Roadha Mihaaru
ޗައިނާގެ ފައިޓަރު ބޯޓުތައް ތައިވާންގެ ސަރަހައްދަށް

ޗައިނާގެ ފައިޓަރު ބޯޓުތައް ތައިވާންގެ ސަރަހައްދަށް

31 މެއި 2022

ޗައިނާގެ ގިނަ އަދަދެއްގެ ހަނގުރާމަތީ މަތިންދާބޯޓުތަކެއް، ތައިވާންގެ ވައިގެ ދިފާއީ ސަރަހައްދުގެ ތެރެއަށް އަނެއްކާވެސް ވަދެ ތައިވާން ރުޅިއަރުވާލައިފި އެވެ.

ޗައިނާގެ ގިނަ އަދަދެއްގެ ހަނގުރާމަތީ މަތިންދާބޯޓުތަކެއް، ތައިވާންގެ ވައިގެ ދިފާއީ ސަރަހައްދުގެ ތެރެއަށް އަނެއްކާވެސް ވަދެ ތައިވާން ރުޅިއަރުވާލައިފި އެވެ.

ތައިވާނުން ބުނި ގޮތުގައި ޗައިނާގެ ތެރެއިން އައި އަސްކަރީ 30 މަތިންދާބޯޓު އިއްޔެ ތައިވާންގެ ވައިގެ ދިފާއީ ސަރަހައްދުގެ ތެރެއަށް ވަނެވެ. އޭގެ ތެރޭގައި ހިމެނެނީ ހަނގުރާމަމަތީ 22 މަތިންދާބޯޓާއި، އެ ބޯޓުތަކަށް އިލެކްޓްރޯނިކް ފަންނީ އެހީތެރިކަން ފޯރުކޮށްދޭ ބޯޓުތަކާއި ދުރާލައި އިންޒާރުދޭ ބޯޓުތަކާއި ސަބްމެރިންތަކާ ދެކޮޅަށް ހަމަލާ ދޭން ބޭނުންކުރާ މަތިންދާބޯޓެވެ.

މިއީ މި އަހަރުގެ ޖެނުއަރީ މަހުގެ ފަހުން، ޗައިނާގެ މިހާ ގިނަ އަދަދެއްގެ އަސްކަރީ މަތިންދާބޯޓުތަކެއް ތައިވާންގެ ސަރަހައްދަށް ވަން ފުރަތަމަ ފަހަރެވެ. ޗައިނާގެ އަސްކަރީ މަތިންދާބޯޓުތަކެއް ތައިވާންގެ ސަރަހައްދަށް މިވަނީ، ތައިވާނާ ދެކޮޅަށް އުދުވާނީ އެއްވެސް އަމަލެއް ނުހިންގުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން، ޗައިނާ އަށް އިންޒާރުކުރެއްވިތާ ދެތިން ދުވަސް ފަހުންނެވެ.

މިދިޔަ ހަފުތާގެ ފަހުކޮޅު ޖަޕާނާއި ދެކުނު ކޮރެއާ އަށް ކުރެއްވި ދަތުރު ނިންމަވައިލައްވަމުން ބައިޑެން ވިދާޅުވީ ޗައިނާ އިން ތައިވާނަށް ހަމަލާއެއް ދީފި ނަމަ، އެމެރިކާ އިން އަސްކަރީ ގޮތުން އެ ކަމަށް ރައްދު ދޭނެ ކަމަށެވެ.

ތައިވާންގެ ސަރަހައްދަށް އަސްކަރީ މަތިންދާބޯޓުތައް ވަންނަ ކޮންމެ ފަހަރަކު ޗައިނާ އިން ބުނެފައިވަނީ، އެއީ އަސްކަރީ ފަރިތަކުރުންތަކެއް ކަމަށެވެ. ޗައިނާ އިން ދެކޭ ގޮތުގައި ތައިވާނަކީ ޗައިނާ އިން ވަކިވެގަތުމަށް މަސައްކަތް ކުރާ އެ ގައުމުގެ އެއް ބައެވެ.

