28 ޑިސެމްބަރ 2016
މި އަހަރު ރާއްޖޭގެ އެންމެ މޮޅު ފިރިހެން އެތުލީޓަކަށް ހަސަން ސާއިދު އަދި އެންމެ މޮޅު އަންހެން އެތުލީޓަކަށް އަފާ އިސްމާއިލް އެތުލެޓިކްސް އެސޯސިއޭޝަނުން ހޮވައިފި އެވެ.
މި އަހަރު ރާއްޖޭގެ އެންމެ މޮޅު ފިރިހެން އެތުލީޓަކަށް ހަސަން ސާއިދު އަދި އެންމެ މޮޅު އަންހެން އެތުލީޓަކަށް އަފާ އިސްމާއިލް އެތުލެޓިކްސް އެސޯސިއޭޝަނުން ހޮވައިފި އެވެ.
އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު އެ އެސޯސިއޭޝަނުން ބޭއްވި އެތުލެޓިކްސް ނައިޓް ރޭ ޗަމްޕާ ސެންޓްރަލް ހޮޓަލުގައި ބާއްވާފައިވަނީ ކުލަަގަދަކޮށެވެ. މި ހަފުލާގައި މި އަހަރު ރާއްޖޭގެ ގައުމީ ރެކޯޑް މުގުރާލި އެތުލީޓުންނާއި ސްޕޮންސަރުންގެ އަގު ވަނީ ވަޒަންކޮށްފަ އެވެ.
މި އަހަރު ރާއްޖޭގެ އެންމެ މޮޅު ފިރިހެން އެތުލީޓުގެ މަގާމް ހޯދި ސާއިދު ވަނީ މި އަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ 100 މީޓަރު ދުވުމުންނާއި 200 މީޓަރު ދުވުމުން ރިހި މެޑަލް ހޯދައިފަ އެވެ. މީގެ އިތުރުން އިންޑިއަން ގްރޯން ޕްރީގައި ރަން މެޑަލަކާއި ރިހި މެޑަލެއް ހޯދިއިރު މި އަހަރުގެ ގައުމީ އެތުލެޓިކްސްގެ މުބާރާތުގެ 100 މީޓަރު އަދި 200 މީޓަރު ދުވުމުން އެއް ވަނަ ހޯދި އެވެ.
ގައުމީ ރެކޯޑް އާކޮށްފައިވާތީ ސާއިދު (ވ) އަށް ސްޕޯޓްސް ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު ރައްޒާގު އެވޯޑް ދެއްވަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
އަފާ އެއް ވަނަ އަންހެން އެތުލީޓުގެ މަގާމް ހޯދިއިރު އޭނާ ވެސް ވަނީ ބޭރާއި ރާއްޖޭގެ މުބާރާތްތަކުގައި މި އަހަރު ވިދާލައިފަ އެވެ. އެގޮތުން ސައުތު އޭޝިއަން ގޭމްސްގައި ރާއްޖޭގެ ހަތަރެއް ގުނަ 100 މީޓަރު ރިލޭގެ ރެކޯޑް މުގުރާލި ޓީމުގައި ހިމެނި އަދި ރިއޯ ޑި ޖެނީރޯގައި ބޭއްވި އޮލިމްޕިކްސްގައި 200 މީޓަރު ދުވުމުން ރާއްޖޭގެ ރެކޯޑް މުގުރާލި އެވެ. އަދި މި އަހަރުގެ ގައުމީ މުބާރާތުގެ 200 މީޓަރު ދުވުމުން އެއް ވަނަ ހޯދި އެވެ.
މި ދެ އެތުލީޓުންނަށް އިނާމް ހަވާލުކޮށްދެއްވީ ޝަރަފްވެރި މެހެމާން ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރެވެ.
މި އެވޯޑް ހަފުލާގައި ވަނީ ރާއްޖެ އަށް ފުރަތަމަ ފަހަރަށް އެތުލެޓިކްސް އިން ރަން މެޑަލް ހޯދައިިދިން ދުވުންތެރިޔާ ސާއިދާއި އޭނާގެ ކޯޗު އަހުމަދު ފާއިލްގެ އަގުވަޒަންކޮށް ހާއްސަ އިނާމެއް ދީފަ އެވެ. ސާއިދު އެ ކާމިޔާބީ ހޯދީ މިދިޔަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދައިގެންނެވެ. މީގެ އިތުރުން މި އަހަރު އެތުލެޓިކްސް އިން ސާއިދު ހޯދި ދެ މެޑަލް ކަމަށްވާ ސައުތު އޭޝިއަން ގޭމްސްގައި ހޯދި ދެ ރިހި މެޑަލުގެ އަގުވަޒަންކޮށް ވެސް ވަނީ އިނާމް ދީފަ އެވެ.
