Roadha Mihaaru
ދެ މީހެއްގެ ބަނޑުގައި 240 ބުލެޓް ޑްރަގް

ޑްރަގް ގެނައި މީހުންގެ ބަނޑުގައި 240 ބުލެޓު، އަދި ބޭރުވީ 25 އެތި

30 ޖޫން 2022

މަސްތުވާތަކެތި ދިރުވާލައިގެން ރާއްޖެ އައި ދެ ބިދޭސީއެއްގެ ބަނޑުން 240 ބުލެޓު ނެގެންދެން އެ މީހުންގެ ބަންދަށް ފަސް ދުވަސް ޖަހަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

މަސްތުވާތަކެތި ދިރުވާލައިގެން ރާއްޖެ އައި ދެ ބިދޭސީއެއްގެ ބަނޑުން 240 ބުލެޓު ނެގެންދެން އެ މީހުންގެ ބަންދަށް ފަސް ދުވަސް ޖަހަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

ރާއްޖެ އަށް މަސްތުވާތަކެތި އެތެރެ ކުރަން މަސައްކަތް ކޮށްފައި ވަނީ ނޮދަން އަޔަލޭންޑްގެ ދެ ފިރިހެނެކެވެ.

އެއިން ކޮންމެ މީހެއްގެ ހަށިގަނޑުގައި ގާތްގަނޑަކަށް 120 ބުލެޓުގެ މަސްތުވާތަކެތި ހުރި ކަމަށް ފުލުހުން ތުހުމަތު ކުރެ އެވެ. އެ ދެ މީހުން އައިޖީއެމްއެޗްގައި ބާއްވައިގެން އަދި މިހާތަނަށް ބޭރު ކުރެވުނީ އެކަކުގެ ބަނޑުން 12 އަދި އަނެކަކުގެ ބަނޑުން 13 ބުލެޓެވެ.

އެ މީހުން އައިޖީއެމްއެޗްގައި އެޑްމިޓް ކޮށްފައިވާތީ ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އެ މީހުންގެ ޣައިރު ހާޒިރުގައި ބަންދަށް ފަސް ދުވަސް ޖަހައިފަ އެވެ.

މަސްތުވާތަކެތި ބޭރުކޮށް ނިމި، ހޮސްޕިޓަލުން ދޫކޮށްލުމުން އެ ދެ މީހުން ވެސް ކޯޓަށް ހާޒިރު ކުރަން އެ ކޯޓުން ފުލުހުންނަށް އަމުރު ކުރި އެވެ.

ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރުމަކީ ވަރަށް ކުރިން ވެސް ހިނގަމުން އަންނަ ކަމެކެވެ. އެހެން ނަމަވެސް، އެ މީހުން ގިނަ ފަހަރު އަތުލައިގަންނަނީ، ލިބިފައި އޮންނަ ރިޕޯޓެއްގެ ސަބަބުން، ނުވަތަ އެއާޕޯޓް ތެރޭގައި އުޅޭ ގޮތުން ޝައްކުވެގެންނެވެ.