Roadha Mihaaru
ބިދޭސީން ގެންނަން އޮޅުވާލައިގެން ޕޯޓަލްތަކެއް ހިންގަނީ

އޮޅުވާލައިގެން ބިދޭސީން އެތެރެކުރަން ޕޯޓަލްތަކެއް ހިންގަނީ

03 ޖުލައި 2022

ރާއްޖޭގައި މަސައްކަތްކުރަން ބިދޭސީން ގެނައުމަށް ސަރުކާރުން ފަރުމާކޮށްފައިވާ ޕޯޓަލް ކޮޕީކޮށްގެން، އޮންލައިން ޕޯޓަލްތަކެއް ހަދައި އޮޅުވާލައިގެން ބިދޭސީން އެތެރެކުރަން މަަސައްކަތްކުރަމުންދާތީ އެކަމަށް ސަމާލުވުމަށް އިކޮނޮމިކް މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރާއްޖޭގައި މަސައްކަތްކުރަން ބިދޭސީން ގެނައުމަށް ސަރުކާރުން ފަރުމާކޮށްފައިވާ ޕޯޓަލް ކޮޕީކޮށްގެން، އޮންލައިން ޕޯޓަލްތަކެއް ހަދައި އޮޅުވާލައިގެން ބިދޭސީން އެތެރެކުރަން މަަސައްކަތްކުރަމުންދާތީ އެކަމަށް ސަމާލުވުމަށް އިކޮނޮމިކް މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.

އިކޮނޮމިކް މިނިސްޓްރީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ، ގިނަ ފަހަރަށް އެ ކަހަލަ ޕޯޓަލް/ވެބްސައިޓްތަކަކީ އޮޅުވާލައިގެން، ޔޫޒާ އެކައުންޓުގެ އަދި އެހެނިހެން ޒާތީ މައުލޫމާތު ހޯދައި، އޭގެ ބޭނުން ނަހަމަ ގޮތުގައި ހިފުމަށް ފަރުމާކޮށްފައިވާ ވެބްސައިޓްތަކެއް ކަމަށެވެ. އޮޅުވާލައިގެން ބިދޭސީން ގެންނަ ކަމަށް ފާހަގަވެފައިވާ ވެބްސައިޓުތަކެއް ވެސް އެ މިނިސްޓްރީން ވަނީ އާއްމުންގެ ސަމާލުކަމަށް ގެނެސްފަ އެވެ.

މިހާތަނަށް ފާހަގަވެފައިވާ ވެބްސައިޓްތައް:

- https://immigrationgovmv.org

- https://xpat-egovmv.com

- https://xpategov.com

- https://www.xpat-gov.com

- https://www.xpat-egov.online

- https://xpategovmv.org

ރާއްޖޭގައި މަސައްކަތްކުރަން ބިދޭސީން ގެނައުމުގެ ކަންކަން ކުރުމަށް މިނިސްޓްރީގެ ޕޯޓަލް ބޭނުންކުރާ މީހުން ފޭކް ޕޯޓަލްތަކަށް ސަމާލުވުމަށް މިނިސްޓްރީން އެދެ އެވެ. އެ މިނިސްޓްރީން ހިންގާ އޮންލައިން ޕޯޓަލް/ވެބްސައިޓްގެ ލިންކަކީ https://xpat.egov.mv އެވެ. ހިދުމަތް ހޯދާއިރު ވަދެވެނީ އެ ވެބްސައިޓަށްތޯ ކަށަވަރުކުރުމަށް މިނިސްޓްރީން އެދެ އެވެ.

އިކޮނޮމިކް މިނިސްޓްރީގެ އެކްސްޕެޓް އޮންލައިން ޕޯޓަލް އަކީ ބިދޭސީން ގެނައުމާ ގުޅޭ ކޯޓާ އާއި ވަޒީފާ އަދާކުރުމުގެ ހުއްދަ އަށް އެދި ފޯމު ހުށަހެޅުމަށް ބޭނުންކުރާ އޮންލައިން ޕްލެޓްފޯމެވެ.

ޕޯޓަލް/ވެބްސައިޓް ފިޔަވައި އެއްވެސް އެހެން ސައިޓަކަށް މައުލޫމާތު ނުދިނުމަށާއި އަދި އެފަދަ ސައިޓަކަށް ވަދެވިފައިވާ ނަމަ ޕާސްވޯޑް ރީސެޓްކުރަން މިނިސްޓްރީން ވަނީ އިރުޝާދު ދީފަ އެވެ.

އިމިގްރޭޝަންގެ ނަމުގައި ވެސް ފޭކް ވެބްސައިޓެއް ހިންގާތީ ސަމާލުވާން އެ އިދާރާ އިން މިއަދު ވަނީ އިލްތިމާސްކޮށްފަ އެވެ.