Roadha Mihaaru
"މިނިސްޓްރީ އޮފް ހެޕިނަސް" އުފައްދާނަން: ނާޒިމް

އިސްރަށްވެހިންނަށް "މިނިސްޓްރީ އޮފް ހެޕިނަސް" އުފައްދާނަން: ނާޒިމް

26 މެއި 2022

މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ވެރިކަމެއްގައި އިސް ރަށްވެހިންނަށް "މިނިސްޓްރީ އޮފް ހެޕިނަސް" އުފައްދާނެ ކަމަށް އެ ޕާޓީގެ ވަގުތީ ލީޑަރު، ދަގެނތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ރޭ ވިދާޅުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ވެރިކަމެއްގައި އިސް ރަށްވެހިންނަށް "މިނިސްޓްރީ އޮފް ހެޕިނަސް" އުފައްދާނެ ކަމަށް އެ ޕާޓީގެ ވަގުތީ ލީޑަރު، ދަގެނތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ރޭ ވިދާޅުވެއްޖެ އެވެ.

ޕެންޝަން ސްކީމާ ބެހޭ ގޮތުން ހެދި ދިރާސާއަކުން ފާހަގަވި މައްސަލަަތައް ރައްޔިތުންގެ މަޖިލީހަށް އެމްއެންޕީގެ ނައިބު ރައީސް އަދި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ހުށަހެޅުއްވި ނަމަވެސް އެ މައްސަލައަށް ބަހުސް ކުރުމެއް ނެތި މައްސަލަ ވަނީ ބޭރުކޮށްލައިފަ އެވެ. އެކަމާ ގުޅިގެން އެމްއެންޕީން ރޭ ބޭއްވި "ރައްޔިތުންގެ އުދާސް" ޖަގަހަ ޖަލްސާގައި ނާޒިމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

އޭނާ ވިދާޅުވީ، އެމްއެންޕީ އުފެއްދުމުގެ ބޭނުންތަކުގެ ތެރެއިން އެއް ކަމަކީ ދިވެހިންނަކީ އުފާފާގަތިކަމާއި ބަޔަކަށް ބަރޯސާނުވެ ހިތްހަމަޖެހިގެން އުޅެވޭ ބަޔަކަށް ހެދުން ކަމަށެވެ. އެކަމަކު ފުދުންތެރި ބަޔަކަށް މިއަދު އިސްރަށްވެހިން ނުވާ ކަމަށާއި އެ މީހުން ވަނީ ވަރަށް ބޮޑަށް ނިކަމެތިވެފައި ކަމަށް އޭނާ ވިދާޅުވި އެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމް ވިދާޅުވިގޮތުގައި، ދުވަސްވީ މީހުންނަށް އަޅާލައި އެ މީހުންގެ ބަސް އިއްވާނެ ބަޔަކު ވެސް މިއަދަކު ނެތެވެ.