ގައުމީ ރެކޯޑް މުގުރާލާފައިވާ ނަޒްރާ (ވ) އަށް ކުރީގެ ދުވުންތެރިޔާ ހާނިމް އެވޯޑް ދެއްވަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
މި އަހަރު ރާއްޖޭގެ ގައުމީ ރެކޯޑްތައް މުގުރާލައިގެން އެންމެ ގިނަ އެވޯޑް ރޭ ހާސިލްކުރީ ވެސް ސާއިދެވެ. އޭނާ ވަނީ ފިރިހެނުންގެ 60 މީޓަރު ދުވުމުގެ ރެކޯޑާއި 100 މީޓަރު އަދި 200 މީޓަރު ދުވުމުގެ ގައުމީ ރެކޯޑް ވެސް ދެ ފަހަރު އާކޮށްފަ އެވެ. އަފާ ވަނީ އަންހެނުންގެ 200 މީޓަރު ދުވުމުގެ ރެކޯޑް އާކޮށްފަ އެވެ.
މިޑްލް ޑިސްޓެންސް އަށް ބަލާއިރު ފިރިހެނުންގެ ފަސް ކިލޯމީޓަރު ދުވުމުގެ ރެކޯޑް ހުސެއިން ފަޒީލް ހާރޫން އާކުރިއިރު އަންހެނުންގެ 10 ކިލޯމީޓަރު ދުވުމުގެ ރެކޯޑް މަރިޔަމް އަބްދުލްކަރީމް (މަރީ) ވަނީ އާކޮށްފަ އެވެ. އަދި އަހުމަދު ޝަރަފް ވަނީ ގައުމީ ހާފް މެރެތަން ރެކޯޑް މި އަހަރުގެ ތެރޭގައި މުގުރާލައިފަ އެވެ.
ރިލޭ އިވެންޓްތަކުގެ ތެރެއިން އަންހެނުންގެ ހަތަރެއް ގުނަ 100 މީޓަރު ރިލޭގެ ރެކޯޑް މުގުރާލައިގެން އެވޯޑް ހާސިލްކުރީ އަފާ އާއި ޝަމްހާ އަހުމަދާއި އައިމިނަތު ނަޒްރާ އަދި މިރުފަތު އަހުމަދެވެ. ފިރިހެނުންގެ ހަތަރެއް ގުނަ 100 މީޓަރު ރިލޭގެ ރެކޯޑް އާކޮށްފައިވަނީ އަޒްނީމް އަހުމަދާއި ސާއިދާއި ހުސެއިން އީނާސް އަދި ހުސެއިން ހަލީމްގެ ޓީމުންނެވެ.
ގައުމީ ރެކޯޑް އާކޮށްފައިވާ ނާއިލް (ވ) އަށް ސްޕޯޓްސް ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު ރައްޒާގު އެވޯޑް ދެއްވަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
މީގެ އިތުރުން ފިރިހެނުންގެ ހަތަރެއް ގުނަ 200 މީޓަރު ދުވުމުގެ ގައުމީ ރެކޯޑާއި ފިރިހެނުންގެ މިޑްލީ ރިލޭގެ ރެކޯޑް ޒުވާން ދުވުންތެރިން ކަމަށްވާ އަހުމަދު އަނޫފް މުހައްމަދާއި މުހައްމަދު ނާއިލާއި އަލީ ޝާމް އަަދި އިބްރާހިމް އަޝްފާން އަލީ (އައްޕި) ގެ ޓީމުން ވަނީ އާކޮށްފަ އެވެ.
ރޭގެ ހަފްލާގައި ވަނީ އެތުލެޓިކްސް އެސޯސިއޭޝަނުގެ ސްޕޮންސަރުން ކަމަށްވާ ނެސްލޭ މައިލޯ އާއި އެސްޓީއޯގެ މަކީޓާ އާއި އޮންދިގޯ އަށް ހަނދާނީ ފިލާ ދީފަ އެވެ.
އެތުލެޓިކްސް އެސޯސިއޭޝަނުގެ ރައީސް މުހައްމަދު ތޮލާލް ވިދާޅުވީ މިއީ އެތުލެޓިކްސްގެެ އެވޯޑެއް މިހާ ކުލަގަަދަކޮށް ބާއްވަ ފުރަތަމަ ފަހަރު ކަމަށާއި އަންނަ އަހަރުން ފެށިގެން ޖޫނިއާ އެތުލީީޓުންނަށް ވެސް އެވޯޑް ދޭނެ ކަމަށެވެ.
