Roadha Mihaaru
ތައިވާނުގެ ބޯޓުތައް ޗައިނާގެ ބޯޓުތަކަށް ހުރަސްއަޅައިފި

ތައިވާނުގެ ބޯޓުތައް ޗައިނާގެ ބޯޓުތަކަށް ހުރަސްއަޅައިފި

22 ޖޫން 2022

ތައިވާންގެ ވައިގެ ދިފާއީ ސަރަހައްދުގެ ތެރެއަށް އިއްޔެ ވަދެގެން އުޅުނު ޗައިނާގެ ވައިގެ ސިފައިންގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކަށް، ތައިވާންގެ ވައިގެ ސިފައިންގެ މަތިންދާބޯޓުތަކުން އިއްޔެ ހުރަސް އަޅައިފި އެވެ.

ތައިވާންގެ ވައިގެ ދިފާއީ ސަރަހައްދުގެ ތެރެއަށް އިއްޔެ ވަދެގެން އުޅުނު ޗައިނާގެ ވައިގެ ސިފައިންގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކަށް، ތައިވާންގެ ވައިގެ ސިފައިންގެ މަތިންދާބޯޓުތަކުން އިއްޔެ ހުރަސް އަޅައިފި އެވެ.

ތައިވާނުން ބުނި ގޮތުގައި އެ ގައުމުގެ ވައިގެ ދިފާއީ ސަރަހައްދުގެ ތެރެއަށް ޗައިނާގެ އަސްކަރިއްޔާގެ 29 ބޯޓެއް އިއްޔެ ވަދެ އުޅުނެވެ. އެ ބޯޓުތައް ދަތުރުކުރީ ތައިވާންގެ ދެކުނު ސަރަހައްދުން ޕެސިފިކް ކަނޑާ ދިމާލަށެވެ. އޭގެ ތެރޭގައި ބޮން އަޅާ ބޯޓުތައް ވެސް ހިމެނެ އެވެ.

އޭގެ އިތުރުން، ވައިގެ ތެރޭގައި ބޯޓުތަކަށް ތެޔޮ އަޅައިދޭ ތެޔޮބޯޓުތަކާއި ސަބްމެރިންއަށް ހަމަލާދޭ ބޯޓުތަކާއި ދުރާލައި އިންޒާރުދޭ ބޯޓުތަކާއި 17 ފައިޓާ ޖެޓް ހިމެނެ އެވެ. އެ ބޯޓުތައް ތައިވާންގެ ވައިގެ ދިފާއީ ސަރަހައްދަށް ވަނުމާއެކު، ތައިވާންގެ ވައިގެ ސިފައިންގެ މަތިންދާބޯޓުތައް، ޗައިނާގެ މަތިންދާބޯޓުތަކާ ކައިރިއަށް ގޮސް، އެ ބޯޓުތަކުގެ ކައިރިން ދަތުރުކުރި އެވެ. އަދި ތައިވާންގެ މިސައިލް ނިޒާމުތައް ތައްޔާރީ ހާލަތަށް ގެނައެވެ.

އަމިއްލަ ވެރިކަމެއް ކުރަމުން އަންނަ ތައިވާނުން ބުނާ ގޮތުގައި އެއީ މިނިވަން ގައުމެކެވެ. ނަމަވެސް ޗައިނާ އިން ދެކޭ ގޮތުގައި ތައިވާނަކީ ޗައިނާގެ ބައެކެވެ. ތައިވާންގައި އޮންނަނީ ހުޅަނގުގެ ހަތިޔާރު ބޭނުންކުރާ އަސްކަރިއްޔާއެކެވެ. ޗައިނާގައި އުފައްދާ އެއްވެސް ހަތިޔާރެއް އަދި ޗައިނާ ފައިސާއެއް ވެސް ތައިވާންގައި ބޭނުމެއް ނުކުރެ އެވެ.

މިދިޔަ މެއި މަހުގެ ތެރޭގައި ވެސް ޗައިނާގެ މަތިންދާބޯޓުތަކެއް ތައިވާންގެ ވައިގެ ސަރަހައްދަށް ވަދެ އުޅުމުން ތައިވާނުން ވަނީ އެކަމާ ނުރުހުން ފާޅުކޮށްފަ އެވެ. މެއި މަހުގެ 30 ވަނަ ދުވަހު ޗައިނާގެ 30 މަތިންދާބޯޓު ތައިވާންގެ ވައިގެ ސަރަހައްދަށް ވަދެ އުޅުނެވެ. އަދި މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ޗައިނާގެ 39 މަތިންދާބޯޓު ތައިވާންގެ ވައިގެ ދިފާއީ ސަރަހައްދަށް ވަދެފައިވެ އެވެ.

ތައިވާނާއި ޗައިނާއާ ދެމެދު ކޯޅުންތައް އިތުރުވެފައިވާ އިރު، އެމެރިކާ އިން ދާދި ފަހުން ބުނެފައިވަނީ، ޗައިނާ އިން ބާރުގެ ބޭނުންކޮށް ތައިވާންގެ މިނިވަންކަމަށް ހުރަސް އަޅައިފި ނަމަ، ތައިވާންގެ ދިފާއުގައި އެމެރިކާ އިން ބާރުގެ ބޭނުންކުރާނެ ކަމަށެވެ.

އެކަމަށް ރައްދު ދީ ޗައިނާ އިން ބުނެފައިވަނީ، ތައިވާނުން މިނިވަންކަން އިއުލާންކޮށްފި ނަމަ، ބާރުގެ ބޭނުންކޮށްގެން ޗައިނާގެ ފުރިހަމަ ބާރުގެ ދަށަށް ތައިވާން ގެންދާނެ ކަމަށެވެ.