Roadha Mihaaru
އިތުރަށް ފައިސާ ޗާޕުކުރާނެ ހާލަތެއް ނެތް: ރައީސް

އިތުރަށް ފައިސާ ޗާޕުކުރާނެ ހާލަތެއް ނެތް: ރައީސް

08 ޖޫން 2022

ސަރުކަރުން ކަނޑައަޅާފައިވާ މިންގަނޑަށް ވުރެ އިތުރަށް ފައިސާ ޗާޕުކުރާނެ ހާލަތެއް ކުރިމަތިވެފައި ނުވާ ކަމަށް ރައީސް އިބްރާހިމް ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ސަރުކަރުން ކަނޑައަޅާފައިވާ މިންގަނޑަށް ވުރެ އިތުރަށް ފައިސާ ޗާޕުކުރާނެ ހާލަތެއް ކުރިމަތިވެފައި ނުވާ ކަމަށް ރައީސް އިބްރާހިމް ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މަނިކުފާނު ވިދާޅުވީ، ސަރުކާރުން މިހާރު މަސައްކަތްކުރަނީ ލިބޭ އާމްދަނީން ރިކަރަންޓް ހަރަދުތައް މެނޭޖްކުރަން ކަމަށެވެ. އަދި ރިކަރަންޓް ހަރަދު ހަމަޖައްސަން ލޯނު ނަގަން ނުޖެހޭ ގޮތަށް ބަދަލު ގެންނަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

އެހެންވެ ފައިސާ ޗާޕުކުރަން ޖެހޭ ހާލަތެއް ނެތް ކަމަށް ވިދާޅުވި އެވެ. މިދިޔަ އޭޕްރީލް މަހުގެ ނިޔަލަށް ސަރުކާރުން ވަނީ ގާތްގަނޑަކަށް 2.4 ބިލިއަން ރުފިޔާ ޗާޕުކޮށްފަ އެވެ.

"2020-2021 ގައި ނަގަން ޖެހުނު. ކޮވިޑާ ގުޅިގެން އާމްދަނީ ދަށްވާތީ. އެކަމަކު އަޅުގަނޑަކަށް ނުފެނޭ ފައިސާ ޗާޕުކުރަން ޖެހޭ ހާލަތެއް،" ރައީސް ވިދާޅުވި އެވެ.

ސަރުކާރުން ވަނީ މިދިޔަ ދެ އަހަރު ވެސް 4.4 ބިލިއަން ރުފިޔާ ހަމައަށް ފައިސާ ޗާޕުކޮށްފަ އެވެ. އަދި މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ފައިސާ އިތުރަށް ޗާޕުކުރުގެ ހުއްދަ މި އަހަރުގެ ނިޔަލަށް އިތުރުކޮށްފައިވެ އެވެ. މިއަހަރު އޯވަޑްރޯ ނުވަތަ ފައިސާ ޗާޕްކުރާ ލިމިޓް 2.5 ބިލިއަން ރުފިޔާ އަށް ވަނީ ކުޑަކޮށްފަ އެވެ.

މީގެ އިތުރުން މިދިޔަ އަހަރުގެ ނިޔަލަށް އޯވަޑްރޯ ކޮށްފައިވާ އަދަދު ބޮންޑަކަށް ބަދަލުކޮށް 2.5 ޕަސެންޓްގެ އިންޓަރެސްޓް ރޭޓެއްގައި 50 އަހަރުން އެ ބޮންޑު އަނބުރާ ދައްކާ ގޮތަށް ވަނީ ނިންމައިފަ އެވެ. މިގޮތަށް މިއަހަރު ވެސް ފައިސާ ޗާޕުކުރަން ނިންމީ މަރުކަޒީ ބޭންކުން ދިން ލަފަޔާ ހިލާފަށެެވެ.

ޕަބްލިކް ބޭންކް އެކައުންޓް (ޕީބީއޭ) އިން ހައްދެއް ނެތި އޯވާޑްރޯކުރުމަކީ، 2013 ގެ ކުރިން ސަރުކާރުތަކުގެ އާންމު ކަމެކެވެ. އެކަމަކު ސަރުކާރު ހިންގަން ބޭނުންވާ ފައިސާ ނެގުން 2014 ގައި ހުއްޓާލި އެވެ. އޭގެ ބަދަލުގައި ޕީބީއޭ ބޭނުންކުރީ ހަމައެކަނި ސަރުކާރުގެ ދަރަނި އަދާކުރާށެވެ. ނަމަވެސް ކޮވިޑާ ގުޅިގެން ހަރަދުތައް މެނޭޖް ކުރާނެ އިތުރުގޮތެއް ނެތުމުން ސަރުކާރުން 2020 ވަނަ އަހަރު އަނެއްކާ ވެސް ފައިސާ ޗާޕުކުރަން ނިންމި އެވެ.

މަރުކަޒީ ބޭންކުން ގައުމެއްގެ ފައިސާ ޗާޕުކުރުން ލިމިޓްކޮށް ކޮންޓްރޯލް ކުރަނީ މުހިއްމު ގިނަ ސަބަބުތަކަކަށްޓަކަ އެވެ. އެއް ސަބަބަކީ އެކްސްޗޭންޖް ރޭޓް ހިފަހައްޓައި، އެ ގައުމެއްގެ އަމިއްލަ ފައިސާ އަށް އޮންނަ ޑިމާންޑް ދަމަހައްޓައި އިންފްލޭޝަން ކޮންޓްރޯލް ކުރުމެވެ. އަނެއް ސަބަބަކީ ހަރަދުތައް މެނޭޖް ކުރުމުގައި ސަރުކާރު ޒިންމާދުކުރުމެވެ