Roadha Mihaaru
ލޯނުދައްކަން އުފެއްދި ބެކަޕް ޕްލޭން ބޭކާރުވީތަ؟

ލޯނުދައްކަން އުފެއްދި ބެކަޕް ޕްލޭން ބޭކާރުވީތަ؟

23 ޖޫން 2022

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި، 2017 ގައި ސޮވެރިން ޑިވެލޮޕްމެންޓް ފަންޑް (އެސްޑީއެފް) އުފެއްދީ ވަރަށް މުހިންމު ބޭނުމެއްގަ އެވެ. އޭރު އެތައް ބައިވަރު ލޯނެއް ނަގައިގެން ތަރައްގީގެ ބިޔަ މަޝްރޫއުތައް ހިންގާތީ، އެ ލޯނުތައް ދައްކާނީ ކިހިނެއްތޯ އުފެއްދި ސުވާލަށް ޔާމީން ދެއްވި ޖަވާބަކީ ސޮވެރިން ފަންޑެވެ. ސަރުކާރުން އޭރު ބުނަމުން ދިޔައީ، ލޯނުތައް ދައްކަން ވާއިރަށް އެ ފަންޑުގައި ފައިސާ ހުންނާނެ ކަމަށެވެ. އަދި އެ ފަންޑަށް ފައިސާ ލިބޭނެ މަގެއް ހަމަޖައްސައި، އެ ފަންޑަކީ ރާއްޖޭގެ ރިޒާވް ފަދަ އިތުރު "ބެކްއަޕް ޕްލޭން" އަކަށް ހެދުމުގެ ވިސްނުން އުފެއްދި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި، 2017 ގައި ސޮވެރިން ޑިވެލޮޕްމެންޓް ފަންޑް (އެސްޑީއެފް) އުފެއްދީ ވަރަށް މުހިންމު ބޭނުމެއްގަ އެވެ. އޭރު އެތައް ބައިވަރު ލޯނެއް ނަގައިގެން ތަރައްގީގެ ބިޔަ މަޝްރޫއުތައް ހިންގާތީ، އެ ލޯނުތައް ދައްކާނީ ކިހިނެއްތޯ އުފެއްދި ސުވާލަށް ޔާމީން ދެއްވި ޖަވާބަކީ ސޮވެރިން ފަންޑެވެ. ސަރުކާރުން އޭރު ބުނަމުން ދިޔައީ، ލޯނުތައް ދައްކަން ވާއިރަށް އެ ފަންޑުގައި ފައިސާ ހުންނާނެ ކަމަށެވެ. އަދި އެ ފަންޑަށް ފައިސާ ލިބޭނެ މަގެއް ހަމަޖައްސައި، އެ ފަންޑަކީ ރާއްޖޭގެ ރިޒާވް ފަދަ އިތުރު "ބެކްއަޕް ޕްލޭން" އަކަށް ހެދުމުގެ ވިސްނުން އުފެއްދި އެވެ.

އެކަމަކު، އެ ފަންޑަށް ފަސް އަހަރުވީ އިރު، ނަތީޖާ އަކީ ކޮބައިހެއްޔެވެ؟ އެ ފަންޑު އުފެއްދި މަގުސަދު ހާސިލް ވާނެ ހެއްޔެވެ؟ އަދި އެންމެ ސުވާލަކީ މިއެވެ؛ ލޯނުތައް ދައްކަން ފަށަން ޖެހޭއިރަށް އެ ފަންޑުގައި ފައިސާ އެބަހުރި ހެއްޔެވެ؟

