Roadha Mihaaru
15 ރަށެއްގައި ކުނި މެނޭޖުކުރާ މަރުކަޒުތަކެއް އަޅަނީ

15 ރަށެއްގައި ކުނި މެނޭޖުކުރާ މަރުކަޒުތަކެއް އަޅަން ބަޔަކު ހޯދަނީ

28 ޖޫން 2022

ރައްކާތެރި ގޮތުގައި ކުނި ނައްތައިލުމަށް ރާއްޖޭގައި މިހާތަނަށް ހިންގާ އެންމެ ބިޔަ މަޝްރޫއު، ގްރޭޓާ މާލެ އެންވަޔަރުމެންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓުގެ ދަށުން 15 ރަށެއްގައި ހަދަން ނިންމާފައިވާ ކުނި މެނޭޖުކުރާ މަރުކަޒުތައް އަޅައިދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރައްކާތެރި ގޮތުގައި ކުނި ނައްތައިލުމަށް ރާއްޖޭގައި މިހާތަނަށް ހިންގާ އެންމެ ބިޔަ މަޝްރޫއު، ގްރޭޓާ މާލެ އެންވަޔަރުމެންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓުގެ ދަށުން 15 ރަށެއްގައި ހަދަން ނިންމާފައިވާ ކުނި މެނޭޖުކުރާ މަރުކަޒުތައް އަޅައިދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން މިދިޔަ އާދިއްތަ ދުވަހު ކުރި އިއުލާނެއްގައި ބުނީ، ދިވެހި ސަރުކާރާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގުޅިގެން ކުރިއަށް ގެންދާ އެ މަޝްރޫއުގެ ދަށުން 15 ރަށެއްގައި ކުނި މެނޭޖުކުރާ ސެންޓަރު އެޅުމަށް ޝައުގުވެރިވާ ފަރާތްތަތަކަށް މިހާރު ބީލަން ހުށަހަޅަން، އެ ފުރުސަތު ހުޅުވައިލާފައިވާ ކަމަށެވެ.

ބީލަން ހުށަހެޅުމަށް ހަމަޖެހިފައި ވަނީ އަށް ލޮޓަކަށް ބަހާލައިގެން ކަމަށް މިނިސްޓްރީން ބުންޏެވެ. އެ 15 ރަށް، 8 ލޮޓަށް ބަހާލާފައިވާ ގޮތާއި އެ އިން ކޮންމެ ލޮޓަކަށް ބިޑް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަން ޖެހޭ އަދަދު ވެސް އާންމުކޮށްފައިވެ އެވެ.

ބިޑް ސެކިއުރިޓީގެ އަދަދުތައް

• ލޮޓް 1: ކ. ތުލުސްދޫ، ކ. ހުރާ، ކ. ހިންމަފުށި / 100،000ރ.

• ލޮޓް 2: ކ. މާފުށި، ކ. ގުރައިދޫ / 50،000ރ.

• ލޮޓް 3: ވ. ތިނަދޫ، ވ. ފެލިދޫ / 40،000ރ.

• ލޮޓް 4: ވ. ކެޔޮދޫ، ވ. ރަކީދޫ / 40،000ރ.

• ލޮޓް 5: އދ. މަހިބަދޫ، އދ. ހަންޏާމީދޫ / 60،000ރ.

• ލޮޓް 6: އއ. ހިމަންދޫ، އއ. ފެރިދޫ / 55،000ރ.

• ލޮޓް 7: އއ. ތޮއްޑު / 30،000ރ.

• ލޮޓް 8: ކ. ކާށިދޫ / 30،000ރ.

ރޭޓާ މާލެ އެންވަޔަރަމެންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓުގެ މަސައްކަތް ކުރިއަށް ދާ ގޮތް -- މިހާރު ގްރެފިކްސް

ރޭޓާ މާލެ އެންވަޔަރަމެންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓުގެ މަސައްކަތް ކުރިއަށް ދާ ގޮތް -- މިހާރު ގްރެފިކްސް

އެ މަސައްކަތަށް ޝަރުތު ހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިއަށް ގެންދާނީ ނެޝަނަލް ކޮމްޕެޓިޓިވް ބިޑިން (އެންސީބީ) އުސޫލުގެ މަތިން ކަމަށާއި ބީލަމުގައި ރަޖިސްޓަރީ ކުރުމަށް 500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭނެ ކަމަށް ފިނޭންސް މިނިސްޓްރީގެ އިއުލާނުގައި ވެ އެވެ.

ގްރޭޓާ މާލެ އެންވަޔަރުމެންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓަކީ ކުރިމަގުގައި ކ. ތިލަފުށީގެ ކުނި ފަރުބަދަ ފެހިކޮށް، ޒަމާނީ ރީތި ރަށެއްގެ ގޮތުގައި އެ ރަށް ތަރައްގީ ކުރުމަށް ސަރުކާރުން ހިންގާ މަޝްރޫއެކެވެ.

އެ މަޝްރޫއުގެ ދަށުން މީހުން ދިރިއުޅޭ 32 ރަށެއްގައި ކުނި މެނޭޖުކުރާ ސެންޓަރުތައް އަޅަން ނިންމާފައިވެ އެވެ. މިހާރު އިއުލާންކުރީ އޭގެ ތެރެއިން 15 ރަށެއްގައި މަރުކަޒުތައް އެޅުމަށެވެ. އެ މަރުކަޒުތައް ހެދުމުން، އަތޮޅުތަކުން އެ ތަންތަނަށް ކުނި ޖަމާކޮށް، ރައްކާތެރިކަމާ އެކު ކުނި ނައްތައިލުމަށް ތިލަފުއްޓަށް ގެންދާނެ އެވެ.

މީގެ ހަތަރު އަހަރު ކުރިން، 2018 ގައި ފެށި 210 މިލިއަން ޑޮލަރުގެ އެ މަޝްރޫއު ހިންގަނީ ދިވެހި ސަރުކާރާއި އޭޑީބީ އާއި ޖަޕާން ފަންޑް ފޯ ޕަވަޓީ ރިޑަކްޝަން (ޖޭއެފްޕީއާރު) އާއި ޓެކްނިކަލް އެސިސްޓަން ސްޕެޝަލް ފަންޑް (ޓީއޭއެސްއެފް) ގުޅިގެންނެވެ.