ނާޒިމް ވިދާޅުވީ، އެމްއެންޕީން ވަނީ އިސް ރަށްވެހިންގެ ޖަމިއްޔާއާ ބައްދަލުކޮށް، އެ މީހުންގެ ކަންބޮޑުވުންތައް އަހާފައި ކަމަށެވެ. އެކަމަކު ދައުލަތުގެ ބަޖެޓްގެ ދަތިކަމާ ހުރެ އިސް ރަސް ރަށްވެހިންގެ ކަންބޮޑުވުންތައް ހައްލުކުރެވެން ނެތް ކަމަށް ކަމާބެހޭ ފަރާތްތަކުން އަންގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބައްދަލުކުރިން އިސް ރަށްވެހިންގެ ޖަމިއްޔާއާ. ރައްޔިތުންނާ ބައްދަލުކޮށް، ކަމާބެހޭ ހުރިހާ އިދާރާއަކާ ބައްދަލުކޮށްފިން. އެކަމަކު ކީކޭތޯ ދަންނަވަނީ. ބަޖެޓްގެ ދަތިކަމާ ހުރެ އެކަން ވާކަށް ނެތޭ. މީތޯ މިއަދު ބޭނުންވާ ޖަވާބަކީ،" ނާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، އެމްއެންޕީގެ ސަރުކާރެއް އަތުވެއްޖެ ނަމަ، އިސް ރަށްވެހިންނަށް ހައްގު މަގާމު ހޯދައިދީ، އިނާޔަތްތައް ވެސް ދޭނެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި ހައްގުތަކުގެ ވާހަކަ އެންމެ ބާރަށް ދައްކަމުން އަންނައިރު ނާޒިމް ވިދާޅުވީ، މަޖިލީހުގެ މެމްބަރުން ފަސް އަހަރުގެ ދައުރަކަށް މެމްބަރުކަން ކުރެއްވުމުން އެތައް ބައިވަރު އިނާޔަތްތަކެއް ލިބޭ ކަމަށެވެ. މެމްބަރުންނަށް އިނާޔަތްތައް ހަމަޖައްސަން ވުމުން ފައިސާގެ ދަތިކަން ވެސް ނޯންނަ ކަމަށާއި އެކަމަކު އެ ފައިސާ މެމްބަރުންނަށް ދިނުމާ ދެކޮޅު ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު ދަންނަވާނީ އެ ފައިސާ މެމްބަރުންނަށް ދޭނެ ކަމެއް ނެތޭ. އަޅުގަނޑުމެން މެމްބަރުންނަށް މި ތިބީ. އެ ފައިސާ ކަނޑާލައްވާ. އަޅުގަނޑުމެން އެ ލާރި ބޭނުމެއް ނޫން މިއަދަކު،" ސިޔާސީ ޕާޓީތަކަށް ވެސް ދައުލަތުން ބަޖެޓް ދޭތީ އެ ކަމާ ދެކޮޅު ހަދާ ޕާޓީގެ ލީޑަރު ވިދާޅުވި އެވެ.

ބޮޑު މުސާރަ ނަގައިގެން އަޅުގަނޑުމެން ކީއްތޯ އެ ތާނގައި [ރައްޔިތުންގެ މަޖިލިހުގައި] މި ކުރަނީ. ކުރާ ކަމެއް ހަރާން"--- ނާޒިމް

މެމްބަރުންނަށް ފަސް އަހަރުގެ ދައުރެއް ފުރިހަމަކުރުމުން އޮފިޝަލް ޕާސްޕޯޓަކާއި ޕެންޝަން ލިބޭ ކަމަށާއި އެކަމަކު އެއީ ބޭނުންވާ އެއްޗެއް ނޫން ކަމަށް ނާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެމްއެންޕީން ބޭނުންވަނީ ހިދުމަތުގައި ތިބި މީހުންނަށް އެ ފައިސާ ލިބުމަށް ކަމަށެވެ. އަދި އެ ޕާޓީގެ ވެރިކަމެއްގައި "މިނިސްޓްރީ އޮފް ހެޕިނެސް" އުފައްދަވާނެ ކަމަށް ވިދާޅުވި އެވެ. އޭގެ ބޭނުމަކީ ނާޒިމް ވިދާޅުވިގޮތުގައި، އުފާވެރިކަމާ އެކު ތިބެވޭނެ ގޮތެއް ހަމަޖައްސައި، އިސް ރަށްވެހިންނާ އެކު މަސައްކަތް ކުރުމެވެ.

މިދިޔަ ހަފުތާގައި އެމްއެންޕީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލާގައި ވަނީ ރިޓަޔަމަންޓް ސްކީމާއި އުމުރުން ދުވަސްވުމުން ދޭ އިނާޔަތާ މުޅިން ތަފާތު ދެ ސްކީމަކަށް ވެފައި ދައުލަތުގެ ބަޖެޓަށް ބުރަ ބޮޑުވުމަކީ އެއްވެސް މީހެއްގެ ހައްގަށް އުނިކަމެއް އަންނަން ޖެހޭނެ އުޒުރެއް ނޫން ކަމަށެވެ.

މިހާރު އޮންނަ ގޮތުން ގިނަ ދުވަހު ވަޒީފާ އަދާކޮށްގެން ރިޓަޔާ ވެފައިވާ މީހުންނާއި ވަޒީފާ އަދާނުކޮށް އުމުރުން ދުވަސްވުމުން އިނާޔަތް ލިބޭ މީހުންނާ ދެމެދު މާ ބޮޑު ތަފާތެއް ނޯވެ އެވެ.