ގައުމީ ރެކޯޑް އާކޮށްފައިވާ ފަޒީލް (ވ) އަށް އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް ޝެރީނާ އެވޯޑް ދެއްވަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
ތޮލާލް ވަނީ އެތުލެޓިކްސް އަށް މިދިޔަ އަހަރުތަކުގައި އައި ކުރިއެރުމުގެ ފަހަތުގައި ތިބި ފަރާތްތައް ފާހަގަކޮށް ޝުކުރުއަދާކޮށްފަ އެވެ. އެގޮތުން އޭނާ ވަނީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ މެދުވެރިކޮށް އެތުލީޓުންނަށް ލިބޭ ތަމްރީން ފުރުސަތުތަކުގެ ފައިދާ ވަރަށް ބޮޑަށް ކުރަމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ. މީގެ އިތުރުން އެތުލީޓުން މުބާރާތްތަކަށް ދިއުމަށް ވަޒީފާ އިން ވީއްްލުމުގެ ކަންކަން ހަމަޖެހި އަދި އެތުލީޓުންނަށް ސަރުކާރުން މުސާރަ ލިބުމުގެ ސަބަބުން ޕްރޮފެޝަނަލް ބަޔަކަށް އެތުލީޓުން ވެގެން ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ރަށްރަށުގެ ކުރިންނަށް މާލޭން ސްޕޯޓްސް ސްކޮލަޝިޕް ހަމަޖެހި އަދި މަތީ ތައުލީމު ބޭނުންވާ ކުދިންނަށް އެ ފުރުސަތު ވެސް މިނިސްޓްރީ އޮފް އެޑިއުކޭޝަން ތެރެއިން ހަމަޖެހިފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.
"ބައިނަލްއަގްވާމީ ފެންވަރުގެ އެތުލެޓިކްސް ޓްރެކެއް ލިބުމަކީ ހަގީގަތުގައި އެންމެ ބޮޑު އުފާ. މިއީ އެތުލެޓިކްސް ރާއްޖޭގައި ފެށުނީއްސުރެ ކުރާ އުއްމީދެއް. ހުޅުމާލޭގައި ސަރުކާރުން އަޅަމުންދާ ޓްރެކުގެ އެންމެ ފަހުގެ މަސައްކަތްތައް ކުރަމުން މިހާރު އަންނަނީ. ކުޅިވަރު ކުރިއެރުވުމަށް މިއަދުގެ ސަރުކާރުން، ރައީސް އަބްދުﷲ ޔާމީން ކޮށްދެއްވާ މަސައްކަތްޕުޅު ފާހަގަކޮށް ޝުކުރުއަދާކުރަން،" ތޮލާލް ވިދާޅުވި އެވެ. "ސަރުކާރުން އަންނަނީ ކުޅިވަރު ކުރިއެރުވުމަށް ވަރަށް ބޮޑު އަހަމިއްޔަތުކަމެއްދީ އެކަމަށް މަސައްކަތްކޮށްދެއްވަމުން."
މީގެ އިތުރުން ތޮލާލް ވިދާޅުވީ ކޮމަންވެލްތުން ރާއްޖެ ވަކިވުމުން ގެއްލޭ ފުރުސަތުތައް ސްޕޯޓްސް މިނިސްޓްރީ މެދުވެރިކޮށް ހަމަޖެހޭނެ ގޮތް ސަރުކާރުން ފަހިކޮށްދެއްވާފައިވާ ކަމަށެވެ.
މޮޅު އެތުލީޓުންނަކީ ސާއިދު، ހިމްނާ، އަޔާން، ދާނާ
100 މީޓަރުގައި ސާއިދު އާއި ހިމްނާއަށް އެއްވަނަ
ސާއިދަށް ހާއްސަކޮށް ބޭރުގެ ޓްރޭނިން ކޭމްޕެއް
އޮލިމްޕިކްސް އަށް ތައްޔާރުވާ ސާއިދު އަށް ރޭހެއް ނުދިން
ސާއިދު އަތުން މޮޅު އެތުލީޓްގެ އެވޯޑް ދޫވެ އިބާދުﷲއަށް
ރެކޯޑަކާ އެކު އެންމެ މޮޅު އެތުލީޓްގެ އެވޯޑް ފަސޫހާއަށް
އެސްއޭ ގޭމްސްގެ ދެ ރަން މެޑަލިސްޓުން ގައުމީ މުބާރާތަށް
އުފަން ދުވަހު، ފަސޫހާ ގައުމީ ރެކޯޑް މުގުރާލައިފި
އޮލިމްޕިކްސްއަށް ފޮނުވުމުގައި ބޭއިންސާފެއް ނުވަން
މުގުރާލަން އުނދަގޫ 100 މީޓަރުގެ ރެކޯޑް ރޫޔާ އަށް