Roadha Mihaaru
އިޓަލީ - އާޖެންޓީނާ: ޗެމްޕިއަނުންގެ މެޗު ވެމްބްލީގައި

އިޓަލީ އާއި އާޖެންޓީނާ ބައްދަލުކުރާ ޗެމްޕިއަނުންގެ މެޗު މިރޭ ވެމްބްލީގައި

01 ޖޫން 2022

ލަންޑަން (ޖޫން 1) - ޔޫރަޕާއި ދެކުނު އެމެރިކާގެ ޗެމްޕިއަނުންގެ މެދުގައި 20 ވަނަ ގަރުނުގެ ފަހުކޮޅު އާޓެމިއޯ ފްރަންޗީ ކަޕުގެ ނަމުގައި ކުޅުނު މެޗު، 29 އަހަރު ފަހުން 'ފިނާލިސިމާ 2022' ނަމުގައި މިރޭ އިނގިރޭސިވިލާތުގެ ވެމްބްލީގައި ކުޅޭނެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ލަންޑަން (ޖޫން 1) - ޔޫރަޕާއި ދެކުނު އެމެރިކާގެ ޗެމްޕިއަނުންގެ މެދުގައި 20 ވަނަ ގަރުނުގެ ފަހުކޮޅު އާޓެމިއޯ ފްރަންޗީ ކަޕުގެ ނަމުގައި ކުޅުނު މެޗު، 29 އަހަރު ފަހުން 'ފިނާލިސިމާ 2022' ނަމުގައި މިރޭ އިނގިރޭސިވިލާތުގެ ވެމްބްލީގައި ކުޅޭނެ އެވެ.

މިދިޔަ އަހަރު ބޭއްވި ޔޫރޯ ކާމިޔާބުކުރި އިޓަލީ އާއި ކޮޕާ އެމެރިކާ ހޯދި އާޖެންޓީނާ ވާދަކުރާ މެޗު، އިޓަލީގެ ނަޕޯލީގެ ހޯމް ސްޓޭޑިއަމް، ސްޓޭޑިއޯ ޑިއޭގޯ އަރްމާންޑޯ މަރަޑޯނާގައި ކުޅޭނެ ކަމަށް ކުރިން ބެލެވުނެވެ. ނަމަވެސް ޔޫއެފާ އާއި ކޮންމެބޮލްގެ ހާއްސަ މަސައްކަތްތަކަށް ލަންޑަނުގައި އޮފީހެއް ހުޅުވުމާ އެކު ވެމްބްލީގައި މި ހާއްސަ މެޗު ކުޅެން ހަމަޖެއްސި އެވެ.

އިޓަލީ ވަނީ ވެމްބްލީގައި މިދިޔަ އަހަރު ކުޅުނު ޔޫރޯ މުބާރާތުގެ ފައިނަލުގައި އިންގްލެންޑް ބަލިކޮށް ޗެމްޕިއަންކަން ހޯދައިފަ އެވެ. ނަމަވެސް އެ ފޯމުގައި ކުޅުނު އިޓަލީ އަށް މި އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައި ވެވޭ ގޮތެއް ނުވި އެވެ. މިއީ ޖެހިގެހިގެން އިޓަލީ ވޯލްޑް ކަޕަށް ކޮލިފައި ނުވި ދެވަނަ ފަހަރެވެ.

އާޖެންޓީނާ އިން ތައްޓެއް ހޯދަން 28 އަހަރު ދުވަހު ކުރި އިންތިޒާރަށް ނިމުމެއް އައީ ލިއޮނެލް މެސީގެ ކެޕްޓަންކަމުގައި މިދިޔަ އަހަރުގެ ކޮޕާ އެމެރިކާ މުބާރާތުގެ ޗެމްޕިއަންކަމާ އެކު އެވެ. އާޖެންޓީނާ ވަނީ ކޮޕާ އެމެރިކާ އެންމެ ގިނައިން ކާމިޔާބުކުރި ޓީމުގެ ރެކޯޑް އޮންނަ އުރުގުއޭއާ ހަމަކޮށްފަ އެވެ.

