Roadha Mihaaru

ކެންދޫގައި ދޯނިތަކެއްގައި ރޯކޮށްލި މީހާ ދެ އަހަރާއި ނުވަ މަހަށް ޖަލަށް

ބ. ކެންދޫ ބަނދަރުގައި އަޅާފައި ހުރި ދޯނިތަކެއްގައި އަލިފާން ރޯކޮށްލި މައްސަލާގައި ދައުލަތުން ދައުވާކުރި މީހާ ދެ އަހަރާއި ނުވަ މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ދޯނިތަކެއްގައި ރޯކޮށްލި މީހާ ދެ އަހަރަށް ޖަލަށް

ބ. ކެންދޫ ބަނދަރުގައި އަޅާފައި ހުރި ދޯނިތަކެއްގައި އަލިފާން ރޯކޮށްލި މައްސަލާގައި ދައުލަތުން ދައުވާކުރި މީހާ ދެ އަހަރާއި ނުވަ މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

މީގެ ހަތް އަހަރު ކުރިން، އޭޕްރީލް، 2015 ގައި، ކެންދޫ ބަނދަރުގައި އަޅާފައި އޮތް ދޯންޏެއްގައި ރޯކޮށްލުމުން އަލިފާންގަނޑު ފެތުރި އަދި އިތުރު ދެ ދޯންޏަކާއި ލޯންޗެއްގައި ރޯވެފައިވާތީ ދައުލަތުން ދައުވާކުރީ ބ. ކެންދޫ މޯނިންހައުސް އަބްދުއްސަލާމް ޔޫސުފްގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުން މިދިޔަ ހޯމަ ދުވަހު ކުރި ހުކުމުގައިވަނީ އަބްދުއްސަލާމް ދައުވާއަށް އިންކާރު ކުރިޔަސް، އެ ދައުވާ އޭނާގެ މައްޗަށް ސާބިތުވާ ކަމަށެވެ.

އޭނާގެ މައްޗަށް ކުރީ ޓެރަރިޒަމްގެ ދައުވާ އެވެ. އެ ކުށުގެ އަދަބަކީ އޭރު ގާނޫނު އޮތްގޮތުން ނަމަ 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ. އެކަމަކު ފަހުން އަންނަ ގާނޫނުގެ ލުއި އަދަބު ދޭންޖެހޭތީ ކޯޓުން ނިންމީ މިހާރު އަމަލުކުރަމުންދާ ގާނޫނުލް އުގޫބާތުގެ ދަށުން މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ އަދަބު ދިނުމަށެވެ. އެ ކުށުގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުމެވެ.

ނަމަވެސް އެ ކުށުގެ ސަބަބުން ބޮޑު ގެއްލުމެއް ލިބިފައިވާތީ އާއި މުދަލަށް ލިބިފައިވާ ގެއްލުން ފަސް ލައްކަ ރުފިޔާއަށް ވުރެ ބޮޑުވާނެތީ ގާނޫނުލް އުގޫބާތުގެ ދަށުން ކޯޓުން ނިންމީ އަދަބުގެ މިންވަރު އިތުރު ތިން ދަރަޖަ މަތި ކުރުމަށެވެ. އެގޮތަށް މަތި ކުރުމުން އަބްދުއްސަލާމްގެ މައްޗަށް އަންނަނީ ދެ އަހަރާއި ނުވަ މަހާއި 18 ދުވަހަށް ޖަލަށްލުމުގެ އަދަބެކެވެ.

ޖޫރިމަނާގެ އަދަބަކަށް ބަދަލުކޮށްދޭން އަބްދުއްސަލާމްގެ ފަރާތުން އެދުނަސް، ކޯޓުން ނިންމީ ޖޫރިމަނާއަށް ބަދަލު ނުކުރުމަށެވެ. އެކަމަކު ބަންދުގައި ހޭދަކުރި 38 ދުވަސް ހުކުމުގެ މުއްދަތުން އުނިކުރުމުން އޭނާ ދެން ތަންފީޒު ކުރަން ޖެހޭނީ ދެ އަހަރާއި އަށް މަހެވެ.