މިހާރު އެމްއެމްއޭގެ ބާރުގެ ދަށުގައި އޮތް އެސްޑީއެފް މެނޭޖްކުރުމުގެ ބާރުތައް ރައީސާއި ފިނޭންސް މިނިސްޓަރަށް ލިބޭ ގޮތަށް ގާނޫނަށް އިހަކަށް ދުވަހު އިސްލާހެއް ހުށަހަޅުއްވުމުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް ކުރެއްވީ ހަަމަ މި ސުވާލުތަކެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންމެ ފަހުން ނޫސްވެރިންނާ ބައްދަލު ކުރެއްވި އިރު ވެސް މި ފަންޑާ ބެހޭ ގޮތުން ވާހަކަފުޅު ދެއްކެވި އެވެ. ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެމަނިކުފާނު ވިދާޅުވި ގޮތުގައި އެ ފަންޑުގައި ފައިސާ އެބަހުއްޓެވެ. އެކަމަކު ޑޮލަރުގެ އިތުރުން ރުފިޔާ ވެސް އެބަހުރި ކަމަށާއި އެއީ ބޭނުން އިރަކު ލިބޭނެ އެއްޗެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އެ ޖަވާބު އެގޮތަށް ދެއްވީ، އެ ފަންޑުގައި ހުރި ޑޮލަރު މާރުކުރީތޯ ނޫސްވެރިޔާ އެހުމުންނެވެ.

"އޭގައި ޑޮލަރު ވެސް އެބަހުރި އިނގޭތޯ. މުޅިން ހުރީ ރުފިޔާއެއް ނޫން. ޑޮލަރުން [ލޯނު] ދައްކާއިރު، ވާވަރަށް އޭގައި ޑޮލަރު ހުންނާނެ އިނގޭތޯ. އެއިން ބައެއް ހުރީ އިންވެސްޓް ކޮށްފައި. އެކަމަކު އިންވެސްޓް ކޮށްފައި ހުންނާނީ ބޭނުންވީމާ ނެގޭގޮތަށް. ބޭރުގައި އެބަހުރި އިންވެސްޓް ކޮށްފައި. އެހެންވީމާ، ދައްޗެއް ނެތި ލޯނެއް ދައްކަންޖެހޭ ގަޑީގައި އެ ހުންނާނެ،" ރައީސް ވިދާޅުވި އެވެ.

މީޑިއާ ބްރީފިންގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ.---ފޮޓޯ: ރައީސް އޮފީސް

މީޑިއާ ބްރީފިންގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ.---ފޮޓޯ: ރައީސް އޮފީސް

އެކަމަކު، އެސްޑީއެފްގައި ހުރި ފައިސާ މާރުކުރުމަކީ، ވަރަށް ގިނަ ބޭފުޅުން އިއްތިފާގުވާ ގޮތުގައި މައްސަލަ އެކެވެ. ފިނޭންސް މިނިސްޓްރީ އާއި އެމްއެމްއޭގެ އިސް މަގާމުތަކެއް ފުރުއްވި ބޭފުޅަކު ވިދާޅުވި ގޮތުގައި އެސްޑީއެފްގައި ހުރި ޑޮލަރު މާރު ކުރުމަކީ ވަރަށް ބޮޑު ގޯހެއް ކަމަށެވެ. އެ ފައިސާ މާރުކުރާ ހިސާބުން އެ ފަންޑުގެ މަގްސަދު ގެއްލުނީ ކަމަށް އޭނާ ވިދާޅުވި އެވެ.

"ބޭރުން ނެގި ލޯނުތައް އަދާކުރަން ރައްކާ ކުރި ފައިސާ މާރުކުރީމަ ކިހިނެއް އެ ފައިސާ ލޯނު ދައްކަން ހޯދާނީ،" އޭނާ ވިދާޅުވި އެވެ.

ކުރީގެ އިކޮނޮމިިކް މިނިސްޓަރު އަދި މާވަރު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވެސް ވިދާޅުވީ، މުހިއްމު މަގްސަދުތަކެއް ހާސިލުކުރަން އުފެއްދި މި ފަންޑުގެ ޑޮލަރުތައް މާރު ކުރުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ.

"މިއީ ވަރަށް ނުރައްކާތެރި ކަމެއް. މި ފެންނަނީ ފަންޑު އުފެއްދި މަގްސަދާ ހިލާފަށް ފަންޑުގެ ބޭނުން ކުރަމުން އަންނަތަން،" އޭނާ ވިދާޅުވި އެވެ.