ޗައިނާގެ އަސްކަރީ މަތިންދާބޯޓުތައް އިއްޔެ ވަދެފައިވަނީ ތައިވާންގެ ވައިގެ ސަރަހައްދުގެ ބޭރުން ތައިވާނުން ކަނޑައަޅާފައި އޮންނަ، ވައިގެ ދިފާއީ ސަރަހައްދުގެ ތެރެއަށެވެ. ޗައިނާގެ ބޯޓުތައް ދަތުރުކުރީ އެ ސަރަހައްދުގެ ތެރޭގައި އޮންނަ ޕްރާޓާސް އަތޮޅުގެ މަތިންނެވެ.

މީގެ 72 އަހަރު ކުރިން، 1949 ވަނަ އަހަރު ނިމުނު ޗައިނާގެ ދާހިލީ ހަނގުރާމައިގައި، ރިޕަބްލިކް އޮފް ޗައިނާގެ ސަރުކާރު ސިފައިންގެ މައްޗަށް ކުރި ހޯދީ، ޗައިނާގެ ކޮމިޔުނިސްޓް ޕާޓީގެ ހަނގުރާމަވެރިންނެވެ. އެ ނާކާމިޔާބީއާ ގުޅިގެން، ރިޕަބްލިކް އޮފް ޗައިނާގެ މުޅި ސަރުކާރާއި ސަރުކާރަށް ތާއީދުކުރާ އެތައް މިލިއަން ބަޔަކު، ޗައިނާގެ މައި ބިން ދޫކޮށް ރެފިއުޖީންގެ ގޮތުގައި ތައިވާން ޖަޒީރާ އަށް ހިޖްރަކޮށް، ތައިވާންގައި ރިޕަބްލިކް އޮފް ޗައިނާގެ ނަމުގައި އާ ސަރުކާރެއް ގާއިމުކުރި އެވެ.

އެއާ އެކު ޗައިނާގެ މައި ބިމުގައި، ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާގެ ނަމުގައި، ކޮމިޔުނިސްޓް ޕާޓީގެ ފަރާތުން މުސްތަގިއްލު ދައުލަތެއް ގާއިމުކޮށް ވެރިކަން ކުރަން ފެށި އެވެ. ނަމަވެސް އދ.ގެ މެމްބަރު ގައުމެއްގެ ގޮތުގައި އޮތީ ރިޕަބްލިކް އޮފް ޗައިނާ (ތައިވާން) އެވެ. އަދި އެއީ ވީޓޯ ކުރުމުގެ ބާރާއެކު ސަލާމަތީ މަޖިލީހުގެ ދާއިމީ މެމްބަރެއްގެ ގޮތުގައި އޮތް ގައުމެކެވެ.

ޗައިނާ އަށް މިއައި ބޮޑު ބަދަލާ ގުޅިގެން، 1971 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 25 ވަނަ ދުވަހު، އދ.ގެ އާންމު މަޖިލީހުގައި ނެގި ވޯޓެއްގައި، ރިޕަބްލިކް އޮފް ޗައިނާ (ތައިވާން)، އދ. އިން ވަކިކުރި އެވެ. އޭގެ ބަދަލުގައި ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ (މިހާރުގެ ޗައިނާ) އަށް، އދ.ގެ މެމްބަރުކަން ދިނެވެ.

ރެފިއުޖީންގެ ގޮތުގައި ތައިވާނަށް ހިޖްރަކުރި ކަމުގައި ވިޔަސް، އެމެރިކާ އިން އޭރުވެސް ތާއީދުކުރީ ތައިވާނުގައި އޮތް ރިޕަބްލިކް އޮފް ޗައިނާ އަށެވެ. އަދި 1970ގެ އަހަރުތަކުގައި ޗައިނާގެ މުޅި ބިން އެމީހުންގެ ބާރުގެ ދަށަށް ގެންނާނެ ކަމަށް، ތައިވާނުން އޭރުން ދިޔައީ ބުނަމުންނެވެ.