން ތިބެން ވެސް މިގެކޮޅު ދޫކުރޭ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އެ ވިސްނެވުންތަކާއި ޝައުގުވެރިކަމާއި އިމާރާތްކުރުމުގެ ދާއިރާއަށް އޮތް ލޯތްބާއި މަސައްކަތަށް ކެތްތެރިކަމާ އެކު ދެއްވުނު ވަގުތަކީ ނައިބު ރައީސް ދައްކަވާ ގޮތުގައި އަމިއްލަ ގެކޮޅެވެ. އެ ގެކޮޅުގައި ކުރެއްވުނު ބުރަ މަސައްކަތަކީ އެމަނިކުފާނުގެ އެންމެ ބޮޑު ހިތްހަމަޖެހުމެވެ.
ނައިބު ރައީސް އަމިއްލަފުޅަށް ޑިޒައިން ކުރައްވާފައި: އިމާރާތްކުރުމުގެ ދާއިރާ ދޫކޮށްނުލެއްވޭނެ ކަމަށް ވިދާޅުވި.
ރިސޯޓްތަކުގެ ރޫމްތަކުގެ ކޮންސެޕްޓަށް އެތަން ހެދީ ފުވައްމުލަކަށް އަންނަ އެހެން މީހުންނަށް ވެސް އެ ރަށުގައި ހިތްހަމަޖެހިގެން ތިބެލުމުގެ އިހްސާސްކޮށްދެއްވަން ކަމަށް ވިދާޅުވި އެވެ. ބައެއް ރޫމްތައް މި ރަށުގައި އެކި އިވެންޓްތައް ބޭއްވުމަށާއި ފުވައްމުލަކުގެ ގުދަރީތީ ރީތިކަން ބަލައިލަން އަންނަ މީހުންނަށް ވެސް ދޫކުރެ އެވެ.
މަސައްކަތްތެރިކަމާއި އިޖުތިމާއީ ހިދުމަތްތަކަށް ނައިބު ރައީސްގެ ޝައުގުވެރިކަން އުފެދުނީ ކުޑައިރެވެ. ސްކޫލް ނިމުމާ އެކު އުމުރުން 17 އަހަރުގައި ވަޒީފާއަކަށް ވެންނެވީ އެންމެ ދުވަހެއް ވެސް ބޭކާރު ނުކުރެއްވުމުގެ ނިޔަތުގައި ހުންނެވުމުންނެވެ. އެމަނިކުފާނު ގަބޫލުކުރައްވާ ގޮތުގައި އެ ހިތްވަރު ގުޅިފައި އޮތީ ބައްޕާފުޅުގެ މަސައްކަތްތެރިކަމާ އެވެ.
މާލިމީ ކަމާއި އަތޮޅުވެރިކަމާއި ގާނޫނީ ދާއިރާ އާއި އެ ނޫން ވެސް ގިނަ ހިދުމަތްތަކެއްގައި ބައްޕަ އުޅުއްވިތަން ފެނިވަޑައިގަތުމަކީ އެ އަޒުމާ އެކު ކުރިއަށް ވަޑައިގެންނެވުނު ފިޔަވަޅެވެ. ސިޔާސީ މަސައްކަތްތަކުގައި ވެސް އުޅުއްވި ބައްޕާފުޅަށް އެކި ދުވަސްވަރު ލިބިވަޑައިގަތް އަނިޔާގެ މަތިން ހަނދުމަފުޅު ހުރެ އެވެ. ޖަލު ގޮޅި އާއި އެކި ރަށްތަކަށް އަރުވާލުމުން އާއިލާއާ ދުރުގައި ދުވަސްތައް ހޭދަކުރައްވަން ޖެހިވަޑައިގަތެވެ.
މިލޭނިއަމްގެ ކޮޓަރިއެއް: މި ގޭގެ ކޮންތަނަކުން ވެސް ފެންނަނީ ނައިބު ރައީސްގެ އަމިއްލަފުޅަށް ކުރެއްވި މަސައްކަތްތައް. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ޕެރެޑައިސް އައިލެންޑް ރިސޯޓް 1994 ގައި ހުޅުވިއިރު ނައިބު ރައީސްއަކީ ޒުވާން އެސިސްޓެންޓް މެނޭޖަރެވެ. އެ ޒިންމާގެ އިތުރަށް ހޮބީއެއްގެ ގޮތުގައި އޭރު ވެސް ޑިޒައިނިންގެ މަސައްކަތުގައި އުޅުއްވި އެވެ. ގަސް އިންދެވުމާއި ލޭންޑްސްކޭޕިން އާއި ވަޑާމުގެ މަސައްކަތްތައް ވެސް ދޫކޮށެއް ނުލައްވަ އެވެ.