ފަންޑުގެ 90 ޕަސެންޓް ހުރީ ރުފިޔާއިން

"މިހާރު" އަށް އެނގިފައިވާ ގޮތުގައި އެސްޑީއެފް ފަންޑުގައި ހުރި ޑޮލަރު މާރުކުރީ 2020 ވަނަ އަހަރު ޑޮލަރުގެ ތާށިކަން ބޮޑުވެ، އެމްއެމްއޭގެ އެދުމުގެ މަތިންނެވެ. އެ ފަންޑުގައި އޭރު ހުރި ޑޮލަރު ނެގީ ރާއްޖޭގެ ޑޮލަރުގެ ރިޒާވްގެ ހާލަތު ރަނގަޅުކޮށް، އެކްސްޗޭންޖް ރޭޓް ކޮންޓްރޯލް ކުރުމުގެ ބޭނުމުގަ އެވެ.

"އެ ފައިސާ މިހާރު ހުންނާނީ ޑޮލަރުގެ ރިޒާވްގައި. އެސްޑީއެފް ފަންޑުގެ ފައިސާ އެމްއެމްއޭގެ ރިޒާވަށް ލުމުން، ރިޒާވް އެބަ 300 މިލިއަން ޑޮލަރު ވަރު އިތުރުވޭ،" މިކަން އެނގިވަޑައިގަންނަވާ ބޭފުޅަކު ވިދާޅުވި އެވެ.

ރިޒާވަށް ޑޮލަރު ލުމަށް ފަހު އެސްޑީއެފް ފަންޑުގައި ބަހައްޓަނީ ދިވެހި ރުފިޔާ އެވެ. އޭރުން ޑޮލަރު މާރު ނުކުރެވި ހުރީ ޑޮލަރުން އިންވެސްޓް ކުރި ފައިސާ އެކަންޏެވެ.

އެމްއެމްއޭ: އެސްޑީއެފް ފަންޑުގައި ހުރި ޑޮލަރު މާރުކުރީ އެމްއެމްއޭގެ ލަފާގެ މަތިން -- މިހާރު ފޮޓޯ

އެމްއެމްއޭ: އެސްޑީއެފް ފަންޑުގައި ހުރި ޑޮލަރު މާރުކުރީ އެމްއެމްއޭގެ ލަފާގެ މަތިން -- މިހާރު ފޮޓޯ

މިކަމުގައި އެމްއެމްއޭގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ހަތަރު ބިލިއަން ރުފިޔާގެ އެ ފަންޑުގައި މިވަގުތު ޑޮލަރުން ހުރީ 32 މިލިއަން ޑޮލަރު (490 މިލިއަން ރުފިޔާ) އެވެ. މިއީ ގާތްގަނޑަކަށް ފަންޑުގެ 10 ވަރަކަށް ޕަސެންޓެވެ. އެ ފައިސާ އޭރު ދިވެހި ރުފިޔާއަށް ބަދަލު ނުކުރެވުނީ ފިކްސްޑް ޑިޕޮސިޓްގެ ގޮތުގައި ބޭންކްގައި އިންވެސްޓްކޮށްފައި ހުރުމުންނެވެ.

އެސްޑީއެފްއަށް ދައުލަތުން "ފޯސްޑް" ސޭވިންއެއް ގެ ގޮތުގައި ފައިސާ ޖަމާކުރަނީ މައިގަނޑު ތިން އާމްދަނީއަކުންނެވެ. އެއީ އެއާޕޯޓް ޑިވަލޮޕްމެންޓް ފީ އާއި ޓީޖީއެސްޓީ އާއި ގްރީން ޓެކްސް ފަދަ ޓެކްސް އިން ލިބޭ ޑޮލަރެވެ. މީގެ ތެރެއިން ފަންޑަށް ޖަމާކުރާ އަދަދު ކަނޑައެޅުމުގެ ބާރު ސަރުކާރަށް ލިބިފައިވެ އެވެ.

