Roadha Mihaaru
ފްލެޓް ހޯދަން ދޫކޮށްލާ ބިންތައް ވިއްކަން ނިންމައިފި

ވެށިފަހި ފްލެޓް ހޯދަން ދައުލަތަށް ދޫކޮށްލާ ބިންތައް ވިއްކަން ނިންމައިފި

29 ޑިސެމްބަރ 2016

ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ފްލެޓް ލިބުނު މީހުން ދައުލަތަށް ދޫކޮށްލާ ބިންތައް ސަރުކާރުން ވިއްކަން ނިންމައި، އެކަމުގެ އުސޫލު އާންމުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ފްލެޓް ލިބުނު މީހުން ދައުލަތަށް ދޫކޮށްލާ ބިންތައް ސަރުކާރުން ވިއްކަން ނިންމައި، އެކަމުގެ އުސޫލު އާންމުކޮށްފި އެވެ.

ވެށިފަހި މާލޭ ޕްރޮގްރާމްގެ ދަށުން ފްލެޓް ދެނީ އެ މީހަކަށް މާލެއިން ލިބިފައިވާ ބިން ދައުލަތަށް ދޫކޮށްލަން އެއްބަސްވުމުންނެވެ. އެ ޕްރޮގްރާމްގެ ދަށުން ފްލެޓް ލިބުނު ބައެއް މީހުން އަދިވެސް ދައުލަތަށް ބިން ދީފަައިނުވާތީ އެކަން ކުރަން ތިން މަސް ދުވަސް ސަރުކާރުން ވަނީ ދީފަ އެވެ.

ހައުސިން މިނިސްޓްރީން ބުނިގޮތުގައި، ވިއްކުމަށް ހަމަޖެހިފައި ވަނީ ޕާކިން އާއި ގްރީން އޭރިއާ ފަދަ އިޖުތިމާއީ ފައިދާއެއް، އެ ސަރަހައްދަކަށް ލިބޭނެ ފަދަ ބިންތައް ފިޔަވައި އެހެން ބިންތަކެވެ.

މިއަދު ގެޒެޓްކޮށް، އަމަލުކުރަން ފަށާފައިވާ އުސޫލު ބުނާގޮތުން ދައުލަތަށް ލިބޭ ބިންތައް ވިއްކާލަނީ ކުދި ގޯތިތަކުގެ ދިރިއުޅޭ މީހުންނަށް ލުޔެއް ހޯދައި ދިނުމަށެވެ. އެ އުސޫލުގެ ދަށުން ބިން ވިއްކުމުގައި އެންމެ އިސްކަން ދެނީ ވިއްކަން ނިންމާ ބިމާ އިންވެގެން އޮންނަ ބިންތަކުގެ މިލްކުވެރިންނަށެވެ. އެ ނޫން ފަރާތަކަށް އެއިން ބިމެއް ވިއްކާނީ އެފަދަ ފަރާތެެއް ބިން ގަތުމަށް ކުރިމަތިލާފައި ނެތް ނަމަ ކަމަށް އެ އުސޫލުގައިވެ އެވެ.

އެ އުސޫލު ބުނާގޮތުން ވިއްކަން ނިންމާ ބިމާ އިންވެގެން އޮންނަ އެއްވެސް ބިމެއްގެ މިލްކުވެރިއަކު އެ ބިން ގަތުމަށް ބޭނުންނުވާ ނަމަ އެ ނޫން ފަރާތަކަށް އެ ބިން ވިއްކާނީ ބީލަމުގެ އުސޫލުން އެންމެ ބޮޑު އަގަކަށެވެ.

ބިމުގެ އަގު ދައްކައި، ޝަރުއީ މަރުހަލާ ނިންމައި، އެކަން ހައުސިން މިނިސްޓްރީއަށް ހުށަހެޅުމުން އެ ފަރާތެއްގެ ނަމަށް އެ ބިން ބަދަލުކޮށްދޭނެ ކަމަށް އުސޫލުގައިވެ އެވެ. އަދި އޭގައި ބުނާ ގޮތުން، ބިން ގަތީ އެ ބިމާ އިންވެގެން އޮންނަ ބިމެއްގެ މިލްކުވެރިއަކު ކަމަށްވާ ނަމަ ދެ ބިން އެއްކޮށްލައިގެން ވެސް ރަޖިސްޓްރީ ހެދިދާނެ އެވެ.