މިއީ ކޮންމެބޯލް އާއި ޔޫއެފާގެ ޗެމްޕިއަނުން، ތާރީހުގައި ވެސް ކުޅޭ މިފަދަ ފުރަތަމަ މެޗެވެ. އެންމެ ފުރަތަމަ 1985 ވަނަ އަހަރު ފްރާންސްގައި ކުޅުނު މެޗު އެ ގައުމުން ކާމިޔާބުކުރީ 2-0 އިން އުރުގުއޭ ބަލިކޮށްފަ އެވެ. އެއަށް ފަހު 1993 ވަނަ އަހަރު އާޖެންޓީނާގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބުކުރީ ޑެންމާކާ ދެކޮޅަށް ކުޅެ ޕެނަލްޓީ ޖަހައިގެންނެވެ. އެ މެޗަކީ އާޖެންޓީނާގެ ލެޖެންޑް މަރަޑޯނާގެ ކެރިއަރުގައި ހޯދި އެންމެ ފަހު ކާމިޔާބީ އެވެ.

އެންމެ ފަހުން އިޓަލީ އާއި އާޖެންޓީނާ ބައްދަލުކޮށްފައި ވަނީ 2018 ވަނަ އަހަރު ރަހުމަތްތެރިކަމުގެ މެޗެއްގަ އެވެ. މެންޗެސްޓާ ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު އެ މެޗު 2-0 އިން ކާމިޔާބު ކުރީ އާޖެންޓީނާ އިންނެވެ. ނަމަވެސް ބައިނަލްއަގުވާމީ ވާދަވެރި މުބާރާތެއްގައި ކުޅުނީ 1990 ވަނަ އަހަރު އިޓަލީގައި ބޭއްވި ފީފާ ވޯލްޑް ކަޕުގަ އެވެ. އެ މެޗު ވެސް ކާމިޔާބުކުރީ އާޖެންޓީނާ އެވެ. ޕެނަލްޓީ ޖަހައިގެން ފައިނަލަށް ދަތުރުކުރި އެ މެޗުގައި މަރަޑޯނާ ވަނީ އާޖެންޓީނާގެ ފަހު ޕެނަލްޓީ ކާމިޔާބު ކޮށްފަ އެވެ.

ޔޫރަޕާއި ދެކުނު އެމެރިކާގެ ޗެމްޕިއަނުންނަށް ކޮންޓިނެންޓަލް މި މެޗު ހާއްސަވާ ސަބަބަކީ، މިހާތަނަށް ފީފާ ވޯލްޑް ކަޕް ކާމިޔާބުކޮށްފައި ވަނީ މުޅިން ވެސް މި ދެ ބައްރުގެ ގައުމުތަކުންނެވެ. ޔޫރަޕުން އިޓަލީގެ އިތުރުން ޖަރުމަނާއި ފްރާންސް އަދި ސްޕެއިން އާއި އިންގްލެންޑުން ޖުމްލަ 12 ފަހަރު ވޯލްޑް ކަޕް ކާމިޔާބު ކޮށްފައި ވެ އެވެ. އަދި އާޖެންޓީނާގެ އިތުރުން ދެކުނު އެމެރިކާ ބައްރުގެ ބްރެޒިލް އަދި އުރުގުއޭ ވަނީ މުޅިއަކު ނުވަ ފަހަރު މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. އަދި ފައިނަލުގައި މިހާތަނަށް ކުޅެފައި ވަނީ ވެސް މުޅިން ވެސް މި ދެ ބައްރަށް ނިސްބަތްވާ ޓީމުތަކެވެ.

އާޖެންޓީނާ އާއި އިޓަލީ ވާދަކުރާ ޗެމްޕިއަނުންގެ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 11:45 ގަ އެވެ.