އެސްޑީއެފް އިންވެސްޓް ކުރަނީ ކިހިނެއް؟

މިކަމާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީގެ ރަސްމީ ތަފްސީލީ ޖަވާބެއް ނުލިބުނެވެ. އެ މިނިސްޓްރީން ބުނީ އެ ފައިސާ ބޭރުގެ މާކެޓުތަކުގައި އިންވެސްޓްކޮށްފައިވާ ކަމަށެވެ.

އެކަމަކު، ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، އެސްޑީއެފް ފައިސާ ބޮޑަށް އިންވެސްޓް ކުރަނީ ރާއްޖޭގެ ބޭންކްތަކާއި ސަރުކާރުން ވިއްކާ ޓީބިލްގަ އެވެ. ބޭންކްތަކުގައި ފިކްސްޑް ޑިޕޮސިޓްގެ ގޮތުގައި ވެސް ފައިސާ އިންވެސްޓް ކުރެ އެވެ.

ނަން ހާމަކުރަން ބޭނުން ނުވާ ބޭފުޅަކު ވިދާޅުވީ، އެސްޑީއެފް ފައިސާ 2018 ގެ ކުރިން އާންމުކޮށް އިންވެސްޓް ކޮށްފައި ވަނީ ބޭރުގެ ޓީބިލާއި ބޮންޑުގައި ކަމަށެވެ. ކުރިން އެ ފަންޑުން އިންވެސްޓް ކުރި ގިނަ ފައިސާއަކީ އެއް އަހަރު ދުވަހަށް ވުރެ ކުރު މުއްދަތެއްގެ ތެރޭގައި ފައިސާ ލިބޭނެހެން ކުރި އިންވެސްޓްމެންޓްތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ކުރިން އެހާ ދިގު މުއްދަތެއްގެ އިންވެސްޓްތަކެއް ނުކުރޭ. އޭރު މި ފައިސާ އިންވެސްޓް ކުރަނީ އެންމެ ސޭފް އިންސްޓްރޫމެންޓްތަކުގައި،" އޭނާ ވިދާޅުވި އެވެ.

މަޖިލީސް ކޮމިޓީއެއްގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު، މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ. އެސްޑީއެފް ފަންޑުގެ ބޮޑު ބައެއް މިހާރު ހުރީ ދިވެހި ރުފިޔާއިން-- ފޮޓޯ: މިހާރު

މަޖިލީސް ކޮމިޓީއެއްގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު، މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ. އެސްޑީއެފް ފަންޑުގެ ބޮޑު ބައެއް މިހާރު ހުރީ ދިވެހި ރުފިޔާއިން-- ފޮޓޯ: މިހާރު

އެހެން ނަމަވެސް މި ވަގުތު އެ ފަންޑުގައި ދެ އަހަރަށް އިންވެސްޓްކޮށްފައިވާ ފައިސާ ވެސް އެބަހުއްޓެވެ. އަދި މި ވަގުތު ރާއްޖޭން ބޭރުގެ އެއްވެސް އިންސްޓްރޫމަންޓަކަށް އިންވެސްޓްކޮށްފައި ނުވާ ކަމަށް "މިހާރު" އަށް ވަނީ އެނގިފަ އެވެ. އެސްޑީއެފްގެ ބޮޑުބައި އިންވެސްޓްކޮށްފައި ވަނީ ބޭންކްތަކުގެ ފިކްސްޑް ޑިޕޮސިޓްތަކަށެވެ. އަދި އެސްޑީއެފްގެ ގާތްގަނޑަކަށް 25 ޕަސެންޓް އިންވެސްކޮށްފައި ވަނީ ސަރުކާރުގެ ޓީބިލަށެވެ.

އެސްޑީއެފް ފައިސާ އިންވެސްޓް ކުރަނީ ފިނޭންސް އާއި އެމްއެމްއޭއިން އެކުލަވައިލާފައިވާ އިންވެސްޓްމެންޓް ކޮމިޓީން އެކުލަވާލި އިންވެސްޓްމެންޓް އުސޫލުގެ މަތިންނެވެ. މި އުސޫލުގައިި އިންވެސްޓް ކުރެވޭނެ ގޮތްތަކާއި މުއްދަތުތައް ކަނޑައަޅާފައި އޮންނާނެ އެވެ.