"ރިސޯޓުގެ ލޮބީ އާއި ކައުންޓަރުތަކާއި ސައިން ބޯޑުތައް ހެދުމުން މިކަން އަސްލު ފަށައިގަނެ އަޅުގަނޑުގެ ހިތްހަމަޖެހުމާއި ކުރިއެރުމަށް ކުރެވުނީ," އެމަނިކުފާނު ވިދާޅުވި އެވެ.
އަށް ރިސޯޓެއްގެ ރޫމްތަކާއި ސްޕާތަކާއި ރެސްޓޯރަންޓްގެ އިންޓީރިއާ އާއި އެކްސްޓީރިއާގެ މަސައްކަތް ކުރެއްވި އެވެ. އެމަނިކުފާނު ގަބޫލުކުރައްވާ ގޮތުގައި އެއް ކަމަކަށް ހުސްވުމަށް ވުރެން މޮޅު ގޮތަކީ އެކި ކަންކަން ދަސްކުރެއްވުމެވެ.
"ރިސޯޓުގައި އަޅުގަނޑު ކޮށްފައި ހުރި މަސައްކަތް ފެނިގެން ބޭރުގެ ދެތިން ރައްޓެއްސަކު އެދިގެން ދެތިން ދިމާލަކަށް ދިޔައިން. އެ މީހުންގެ ރެޒިޑެންސްގެ އިންޓީރިއާ ހަދާދީފައި ހުންނާނެ. ބޮޑަށް އެ މީހުން ބޭނުންވީ ރާއްޖޭގެ ރިސޯޓްތަކުގައި ހުންނަ ޑިޒައިނަކަށް ހަދަން," ނައިބު ރައީސް ވިދާޅުވި އެވެ.
އެ މަސައްކަތް އެ މީހުންނަށް ކަމުދިއުމާއި އެ ނޫން ވެސް މީހުންގެ ލޮލަށް ފަސޭހަ ރީތިކޮށް ނިންމާލެވޭ ކޮންމެ ކަމަކުން ވަރަށް ބޮޑު އުފަލެއް ލިބިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.
"ކޮންމެ ބާވަތެއްގެ ކޮންމެ ކަހަލަ ކަމެއް ވިޔަސް ރަނގަޅަށް ކަމެއް ކުރެވިއްޖިއްޔާ ވަރަށް އުފާވޭ. ރިސޯޓު މެނޭޖަރެއްގެ ގޮތުގައި ހުރި އިރު އަޅުގަނޑަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ އަޅުގަނޑާ އެއްކޮށް ދެން މަސައްކަތްކުރާ މުވައްޒަފުންގެ ހިތްހަމަޖެހުން. އެ މީހުންނާ އަޅުގަނޑާ ދޭތެރޭގައި އޮންނަ ގުޅުން," ނައިބު ރައީސް ވިދާޅުވި އެވެ.
މިލޭނިއަމްގެ އެތެރެ: މި ގެކޮޅު ހަދާފައި ވަނީ ޒަމާނީ ފެންވަރަށް، ހިތްގައިމު ޑިޒައިނަކަށް. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ވަޒީފާއަށް ވެންނެވުމާ އެކު ލިބިވަޑައިގަތް މުސާރަ އިން ބައެއް ގަވާއިދުން ފޮނުއްވި ލިސްޓެއް ވެސް އެމަނިކުފާނު ގެންގުޅުއްވި އެވެ. އެކި މީހުންނަށް އަދި ރަށުގެ އެކި ކަންކަމަށް އެހީދެއްވަން ފެއްޓެވިއި އިރު ވެސް އަޒުމަކަށް ވީ އެކަމުން އެހެން މީހަކަށް ނުވަތަ ބައަކަށް ހިތްހަމަޖެހޭ ފަދަ ކަމެއް ކޮށްދެއްވުމެވެ. އެ އެހީތެރިކަމާއި އިޖުތިމާއީ ހިދުމަތް ފުޅާވަމުން ގޮސް ފައިސަލް ފައުންޑޭޝަންގެ ނަމުގައި ޖަމިއްޔާއެއް ހައްދަވައި ކުޅިވަރާއި ތިމާވެއްޓަށް ހޭލުންތެރިކުރުވުމާއި ތައުލީމީ ދާއިރާ އާއި އާއްމުންގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުމުގެ އެކި ކަންކަމާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ފުވައްމުލަކުގެ ކުރިއެރުމަށް ހިންގި އެކި ހަރަކާތްތަކުގައި ވެސް ބައިވެރިވުން ބޮޑެވެ.
ނައިބު ރައީސް މަސައްކަތްކުރެއްވި އިރު ނަގާފައިވާ އިމާރާތުގެ ފޮޓޯއެއް.
