Roadha Mihaaru
ސްޓެލްކޯގެ ފްލެޓަށް ކުލި ދައްކަންޖެހޭނީ 6 މަސް ފަހުން

ސްޓެލްކޯގެ ފްލެޓަށް ކުލި ދައްކަން ޖެހޭނީ ހަ މަސް ފަހުން!

20 ޖޫން 2022

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފެށި ހިޔާ މަޝްރޫއުގެ ދަށުން ސްޓެލްކޯ އިން ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ ފްލެޓްތަކަށް އެ ކުންފުނީގެ މުވައްޒަފުން ކުލި ދައްކަން ޖެހޭނީ ހަ މަސް ފަހުން ކަމަށް މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު ރޭ ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ސްޓެލްކޯ އަށް 25 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ހަފުލާގައި އޭނާ ވިދާޅުވީ، އެ ކުންފުނީގެ ފްލެޓްތަކަށް އެޑްވާންސް ޕޭމެންޓްގެ ގޮތުގައި ދައްކަން ޖެހޭ 20 ޕަސެންޓް ދެއްކެނީ މަދު މުވައްޒަފުންތަކަކަށް ކަމަށާއި މިހާރު ވެސް ބައެއް މީހުންގެ މުސާރަ އިން 10 ޕަސެންޓަށް ވާ ފައިސާ ކަނޑާ ކަމަށެވެ.

ޝަރީފް ވިދާޅުވިގޮތުގައި، ފްލެޓްތަކަށް ވަދެވޭ ހިސާބުން އެ އަދަދުތަކުގެ އިތުރުން ކުލި ވެސް ދައްކަން ޖެހުމުން އޭގެ އުނދަގޫ މުވައްޒަފުންނަށް ވަރަށް ބޮޑުވާނެ އެވެ. އެހެންވެ، ކުލި ނަގަން ފަށާނީ ހަ މަސް ފަހުން ކަމަށް މެނޭޖްމަންޓުން ނިންމާފައިވާ ކަމަށް ޝަރީފް ވިދާޅުވި އެވެ.

އަންނަ މަހުގެ ފަހު ހަފުތާގައި ސްޓެލްކޯގެ ފްލެޓަށް ވަދެވޭނެ ކަމަށާއި ކުލި ނަގާނީ އަންނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސްޓެލްކޯ އަށް ދިގު މުއްދަތެއް ވަންދެން ހިދުމަތްކުރި މުވައްޒަފަކަށް، އެ ކުންފުނީގެ އެމްޑީ ޝަރީފް ރޭ އިނާމު ދެއްވަނީ.---ފޮޓޯ: ރައީސް އޮފީސް

ސްޓެލްކޯ އަށް ދިގު މުއްދަތެއް ވަންދެން ހިދުމަތްކުރި މުވައްޒަފަކަށް، އެ ކުންފުނީގެ އެމްޑީ ޝަރީފް ރޭ އިނާމު ދެއްވަނީ.---ފޮޓޯ: ރައީސް އޮފީސް

"މެޖޭމަންޓުން ސްޓާފުންނަށް ލުއި ހޯދައި ދިނުމުގެ ގޮތުން ފްލެޓުތަކަށް ވަނުމަށް ފަހު ގްރޭސް ޕީރިއަޑެއް އެބަދެން. ޖެނުއަރީ 1 އިން ފެށިގެން އަޅުގަނޑުމެން އެ ތަނުގެ ކުލި ނަގަން ފަށާނީ،" ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ، މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ވަޒީފާގެ އެއްވެސް ކުރިއެރުމެއް ނުލިބޭ 420 މުވައްޒަފުން އޭނާ މަގާމާ ހަވާލުވެވަޑައިގެންނެވިއިރު ސްޓެލްކޯގައި ތިބި ކަމަށެވެ. ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން މުވައްޒަފުންނަށަް ވަޒީފާގެ ކުރިއެރުން ދީފައިވާ ކަމަށް ވިދާޅުވި އެވެ. އަދި ޕްރޮމޯޝަން ދޭ ޕޮލިސީ މުރާޖައާ ކުރަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ވަޒީފާގެ ކުރިއެރުމަކީ ވަކި މީހަކު ބޭނުންވީމާ ދޭ އެއްޗެއް ގޮތުގައި ނުބާއްވައި ވަޒީފާ އަދާކުރާ މީހެއްގެ ހައްގެއްގެ ގޮތުގައި ޕޮލިސީ ކަނޑައަޅާފައި މުވައްޒަފުންނަށް އެކަން ދައްކައި ދޭނަން،" ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި މުވައްޒަފުންނަށް ކޮށްދޭ އެކަންކަމުގެ ބަދަލުގައި ރައްޔިތުންނަށް ރަނގަޅު ހިދުމަތެއް މުއައްޒަފުންގެ ފަރާތުން ފޯރުކޮށްދޭން ޖެހެ އެވެ.