ޓީބިލަށް އިންވެސްޓް ކުރުމަކީ މައްސަލައެއް

މާލީ ދާއިރާގެ ތަޖުރިބާކާރަކު ވިދާޅުވީ، ސަރުކާރުގެ ފަންޑެއްގައި ފޮރުވާފައި ހުންނަ ފައިސާ ޑޮމެސްޓިކް މާކެޓުގައި ޓީބިލަށް އިންވެސްޓް ކުރުމަކީ "ބޮޑު ޖޯކެއް" ކަމަށެވެ. އޭނާ ވިދާޅުވީ، މިކަހަލަ ފަންޑުތައް އިންވެސްޓް ކުރަން ވަނީ ވަރަށް ބޮޑަށް ޑައިވާސިފައި ކުރެވިގެން، އެންމެ ރަނގަޅު އާމްދަނީ ލިބޭނެ ކަންކަމަށް ކަމަށެވެ.

"މިހާރު ދައުލަތުގެ ހަރަދުތައް ހަމަޖައްސަން މި ފައިސާ ބޭނުން މި ކުރެވެނީ. ހަމައެކަނި ތަފާތު މިވަނީ ލިޔެކިޔުމުން،"

"މިހާރު ދައުލަތުގެ ހަރަދުތައް ހަމަޖައްސަން މި ފައިސާ ބޭނުން މި ކުރެވެނީ. ހަމައެކަނި ތަފާތު މިވަނީ ލިޔެކިޔުމުން،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މިފަދަ މުހިއްމު ކަމަކަށް ހަދާފައިވާ ފަންޑުތައް އިންވެސްޓް ކުރާ ނަަމަ، އެކަން ކުރަން ޖެހޭނީ ބޮޑު ފައިދާއެެއް ލިބޭނެ، ރިސްކު ކުޑަ މާލީ އިންސްޓްރޫމަންޓްތަކަށް ކަމަށެވެ. މިހާރު މިކަން އޮތް ގޮތުން ފައިސާ އަނބުރާ ނުދެއްކޭ ހާލަތެއް އައުމުން ވެސް ޖަވާބުދާރީ ކުރެވޭނެ ގޮތެއް ވެސް ނެތް ކަން އޭނާ ފާހަގަކުރެއްވި އެވެ.

"މިސާލަކަށް ލޯނު ދައްކަން ޖެހޭއިރު ސަރުކާރަށް ފައިސާ ނުދެއްކުނީޔޯ، ދެން ހަދާނީ ކިހިނެއް؟ ސަރުކާރުން ލޯނު ދިނީ ވެސް. ލޯނު ނެގީ ވެސް. މީގައި އޮތް ރިސްކަކީ އެއީ،" އޭނާ ވިދާޅުވި އެވެ.

ސަރުކާރުގެ އިސް ބޭފުޅަކު ވިދާޅުވީ، މި ފަންޑުގައި ދެ ބިލިއަން އިންވެސްޓް ނުކޮށް ހުރުމަކީ ވެސް މައްސަލައެއް ކަމަށެވެ. އެއީ ވެސް އިންވެސްޓްކޮށް، އޭގެއިން ފައިދާ ހޯދަންވީ ފައިސާ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ. އޭނާ ވިދާޅުވީ، ސަރުކާރުގެ ކޭޝްފްލޯ ރަނގަޅަށް ހަމަޖެއްސޭ ނަމަ އެސްޑީއެފް އިން ޓީބިލަށް އިންވެސްޓް ކުރަން ނުޖެހޭނެ ކަމަށެވެ.

