Roadha Mihaaru
ސައޫދީ އާއި ގަލްފްގެ އެކި ގައުމުތަކުގައި ޔޯގާ ދުވަސް

ސައޫދީ އާއި ގަލްފްގެ އެކި ގައުމުތަކުގައި ވެސް ޔޯގާ ދުވަސް ފާހަގަކޮށްފި

22 ޖޫން 2022

ސައޫދީ އަރަބިއްޔާ އާއި ގަލްފުގެ އެކި ގައުމުތަކުގައި ވެސް އިއްޔެ އިންޑިއާގެ ޑިޕްލޮމެޓިކް މިޝަންތަކުގެ އެހީއާ އެކު ޔޯގާ ދުވަސް ފާހަގަކޮށްފި އެވެ.

ސައޫދީ އަރަބިއްޔާ އާއި ގަލްފުގެ އެކި ގައުމުތަކުގައި ވެސް އިއްޔެ އިންޑިއާގެ ޑިޕްލޮމެޓިކް މިޝަންތަކުގެ އެހީއާ އެކު ޔޯގާ ދުވަސް ފާހަގަކޮށްފި އެވެ.

މިދިޔަ ދެ އަހަރު ކޮވިޑް-19 އާ ހެދި ޔޯޔާ ދުވަހުގެ ހަރަކާތްތައް މަޑުޖެހިފައި އޮތުމަށް ފަހު މި އަހަރު ފާހަގަކުރީ ކުރިއަށްވުރެ ފުޅާކޮށެވެ. ގަލްފުގެ ގައުމުތަކުގައި ވެސް ވަނީ މީގެ ކުރިން ދުވަހަކު ވެސް މި ދުވަސް ފާހަގަ ނުކުރާހާ ބޮޑަށް މި ދުވަސް ފާހަގަކޮށް ގިނަ އަދަދެއްގެ މީހުން ޔޯގާގައި ބައިވެރިވެފަ އެވެ.

ޔޯގާ ދުވަސް މިފަހަރު އިންޑިއާގެ 75 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތަކާ ވެސް ދިމާވާތީ، މި ދުވަސް ފާހަގަކުރުމުގައި ކޮންމެ ގައުމެއްގައި ވެސް އެ ގައުމެއްގެ މަޝްހޫރު އަދި ހާއްސަ ތަންތަނުގައި ޔޯގާ އިވެންޓް ބާއްވާފައިވެ އެވެ.

ސައޫދީ އަރަބިއްޔާގައި ވެސް، އެ ގައުމުގައި އުޅޭ އިންޑިއާ މީހުންގެ އިތުރުން އެކި ގައުމުތަކުގެ އާންމުންނާއި އެކި ގައުމުތަކުގެ ޑިޕްލޮމެޓުން ބައިވެރިވެފައިވެ އެވެ. ސައޫދީގައި މި އިވެންޓް ބޭއްވީ އެ ގައުމުގައި ހުންނަ އިންޑިއާ އެމްބަސީގެ ގޯތިތެރޭގަ އެވެ. ސައޫދީގައި ހުންނަވާ އިންޑިއާގެ ޗާޖް ޑިއެފެއާޒް އެން ރާމް ޕްރަސާދް ވިދާޅުވީ ޔޯގާ އަކީ އިންޑިއާ އާއި ސައޫދީ އަރަބިއްޔާއާ ދެމެދު ސިއްހީ ދާއިރާއިން ގުޅުން ބަދަހިވުމުގެ ސަބަބަކަށް ވެފައިވާ ކަމަށެވެ.

ދުބާއީގައި އެ ގައުމުގެ ވޯލްޑް ޓްރޭޑް ސެންޓަރުގައި އެތައް ސަތޭކަ އަންހެނުންނާއި އަންހެން ކުދިން ބައިވެރިވި ޔޯގާ ހަރަކާތް ފައްޓަވައިދެއްވީ އެ ގައުމުގައި ހުންނަވާ އިންޑިއާގެ ސަފީރު ސަންޖޭ ސުދީރެވެ.

އަބޫ ދާބީގެ ކްރިކެޓް ސްޓޭޑިއަމްގައި ބޭއްވި ޔޯގާ އިވެންޓްގައި މިނިސްޓަ އޮފް ޓޮލަރެންސް އެންޑް ކޯއެކްސިސްޓެންސް ޝައިޚް ނަހްޔާން ބިން މުބާރަކް އަލް ނަހްޔާން ވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ. މި އިވެންޓްގައި ނަހްޔާން ވިދާޅުވީ މިއީ އެކި ދީންތަކާއި ސަގާފަތުގެ މީހުން އެކުގައި އުޅުމަށް ބާރުއަޅާ ހަރަކާތެއް ކަމަށެވެ.