Roadha Mihaaru
ބާ އެގްޒާމް ފަސްކޮށްދޭން އާ އެކްސްކޯ އިން އެދެފި

ބާ އެގްޒާމް ފަސްކޮށްދޭން އިންތިޚާބީ އެކްސްކޯ އިން އެދެފި

14 ޖޫން 2022

ބާ ކައުންސިލްގެ ފުރަތަމަ އިމްތިހާނަށް ޝަރުތުހަމަވާ ގިނަ ބަޔަކު ތިއްބަސް ރަޖިސްޓްރީވި މީހުން މަދުކަމުން އެކަމުގެ ސަބަބު ދެނެގަނެ ހައްލު ހޯދަން އެ އިމްތިހާނު ފަސްކޮށްދިނުމަށް ކައުންސިލްގެ އިންތިހާބީ އެކްސްކޯ އިން އެދެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ބާ ކައުންސިލްގެ ފުރަތަމަ އިމްތިހާނަށް ޝަރުތުހަމަވާ ގިނަ ބަޔަކު ތިއްބަސް ރަޖިސްޓްރީވި މީހުން މަދުކަމުން އެކަމުގެ ސަބަބު ދެނެގަނެ ހައްލު ހޯދަން އެ އިމްތިހާނު ފަސްކޮށްދިނުމަށް ކައުންސިލްގެ އިންތިހާބީ އެކްސްކޯ އިން އެދެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގައި، އިންތިހާބީ ނައިބު ރައީސް މިޒްނާ އަހުމަދު ވިދާޅުވީ އެހާ ބޮޑު ހަރަދެއް ކޮށްގެން ބާއްވާ އިމްތިހާނުގައި 1،000 އަށްވުރެ ގިނަ މީހުން ތިއްބަސް އެންމެ 200 އެއްހާ މީހުން ރަޖިސްޓްރީވީ ފީ އަގުބޮޑުވެގެން ކަމަށްވާ ނަމަ އެ އެކްސްކޯއަށް ކުރެވޭނެ ކަންތައްތައް އެބަހުރި ކަމަށެވެ.

މިޒްނާ ވިދާޅުވީ އެކި ކަންކަމާ ގުޅިގެން 50 ޕަސެންޓް މީހުން ފީ ނުދައްކާ ކަމަށެވެ.

"މިހާ މަދު އަދަދެއްގެ ބަޔަކު މި ބައިވެރިވީ ކީއްވެގެންތޯ، މިހާ ބޮޑު އަދަދެއް ދީގެން މިހާ ގިނަ ދުވަސްވަންދެން އެހާ ބައިވަރު ބޭފުޅުންތަކެއް އެގްޒާމް ނުހެދި ތިއްބެވީ ކީއްވެގެންތޯ؟ އެހާ ބޮޑު ހަރަދެެއް ކޮށްގެން ބާއްވާ ފުރަތަމަ ބާ އެގްޒާމް 20 ޕަސެންޓްގެ ބޭފުޅުން ބައިވެރިވީ ފީ އަގުބޮޑުވެގެން ކަމަށްވަންޏާ އަޅުގަނޑުމެންނަށް ކުރެވޭނެ ކަންތައްތައް އެބަހުއްޓޭ،" އަންނަ މަހުގެ 11 ގައި ބާ ކައުންސިލާ ހަވާލުވެވަޑައިގަންނަވާ އެކްސްކޯގެ ނައިބު ރައީސް ވިދާޅުވި އެވެ.

މި މަހުގެ 25 ވަނަ ދުވަހު ބާއްވާ ބާ އިމްތިހާނަށް ކަނޑައަޅާފައިވަނީ 10،000ރ. ގެ ފީ އެކެވެ. ނަމަވެސް އެ އަދަދު ބޮޑުވުމުން، ވަގުތީ ލައިސަންސްގައި މަސައްކަތްކުރަމުން އަންނަ ލޯޔަރުންނާއި އިމްތިހާނަށް ޝަރުތު ހަމަވާ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

ބާ ކައުންސިލްގެ ދެ ވަނަ އެކްސްކޯއިން ވަނީ އިމްތިހާނުގެ ކަންތައްތައް ހަމަޖެއްސުން އެ އެކްސްކޯއަށް ދިނުމަށް އެދިފަ އެވެ.

މިޒްނާ ވިދާޅުވި ގޮތުގައި ބާ އެގްޒާމް ބާއްވަން މިހާރު ވެސް މާ ލަސްވެއްޖެ އެވެ. އިމްތިހާނު މި ބާއްވަނީ ގާނޫނެއް ހަދައި އެކްސްކޯގެ ދައުރު ނިމެން ދެ ހަފުތާއެއް ވުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ސުވާލުތަކެއް އުފެދިފައި ހުއްޓައި މި ކަހަލަ ބޮޑެތި ކަންތައްތަކެއް ހުއްޓައި މި ވަގުތުން މި ވަގުތަށް ކުއްލިއަކަށް ބާ އެގްޒާމެއް ބޭއްވުން އެއީ މި ވަގުތަށް އެންމެ ރަނގަޅު ގޮތްތޯ ނޫންތޯ،" މިޒްނާ ވިދާޅުވި އެވެ.