"އެބަ ޖެހޭ ކޭޝްފްލޯ ތާށިކަން ހަމަޖައްސަން. އެހެންވީމަ ޓީބިލަށް އިންވެސްޓް ކުރަނީ. މިގޮތަށް ޓީބިލަށް އިންވެސްޓްކޮށްފައި ވެސް އަނބުރާ ދައްކަން ޖެހޭ މުއްދަތުގައި އެބަ ފައިސާ ދައްކަން. އެހެންވީމަ މިއީ މައްސަލައެއް ކަމަކަށް ނުދެކެން،" އޭނާ ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓްރީގެ އިސް މަގާމުތަކެއް ފުރުއްވި ބޭފުޅަކު ވިދާޅުވީ، ފިއުޗާ ސޭވިން އަކަށް، މި ފަންޑު ބޮޑު ކުރަން ޒިންމާދާރު އިންވެސްޓްމެންޓްތައް ކުރުން ވަރަށް މުހިއްމު ކަމަށެވެ. އަދި ހާއްސަކޮށް ބޭރުގެ ލޯނު ދޭ ފަރާތްތަކުގެ އިތުބާރު ހޯދަން މި ފަންޑު އިންވެސްޓް ކުރަން ރަނގަޅު ގޮތްތައް ހޯދަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

،"މިފަދަ ކަންކަމަށް އިންވެސްޓް ކުރާތީ މިދިޔަ އަހަރު [ސަނީ ސައިޑް] ބޮންޑް ފައިސާ ދައްކަން ސަރުކާރުން ސުކޫކެއް ނަގަން ޖެހުނީ. އެހެން ނޫން ނަމަ އެ ބޮންޑު ދައްކާފައި އިތުރު ފައިސާ ވެސް ފަންޑުގައި ހުންނާނެ،" އޭނާ ވިދާޅުވި އެވެ.

މިދިޔަ އަހަރު ސަރުކާރުން ސަނީ ސައިޑް ބޮންޑަށް ދެއްކި 200 މިލިއަން ޑޮލަރު ދެއްކީ ސުކޫކެއް ނަގައިގެން އޭގެން ލިބުނު ފައިސާއިންނެވެ. މިގޮތަށް ކަންތައްތައް ކުރީ އެސްޑީއެފް ފަންޑު އިތުރަށް ބޮޑު ކުރުމަށް އޭގައި ހުރި ފައިސާ އިންވެސްޓް ކޮށްފައިވާތީ ކަމަށް ސަރުކާރުން އޭރު ބުންޏެވެ. އަދި އެ ފަންޑުގެ ފައިސާ ބޭނުން ކުރާނީ އެއްވެސް އިތުރު ގޮތެއް ނޯންނަ ހާލަތްތަކުގައި ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވެ އެވެ.

އެސްޑީއެފް ފަންޑު ޒިންމާދާރު ކަމާ އެކު ހިންގަން، އެ ފަންޑަށް ގާނޫނީ ބާރު ދިރުން ވަރަށް މުހިއްމެވެ. މިފަދަ ގައުމުގެ މާލީ ޒިންމާތަކާ ގުޅިފައިވާ ފަންޑެއް ހިންގަން ހަމައެކަނި އޮންނަން ވާނީ ރައީސްގެ ސިޓީއަކުން އަންގާ އެންގުމެއް ނޫނެވެ. އަދި ފަންޑު މެނޭޖު ކުރުމުގައި ޖަވާބު ދާރީ ކުރެވޭނެ ނިޒާމެއް، މަޖިލީހުގެ ތެރެއިން އެކުލަވާލުން ވަރަށް މުހިއްމެވެ. އެހެން ނޫނީ މި ފަންޑުގެ މަގްސަދު ގެއްލި އޮންނާނީ ބޮޑު އޮޅުން ބޮޅުމެއްގެ ތެރޭގަ އެވެ.

ވަކި ބޭނުމެއްގައި ސަރުކާރުން ހެދި އެސްޑީއެފް މިހާރު އޮތީ މާލީ ދާއިރާގެ ބައެއް ބޭފުޅުންގެ ނަޒަރުގައި އޭގެ އަސްލު މަގުސަދާ އެއްގޮތަކަށް ނޫނެވެ. ލޯނުތައް ބޯމަތީގައި އޮތް އިރު، އެ ދައްކަން ވާއިރަށް ސަރުކާރަށް އޭގެ ދަރަނި އަދާކުރެވިދާނެތޯ އެއީ އެ ބޭފުޅުން ވެސް ކުރައްވާ ސުވާލެކެވެ.