ކާށިދޫ ދާއިރާގެ މެމްބަރަކަށް ހުންނެވި އިރު އެ ދާއިރާގެ ދުޅަހެޔޮކަމާއި ކުރިއެރުމަށް ހެލްތު ކޭމްޕް ބޭއްވުމާއި ތަންތަން އިމާރާތްކޮށްދެއްވަން އެހީ ދެއްވުން ފަދަ ކަންކަން އަމިއްލަ ގޮތުން ކޮށްދެއްވި އެވެ. އެ މަނިކުފާނު އޭރު ފެނިވަޑައިގަތީ މެމްބަރެއްގެ ގޮތުގައި ހުންނަވައި ދާއިރާގެ ރައްޔިތުންނަށް ގިނަ ކަންކަން ކޮށްދެއްވި މެމްބަރެއްގެ ގޮތުގަ އެވެ.
މި ކަންކަމުގައި އެމަނިކުފާނަށް 27 އަހަރަށް ވުރެން ދިގު މުއްދަތެއް ހޭދަކުރެއްވިއްޖެ އެވެ. ސިޔާސީ ހަޔާތްޕުޅުގައި ތާރީޚީ ސޮފްހާއެއް ލިޔުއްވި މަގާމުގެ ފުރަތަމަ ދައުރު ވެސް އަންނަ އަހަރުގެ ނޮވެމްބަރަށް ހަމަވާނެ އެވެ. އެންމެ ބިޒީ ދުވަސްތައް ނިމުމުން ދެން ފެންނާނީ އެންމެ ޝައުގުވެރިވެވަޑައިގަންނަވާ މީގެ ކުރިން އެމަނިކުފާނުގެ އަމަލީކޮށް އުޅުއްވަނިކޮށް ނުފެންނަ މަސައްކަތުގެ ތެރެއިން ހެއްޔެވެ؟
ނައިބު ރައީސް ގެކޮޅުގައި: މިތަނަކީ އިމާރާތްކުރުމުގެ ދާއިރާގައި އެމަނިކުފާނަށް މިހާތަނަށް ކުރެއްވުނު އެންމެ ހިތްހަމަޖެހިވަޑައިގަންނަވާ މަސައްކަތް. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
މި ސުވާލަށް އެ މަނިކުފާނުގެ ޖަވާބު ކުރެވެ. އެކަމަކު ކުރިއާ ތަފާތުކޮށް، އިމާރާތްކުރުމުގެ ދާއިރާއަށް އެމަނިކުފާނުގެ އޮތް ޝައުގުވެރިކަން އާއްމުންނަށް ވެސް ފެންނާނެ ކަމަށް ވިދާޅުވި އެވެ.
"ވަރަށް ކުރާ ހިތްވާ ކަމެއް އެއީ. ދެން ވަގުތު ޖެހުމުން އެނގޭނީ. އަޅުގަނޑު އޭރަކު އެ ކުރާ މަސައްކަތަކަށް ފުލް ކޮމިޓްމަންޓް ދެން. މި ވަގުތު ހުސްކޮށްފައި މިއޮތީ ރައްޔިތުންގެ ހިދުމަތުގައި އަޅުގަނޑަށް ހަވާލުވެފައިވާ ޒިންމާ ފުރިހަމައަށް އަދާކުރުމަށް," ނައިބު ރައީސް ވިދާޅުވި އެވެ.
"އެންމެ ފުޅާކޮށް ކުރާ މަސައްކަތަކީ ލާމަރުޒުކުރުން"
ނައިބު ރައީސް ފުވައްމުލަކާއި އައްޑުއަށް
ފުވައްމުލަކުން ރަނގަޅު އިޖާބައެއް ދޭނެ: ފައިސަލް
ރައީސަށް ފުވައްމުލަކުން ހޫނު މަރުހަބާއެއް
މި އަހަރުގެ އަމީރުލް ހައްޖަކީ ނައިބު ރައީސް ފައިސަލް
ރާއްޖެ-ޕާކިސްތާނާ ދެމެދު އަލުން ސީދާ ދަތުރުތައް ފަށަނީ
ސިޔާސީ މޮޅާއި ކުރި ހޯދުމެއް ނެތް, ޗޮއިސްއަކީ ރައީސް!
ނައިބު ރައީސް އައްޑު އާއި ފުވައްމުލަކަށް
ރާއްޖެއަށް އެއްބާރުލުން ނުލިބި ސަލާމަތެއްނެތް: ފައިސަލް
ކޮޕް27 ގައި ތަރައްގީގެ ޕްލޭން ދުނިޔެއާ ހިއްސާކުރާނެ