އެ އެކްސްކޯގެ އިންތިހާބީ ރައީސް އިސްމާއިލް ވިޝާމް ވިދާޅުވީ އެންމެ ގިނަ ބަޔަކު ކަންބޮޑުވަނީ ބާ އެގްޒާމާއި އެ އިމްތިހާނުގެ ފީގެ އަދަދާ މެދު ކަމަށެވެ. އެކަމަކު، އެންމެ ބޮޑު އިސްކަމެއް ދީގެން ބަލަންވީ ބާ އިމްތިހާނުގެ މައްސަލައަށް ވިޔަސް އާ އެކްސްކޯއިން މަގާމާ ހަވާލުވަނީ އަންނަ މަހުގެ 11 ގައި ކަމަށްވާތީ، މިހާރު އެ ތަން އޮތީ ދެ ފެން ދޭތެރޭގައި ކަމަށް އޭނާ ވިދާޅުވި އެވެ.

ބާ އިމްތިހާނާ ގުޅޭ މައިގަނޑު ކަންބޮޑުވުމަކީ ސިލަބަސް ސާފުނުވުމެވެ.

ބާ ކައުންސިލަށް އަލަށް ހޮވުނު މެމްބަރުންނާ، މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މިއަދު ބައްދަލުކުރައްވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ބާ ކައުންސިލަށް އަލަށް ހޮވުނު މެމްބަރުންނާ، މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މިއަދު ބައްދަލުކުރައްވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

މިހާރު ހިނގަމުން އަންނަ އެކްސްކޯ އަދި އާ ކައުންސިލަށް ވެސް ހޮވިވަޑައިގެންނެވި، ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒު ވިދާޅުވީ ބާ އިމްތިހާނުގެ ސިލަބަހަކީ ރާއްޖޭގައި ކިޔަވައިދޭ މަރުކަޒުތަކާއި ބޭރުގެ ތަޖުރިބާކާރުންގެ އެހީގައި ހަދާފައިވާ ސިލަބަހެއް ކަމަށެވެ.

އެ ސިލަބަހުގައި، ކުރީގެ މުގައްރަރުގައި ނުހިމެނޭ ކަންކަން ނުހިމެނޭ ކަމަށް ގަބޫލުކުރެވެނީ ކަމަށް އޭނާ ވިދާޅުވި އެވެ.

އާ އެކްސްކޯގެ މެމްބަރު އިބްރާހިމް ޝަމީލް ވިދާޅުވީ ބާ އެގްޒާމްގެ ފީގެ ގޮތުގައި ނަގަނީ އާދަޔާ ހިލާފު ބޮޑު އަދަދެއް ކަމަށެވެ. އަދި ގާނޫނަށް އަމަލުކުރަން ފެށިއިރު ވެސް ކިޔަވައި ނިންމައި ހުއްދަ ނުލިބި ތިބި ވަކީލުންނަށް ހަދަންޖެހޭ ގޮތެއް ގާނޫނުގައި ނެތުމަކީ މައްސަލަތައް ބޮޑުވި ސަބަބެއް ކަމަށް ޝަމީޅް ވިދާޅުވި އެވެ.

އެހެންވެ، އެ މެމްބަރުން ވަނީ މީގެ ދެ އަހަރު ކުރިން އަމަލުކުރަން ފެށި ގާނޫނީ ފަންނުގެ ގާނޫނު އިސްލާހުކޮށްދިނުމަށް އެދިފަ އެވެ.

"މި ބޭއިންސާފަށް ހައްލެއް ލިބެން އޮތީ އަޅުގަނޑު ހިތުން ގާނޫނަށް އިސްލާހު ހުށަހަޅައިގެން....އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި މީގައި ހަމައެކަނި މައްސަލައަކަށް މި ދިމާވަނީ މިހާރު ލައިސެންސް ލިބިފައި ތިބި ކުދިންނަށް އެކަންޏެއް ނޫން. ގާނޫނަށް އަމަލުކުރަން ފެށިއިރު ކިޔަވާ ނިމިފައި ތިބި އަދި ކިޔެވުމުގެ ބޮޑު ބައެއް ފުރިހަމަކޮށްފައި ތިބި ދަރިވަރުންނަށް ވެސް އަނެއްކާ މި ގާނޫނުގެ ދަށުން ރެޖީމްގެ ތެރެއަށް ވަނުމަށްޓަކައި ބާ އެގްޒާމެއް ހަދައި ޓްރެއިނިން ޕްރޮގްރާމްއާ ރިކުއަމެންޓް ފުރިހަމަކުރުމަށްޓަކައި ދާނަމަ އެއީ އޭގެ ޒާތުގައި އަޅުގަނޑު ހިތުން ރަނގަޅު ގޮތެއް ނޫން. އެއީ އިންސާފުވެރި ގޮތަކަށް ވެސް ނުވާނެ،" ޝަމީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފަހަރަކު ވަގުތީ ހައްލެއް ހޯދައިދޭނަމަ އެންމެ ރަނގަޅަށް އެކަމެއް ނުވާނެ އެވެ. ދާއިމީ ހައްލަކަށް އޮތީ ގާނޫނު އިސްލާހުކޮށްގެން ކަމަށާއި އެހެން ނޫނީ ހަގީގީ މައްސަލައަށް ފަރުވާއެއް ނެތް ކަމަށް ވިދާޅުވި އެވެ.