Roadha Mihaaru
ކެޕިޓޯލް މުޒާހަރާގައި ބައިވެރިވާން ޓްރަމްޕު އުޅުއްވި

ޖެނުއަރީ 6ގެ މުޒާހަރާގައި ބައިވެރިވާން ޓްރަމްޕު އުޅުއްވި

29 ޖޫން 2022

މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 6 ވަނަ ދުވަހު، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުން ބޭއްވި ބައްދަލުވުމާ ދެކޮޅަށް، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޓް ޓްރަމްޕުގެ ސަޕޯޓަރުން ބޭއްވި މުޒާހަރާގައި ބައިވެރިވާން، ޓްރަމްޕު ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި ކަމަށް އޭނާގެ އަރިސް ބޭފުޅަކު ވިދާޅުވެއްޖެ އެވެ.

މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 6 ވަނަ ދުވަހު، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުން ބޭއްވި ބައްދަލުވުމާ ދެކޮޅަށް، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޓް ޓްރަމްޕުގެ ސަޕޯޓަރުން ބޭއްވި މުޒާހަރާގައި ބައިވެރިވާން، ޓްރަމްޕު ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި ކަމަށް އޭނާގެ އަރިސް ބޭފުޅަކު ވިދާޅުވެއްޖެ އެވެ.

އެ ބައްދަލުވުމަކީ އެމެރިކާގައި އެންމެ ފަހުން ބޭއްވި ރިއާސީ އިންތިހާބުގެ ރަސްމީ ނަތީޖާ ތަސްދީގުކުރުމަށް ބޭއްވި ޖަލްސާއެކެވެ. އެ ޖަލްސާގައި ރިއާސީ އިންތިހާބުގެ ނަތީޖާ ތަސްދީގު ނުކުރުމަށް ގޮވާލައި، ޓްރަމްޕުގެ ސަޕޯޓަރުންތަކެއް އެދުވަހު، ގާނޫނު ހަދާ މަޖިލީހުގެ ދޮރުމައްޗަށް އެއްވެ މުޒާހަރާ ކުރި އެވެ. އަދި އެ ތަނުގެ ސަލާމަތީ ކަންތައް ބަލަހައްޓަން ތިބި ފުލުހުންގެ ސަފުތައް ފަޅައިލުމަށް ފަހު، މުޒާހަރާގެ ބައިވެރިން. ގާނޫނު ހަދާ މަޖިލީހުގެ އިމާރާތް، ކެޕިޓޯލް އަށް ވަދެގަނެ އެތަނުގެ ތެރޭގައި ތިބި ބައެއް މީހުންނަށް ހަމަލާ ދީ ތަކެއްޗަށް ވެސް ގެއްލުން ދިނެވެ.

އެ މައްސަލަ ބެލުމަށް ގާނޫނު ހަދާ މަޖިލީހުގައި އެކުލަވާލާފައިވާ ކޮމިޓީގައި ހެކިބަސް ދެއްވަމުން، ޓްރަމްޕުގެ ވެރިކަމުގެ ދުވަސްވަރު ވައިޓް ހައުސްގެ ޗީފް އޮފް ސްޓާފްގެ އިސް އެހީތެރިޔާގެ މަގާމުގައި ހުންނެވި ކާސިޑީ ހަޗިންސަން ވިދާޅުވީ، އެ މުޒާހަރާގައި ބައިވެރިވުމަށް ވަޑައިގަތުމަށްޓަކައި، ހަށިފާރަވެރިންނާ ވެސް ޓްރަމްޕު ޒުވާބުކުރެއްވި ކަމަށެވެ. އެ ގޮތުން ކެޕިޓޯލްއާ މާ ދުރު ނޫން ހިސާބެއްގައި ބޭއްވި އެއްވުމުގައި ވާހަކަ ދެއްކެވުމަށް ފަހު، މުޒާހަރާގެ ބައިވެރިން ކެޕިޓޯލް އަށް ދާން ފެށުމުން، ޓްރަމްޕުގެ ވެސް ބޭނުންފުޅުވީ އެ ސަރަހައްދަށް ވަޑައިގަތުމަށެވެ.

ނަމަވެސް ހަށިފާރަވެރިން އެކަމަށް އިންކާރު ކުރެއްވުމުން، ހަށިފާރަވެރިން ކޮއްޕައިލެއްވުމަށް ފަހު ކުރިއަށް ވަޑައިގަތުމަށް ޓްރަމްޕު މަސައްކަތް ކުރެއްވި އެވެ. އެއަށް ފަހު ކާރަށް އަރާވަޑައިގަތުމުން ކާރުގެ މިސްރާބު ހުރީ ވައިޓް ހައުސްއާ ދިމާލަށް އެނގިވަޑައިގަތުމާއެކު، ފަހަތު ސީޓުގައި އިންނަވާފައި ކުރީ ސީޓާ ދިމާލަށް ވަޑައިގެން، ކާރުގެ ޑްރައިވަރުގެ އަތުން ކާރުގެ ހުންގާނު އަތުލައްވަން ޓްރަމްޕު މަސައްކަތް ކުރެއްވި އެވެ.

"އަހަންނަކީ (އުނިކޮށްފައި) މި ގައުމުގެ ރައީސް. ހަމަ މިހާރު އަހަރެން ކެޕިޓޯލް އަށް ގެންގޮސްދީ،" ބީސްޓްގެ ނަން ދީފައިވާ ކާރުގައި އިންނަވައި، ހަށިފާރަވެރިންގެ އިސް ފާރަވެރިޔާ އަށް، ޓްރަމްޕު އަމުރުކުރެއްވި ކަމަށް ކާސިޑީ ހަޗިންސަން ހެކިބަސް ދެއްވި އެވެ.

އެ ވަގުތު އިސް ހަށިފާރަވެރިޔާ ރޮބަޓް އެންޖަލް، ކާރުގެ ހުންގާނުން ޓްރަމްޕުގެ އަތް ނައްޓައިލުމަށްފަހު، ކާރުގެ ފަހަތު ސީޓުގައި އިށީނދެވަޑައިގަތުމަށާއި، ކާރު ދަތުރުކުރާނީ ކެޕިޓޯލް އަށް ނޫންކަމަށް ޓްރަމްޕަށް ދެންނެވި އެވެ. އެހެން ދެންނެވުމާއެކު، ރޮބަޓްގެ ގައިގައި އަޅައި، ޓްރަމްޕު ކޮއްޕަވައިލެއްވި ކަމަށްވެ އެވެ.

ކާސިޑީ ހަޗިންސަން ވިދާޅުވި ގޮތުގައި އެ ދުވަހުގެ މުޒަހަރާ އަށް ފަހު ކެޕިޓޯލްގައި ކޮންމެވެސް ވަރެއްގެ ހަމަނުޖެހުންތަކެއް ހިނގާނެ ކަން ޓްރަމްޕަށާއި އޭނާގެ އަރިސް ބޭފުޅުންނަށް އެނގިވަޑައިގަނެ އެވެ. އެހެން ނަމަވެސް އެއީ ސަރުކާރުގެ ރޭވުމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.